މީރާއަށް މިއަހަރުގެ ތެރޭގައި ލިބުނު ބަޖެޓް ވަރަށް ބޮޑަށް ކުޑަވެ މީރާ މަސައްކަތްތަކަށް ބުރޫއަރާނެތީ މީރާ މެދުވެރިކޮށް ދައުލަތަށް ލިބޭނެ ކަމަށް ލަފާކުރިވަރާ އެއްވަރަށް އާމްދަނީ ނުލިބޭނެ ކަމަށް އެ އޮފީހުން ބުނެފި އެވެ.

ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަން މުހަންމަދު ޔަޒީދު ސަން އޮންލައިންއަށް ވިދާޅުވީ ބޮޑު ބައެއް އުނިކުރުމަށް ފަހު މިއަހަރަށް މީރާއަށް ދޫކުރި ބަޖެޓަކީ 39 މިލިއަން ރުފިޔާ ކަމަށާއި އެ ފައިސާއަކީ މީރާގެ ރިކަރަންޓް ހަރަދުތައް ކިރިޔަކިރިޔާ ފޫބެއްދޭ ވަރުގެ ފައިސާ ކަމަށެވެ. ފައިސާ އުނިކޮށްފައިވާ ދާއިރާތަކުގެ ތެރޭގައި މުވައްޒަފުންގެ މުސާރައަށް ކުރާ ހަރަދުގެ ފަސް ޕަސެންޓް އުނިކޮށްފައިވާއިރު މިއަހަރު ތެރޭ ހިންގަން ރާވާފައިވާ ޕްރޮގްރާމްތަކުގެ ހަރަދުންވެސް 70 ޕަސެންޓް އުނިކޮށްފައިވާ ކަމަށްވެސް ޔަޒީދު ވިދާޅުވި އެވެ. އޭގެ ނަތީޖާއަކަށް ވާނީ ޓެކްސްގެ ގޮތުގައި ލިބެންޖެހޭ ފައިސާ ހޯދުމަށް މީރާއަށް މަސައްކަތް ނުކުރެވުން ކަމަށް އޭނާ ވިދާޅުވި އެވެ.

"މިއީ އަޅުގަނޑުމެން އޮފީސްލައްޕާލާފައި ހުޅުވާލެވޭނެހާ ބަޖެޓެއް. އެހެން ކަމެއް ކުރާކަށް އަޅުގަނޑުމެންނަކަށް ބަޖެޓެއް ނެތް. އަންނަ އަހަރުގެ ޕްރޮގްރާމްތަކުން މުޅިން މި އޮތީ ބަޖެޓް އުނިކޮށްފައި. އެހެންވީމައި އަޅުގަނޑުމެންނަށް މިހާރު ލަފައެއް ނުކުރެވޭ ލިބޭނެ ކަމަށް ލަފާކުރި ވަރަށް އާމްދަނީ ހޯދިދާނެ ކަމަކަށް. އެއީ ބަޖެޓް ނެތީމައި މީރާއަށް ފައިސާ ހޯދަން ކުރަން ޖެހޭ މަސައްކަތްތަކެއް ނުކުރެވޭނެ. ގާތްގަނޑަކަށް އަންދާޒާ ކުރި ވަރަށް ވުރެ 30 ޕަސެންޓް ދަށްވާނެ ކަމަށް މިބެލެވެނީ އާމްދަނީ،" ޔަޒީދް ވިދާޅުވި އެވެ.

މިދިޔަ އަހަރުގެ ތެރޭގައި މީރާގެ ބަޖެޓަކީ 76 މިލިއަން ރުފިޔާ އެވެ. އަދި މިއަހަރަށް މީރާއިން ލަފާކޮށް ފިނޭންސް މިނިސްޓްރީއަށް ފޮނުވީ 75 މިލިއަން ރުފިޔާގެ ބަޖެޓެކެވެ. ނަމަވެސް ފިނޭންސުން މަޖިލީހަށް ފޮނުވީ 62 މިލިއަން ރުފިޔާގެ ބަޖެޓެކެވެ.

