04 Jan 2013, 11:38
ރާއްޖެ މިހާރު އޮތް ހާލަތުގައި އަދާލަތު ޕާޓީ އުވާލައިފި ނަމަ އަލުން އެނބުރި މިހާރު އޮތް ހާލަތައް އާދެވޭނީ 80 އަހަރުފަހުން ކަމަށް އެ ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.
އަދާލަތު ޕާޓީއަށް މެންބަރުން އިތުރުކުރުމުގެ ކެމްޕޭން ފެށުމުގެ ގޮތުން ޣިޔާސުއްދީން ސްކޫލުގައި ރޭ ބޭއްވި ޖަލްސާގައި އިމްރާން ވިދާޅުވީ ރާއްޖެ މިހާރު އޮތް ހާލަތަށް އެނބުރި އައުމަށް 80 އަހަރު ނަގާނެ ކަމަށާއި އެހެން ކަމުން އަދާލަތު ޕާޓީއަށް ބޭއްވުން ރައްޔިތުންގެ މައްޗަށް ލާޒިމް ވާނެ ކަމަށެވެ.
"މި ސިޔާސީ ހާލަތުގައި އަދާލަތު ޕާޓީ އުވާލެއްވިއްޖެ ނަމަ ދެން މި ގައުމު ސަލާމަތްކުރެވި މިހާރުގެ މި ހާލަތައް ގެނެވޭނީ މީގެ އަށްޓިހަ އަހަރު ފަހުންނޭ ބުނުމުން ކުށަކަށްނުވާނެ. އެހެން ކަމުން އެ ސަބަބައްޓަކައި އަދާލަތު ޕާޓީ ބޭއްވުން ތި ބޭފުޅުންގެ މައްޗަށް ލާޒިމް ވެގެންވޭ. ލާޒިމް ވެގެންވޭ ހުރިހާ ރައްޔިތުންގެ މައްޗަށް،" އިމްރާން ވިދާޅުވި އެވެ.
މިދިޔަ ޑިސެމްބަރު މަހު ރައްޔިތުންގެ މަޖިލީހުން ފާސްކުރި ސިޔާސީ ޕާޓީތަކުގެ ބިލާއި ބެހޭ ގޮތުން އިމްރާން ވިދާޅުވީ ދެތިން ޕާޓީ އޮންނަ ގޮތަށް އެ ބިލް ފާސްކުރުމަކީ ހުދުމުހްތާރު ވެރިކަމަށް ގާއިމުކުރުމަށް މަސައްކަތްކުރަމުންދާކަން ހާމަވެގެން ދިޔަ ކަމެއް ކަމަށާއި ނަމަވެސް މެންބަރުންގެ އަދަދު 5000 މެންބަރުނަށް މަދު ކުރުމަށް އަދި މަޖިލީހުގައި ބަހުސް ކުރާނެ ކަމަށެވެ.
މީގެ އިތުރުން އިމްރާން ވިދާޅުވީ ސިޔާސީ ޕާޓީގެ ފިކުރުގައި ޖެހި އެއްބަނޑު އެއްބަފާކަމުގެ ގުޅުން ކެނޑެމުންދިއުމާއި އިޖްތިމާއީ ފޭރާން ހަލާކުވެގެން ދިއުން ހައްލުކުރުމަށް ވަކި ނިޒާމް ތަކެއް ގާއިމް ކުރަން ޖެހޭ ކަމަށާއި ނޫނީ ޕާޓީތައް އުވާލަން ޖެހޭ ކަމަށެވެ.
"އިޖްތިމާއީ ފޭރާން ވީދި ވިއްސިވިހާލި ވެއްޖެ. އެއް ޕާޓީއެއް ތެރޭގައި ތަޅާފޮޅުމާއި އަރާރުންވުމާއި ހުތުރުބަސްތަކުން ރައްދު ގިނަވާ ހިސާބަށް ކަންތައް ގޮސްފި. މަންމައާއި ދަރިފުޅު ވާހަކަ ނުދައްކާ، މަންމަ ދަރިފުޅު ގެއިން ބޭރަށް ދާ ހިސާބަށް ކަންތައް ގޮސްފި. އެހެން ކަމުން އަޅުގަނޑު ދަންވާލަން ބޭނުންވަނީ ސިޔާސީ ޕާޓީތައް ދެ ހައްލުން އެ ހައްލު ހޯދަން ޖެހިއްޖެ،" އިމްރާން ވިދާޅުވި އެވެ.
އަދާލަތު ޕާޓީ އުވިގެންނުދާނެ ކަމަށް ވިދާޅުވެ ރާއްޖޭގައި އެކި ދާއިރާތަކުން ތައުލީމް ހާސިލް ކުރައްވައިގެން ތިއްބެވި ބޭފުޅުން އެ ޕާޓީއާ ގުޅިވަޑައިގަތުމަށް އިމްރާންވަނީ ގޮވާލައްވާފަ އެވެ.
އިމްރާން ވިދާޅުވީ ސިޔާސީ ހިޔާލް ތަފާތުވުން ތަކާއިއެކުވެސް "އެއްތަށި މަތިން ކައިގެން" އުފާވެރި ދިރިއުޅުމެއް އުޅެވޭނެ ނިޒާމެއް ގާއިމުނުކުރެވިއްޖެ ނަމަ ސިޔާސީ ޕާޓީތައް އުވާލުމުގެ އެންމެ އިސް ސަފުގައި އޭނާ ހުންނަވާނެ ކަމަށެވެ.
"ތަފާތު ޕާޓީތަކަށް ނިސްބައްވުމާއި އެކުގައިވެސް އެއް ގޭގެ އެއްތަށިމަތިން ކައިގެން ހިނިތުންވެ ވާހަކަދައްކައިލައިގެން އުފާވެރި ދިރިއުޅުމެއްގައި އުޅެވޭނެ ނިޒާމެއް އުޅެލޭވެނެ ގޮތެއްް އަޅުގަނޑުމެން ބައްޓަން ކުރަންވެއްޖެ. މިކަން ނުކުރެވިއްޖެ ކަމަށްވާނަމަ ސިޔާސީ ޕާޓީތައް އުވާލުމަށް އެންމެ ފުރަތަމަ މީހަކަށް އަޅުގަނޑުވާނަން،" އިމްރާން ވިދާޅުވި އެވެ.
ރޭގެ ޖަލްސާގައި ވާހަކަ ދެއްކެވި ހުރިހާ ބޭފުޅުންވެސް ވަނީ އަދާލަތު ޕާޓީ އުވިގެންނުދާ ކަމަށް ވިދާޅުވެ ވާހަކަ ދައްކަވާފަ އެވެ. އަދި ރޭގެ ޖަލްސާގައި ބައެއް މީހުން ވަނީ އެ ޕާޓީއަށް ސޮއިވެސްކޮށްފަ އެވެ.