އައްޑޫ ސިޓީ ހިތަދޫގައި މިމަހުގެ އެއްވަނަ ދުވަހުގެ ރޭ ހިނގި އެކްސިޑެންޓެއްގައި ސީރިއަސް އަނިޔާ ތަކެއް ލިބުނު ޒުވާނަކަށް އައިޖީއެމް ހޮސްޕިޓަލް އައިސީޔޫގައި ފަރުވާ ދެމުން ދަނިކޮށް މިއަދު ހެނދުނު މަރުވެއްޖެ އެވެ.

މި މަހުގެ އެއްވަނަ ދުވަގުރޭ 11:30 އެހާކަންހާއިރު ހިތަދޫ ބޮޑުމަގުން، ހޭޅި ފިހާރަ ކުރިމަތީ ދެ ސައިކަލް ޖެހި ހިނގި އެކްސިޑެންޓްގައި ބޮލަށް ލިބުނު އަނިޔާތަކަށް ފަރުވާދެމުން ދަނިކޮށް މަރުވީ ސ. ހިތަދޫ، ހާލާފަރު، 27 އަހަރުގެ މުހައްމަދު ދީދީ އެވެ.

މުހައްމަދު ދީދީ މިއަދު ހެނދުނު މަރުވެފައިވާ ކަން ފުލުހުން ވަނީ ކަށަވަރު ކޮށްދީފަ އެވެ. ފުލުހުން ބުނީ މުހަންމަދު ދީދީ މަރުވީ އެ އެކްސިޑެންޓްގައި ލިބުނު ސީރިއަސް އަނިޔާތަކަކަށް އައިޖީއެމްއެޗްގައި ފަރުވާދެމުން ދަނިކޮށް މިއަދު ހެނދުނު ކަމަށެވެ. ނަމަވެސް އިތުރު އެއްވެސް މައުލޫމާތެއް ފުލުހުން ހާމައެއްނުކުރެ އެވެ. އެނގިފައިވާ ގޮތުގައި މުހައްމަދު ދީދީ މަރުވެފައިވަނީ ބޮލަށް ލިބުނު އަނިޔާތަކުގެ ސަބަބުން ހޭނާރާ އެޮވެ އެވެ.

އެ އެކްސިޑެންޓްގައި މުހައްމަދު ދީދީގެ އިތުރުން އެހެންމީހަކަށްވެސް ވަނީ އަނިޔާ ވެފައެވެ. ނަމަވެސް އޭނާގެ ހާލު އެހާ ސީރިއަސް ނޫންކަމަށް މައުލޫމާތުލިބެ އެވެ. އެ މައްސަލައިގައި އައިޖީއެމްއެޗްގެ ބަހެއް އަދި ވަނީ ލިބޭގޮތްނުވެފަ އެވެ.