ޔަޒީދު ވިދާޅުވީ މިއަހަރުގެ ތެރޭގައި އިންކަމް ޓެކްސް ނެގުމަށް އާންމު ހޭލުންތެރި ކުރުމަށް ގިނަ ޕްރޮގްރާމްތަކެއް ހިންގުމަށް އެ އޮތޯރިޓީން ރޭވި ކަމަށާއި ނަމަވެސް ބަޖެޓް ކުޑަކުރުމުން އެފަދަ އެއްވެސް ޕްރޮގްރާމެއް ހިންގެން ނެތް ކަމަށެވެ. އަދި ވިދާޅުވީ ގިނަ ޓެކްސްތަކަކާ ގުޅޭ ގޮތުން އާންމުން ހޭލުންތެރި ކުރުވުމަށް ގިނަ މަސައްކަތްތަކެއް ކުރަން ޖެހިފައިވާއިރު ބަޖެޓް ކުޑަކުރުމުގެ ސަބަބުން މިއަހަރު އެފަދަ އެއްވެސް މަސައްކަތެއް ކުރެވެން ނެތް ކަމަށެވެ.

"އަޅުގަނޑުމެން ދެން ޖެހޭނީ މުވައްޒަފުންނަށް މުސާރަދީފައި އޮފީސް ހުޅުވާލައި ލައްޕާލައިގެން ތިބެން އަޅުގަނޑުމެންނަކަށް ނެތް މިއަހަރު އާމްދަނީ އިތުރުކުރުމަށްވެސް މި ޓެކްސް ނިޒާމަށްވެސް ރައްޔިތުން ހޭލުންތެރިކުރުވަން ކަމެއް ކުރެވޭކަށް. ބަޖެޓް މިއޮތީ އެކީއެކަށް ކަހަލަގޮތަކަށް ކަނޑާލާފައި،" ޔަޒީދު ވިދާޅުވި އެވެ. ބަޖެޓް ކޮމެޓީން ބަޖެޓް ދިރާސާ ކުރަމުން ދިޔައިރުވެސް މީރާއިން ވަނީ އެ އޮފީހަށް ބަޖެޓް އިތުރުކުރުމަށް އެދިފަ އެވެ.

މީރާއަކީ ދައުލަތަށް ލިބޭ އާމްދަނީގެ 90 ޕަސެންޓް ލިބޭ އިދާރާ އެވެ. މިދިޔަ އަހަރުގެ ނޮވެމްބަރު މަހާ ހަމައަށް އެކަނިވެސް މީރާ މެދުވެރިކޮށް ދައުލަތުގެ އާމްދަނީއަށް 141.5 މިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ.

މަޖިލީހަށް 16.9 ބިލިއަން ރުފިޔާގެ ބަޖެޓް 15.3 ބިލިއަން ރުފިޔާއަށް ފެއްތީ ރިކަރަންޓް ގިނަ ހަރަދުތަކެއް ކުޑަކުރުމަށްފަހު އެވެ. އޭގެ ތެރޭގައި އޮފީސް ހިންގުމަށް ހިނގާ ހަރަދުތަކާއި އޮފީހަށް ބޭނުންވާ ހަރުމުދާ ގަންނަން ހިނގާ ހަރަދުތަކުގެ ވަރަށް ބޮޑުބައި ވަނީ އުނިކޮށްފަ އެވެ. އެއާ އެކު އޭސީސީންވެސް އިއްޔެ ބުނެފައިވަނީ ބަޖެޓް ކުޑަވުމުގެ ސަބަބުން މިއަހަރު ކޮމިޝަނަށް މަސައްކަތް ނުކުރެވޭނެ ކަމަށެވެ. ކޮމިޝަންގެ ރައީސް ހަސަން ލުތުފީ ވިދާޅުވެފައިވަނީ މިއަހަރުގެ ބަޖެޓުން ކުރެވޭނެހާވެސް ކަމަކީ އޮފީސްހުޅުވާ ލެއްޕުން ކަމަށެވެ.