ރާއްޖޭގެ އިގްތިސޯދުގެ ސިނާއަތްތަކަށް އައި ހީނަރުކަމާ އެކު ރާއްޖޭގެ އުފެއްދުންތެރިކަން، ނޫނީ އިގްތިސޯދުގެ ކުރިއެރުން 3.4 ޕަސެންޓަށް މިދިޔަ އަހަރު ތެރޭގައި ވެއްޓިފައިވާ ކަމަށް މަރުކަޒީ ބޭންކް، އެމްއެމްއޭއިން ބުނެފި އެވެ.

އެ ބޭންކް މަހަކު އެއްފަހަރު ނެރޭ އިގްތިސޯދީ ރިވިއުގެ އެންމެ ފަހުގެ އެޑިޝަންގައި ބުނެފައިވަނީ އިގްތިސޯދު ކުރިއަރާނެ ކަމަށް މިދިޔަ އަހަރު ލަފާކުރީ 5.5 ޕަސެންޓްގައި ނަމަވެސް މިދިޔަ އަހަރު ނިމުނީއިރު ގައުމުގެ އުފެއްދުންތެރިކަން ހުރީ 3.4 ޕަސެންޓްގައި ކަމަށެވެ. އެގޮތަށް ދިމާވީ ޓޫރިޒަމް ސިނާއަތް ލަފާކުރި އަދަދާ އެއްވަރަށް ކުރިއަރައިގެން ނުދިޔުމުން ކަމަށް އެކޮނޮމިކް ރިވިއުގައި ވަނީ ފާހަގަކޮށްފަ އެވެ.

ޓޫރިޒަމް ސެކްޓަރަށް މިދިޔަ އަހަރުގެ ތެރޭގައި ވެރިކަން ބަދަލުވުމާ އެކު ބޮޑު ހީނަރުކަމަކާއި ކުރިމަތިވި އެވެ. ރާއްޖޭގައި އުފެދުނު ސިޔާސީ ހަލަބޮލިކަމާ އަދި އެއާ ގުޅިގެން އައި ބޮއެކޮޓް ކެމްޕޭންތަކުގެ ސަބަބުން ރާއްޖެ އަންނަން ޓޫރިސްޓުން ހެދި ބުކިންސްތައް ކެންސަލްކުރި އެވެ. އަދި މިއަހަރު ނިމުނުއިރު އެއްމިލިއަން ޓޫރިސްޓުން އަންނާނެ ކަމަށް ބެލެވުނު ނަމަވެސް އެ އަދަދަށް ޓޫރިސްޓުން ޒިޔާރަތްކޮށްފައެއްނުވެ އެވެ.

ނަމަވެސް އެކޮނޮމިކް ރިވިއުއިން ދައްކާގޮތުން 2011 ވަނަ އަހަރުގެ ޖެނުއަރީން ނޮވެމްބަރު މަހާ ދެމެދު ރާއްޖެ ޒިޔާރަތްކުރި ޓޫރިސްޓުންނަށް ވުރެ މިދިޔަ އަހަރުގެ އެ މުއްދަތުގައި ޒިޔާރަތްކުރި ޓޫރިސްޓުން ވަނީ އިތުރުވެފަ އެވެ. ނަމަވެސް އެ މުއްދަތުގައި ޔޫރަޕުން ޒިޔާރަތްކުރި ޓޫރިސްޓުންގެ އަދަދު ވަނީ ދަށްވެ ޗައިނާއިން އައި ޓޫރިސްޓުންގެ އަދަދު ވަނީ އިތުރުވެފަ އެވެ. މިދިޔަ އަހަރު އެންމެ ބޮޑަށް ފާހަގަ ކުރެވުނު އެއްކަމަކީ ޓޫރިސްޓުން ރާއްޖޭގައި ހޭދަކުރާ މުއްދަތު ކުޑަވުމެވެ. ނަތީޖާއަކަށްވީ ރިސޯޓްތަކުގެ އޮކިއުޕަންސީ ރޭޓް ދަށަށް ދިޔުމެވެ. ރިސޯޓްތަކުގެ ޖާގަ މިދިޔަ އަހަރުގެ ނޮވެމްބަރު މަހު 25628 ގައި ހުރިއިރު އޭގެ ތެރެއިން ބޭނުންކުރީ 77 ޕަސެންޓެވެ. ދެހާސް އެގާރަ ވަނަ އަހަރުގެ އެ މުއްދަތުގައި 80 ޕަސެންޓް އޮކިއުޕަންސީ ވަނީ އެކީ ފުލްވެފަ އެވެ. ނޮވެމްބަރު މަހު ފަތުރުވެރިން ޒިޔާރަތް ކުރި އަދަދުވެސް ވަނީ 2011 ވަނަ އަހަރަށް ވުރެ ހަތަރު ޕަސެންޓް ދަށަށް ގޮސްފަ އެވެ.

މިދިޔަ އަހަރުގެ ތެރޭގައި ޓޫރިޒަމަށް ހީނަރުކަން އައި ނަމަވެސް މަސްވެރިކަމުގެ ސިނާއަތަށް ވަނީ ކޮންމެވެސް ވަރެއްގެ ކުރި އެރުންތަކެއް ލިބިފަ އެވެ. އެގޮތުން އޮކްޓޯބަރު މަހުގެ ތެރޭގައި މަހުގެ ބާވަތްތައް ބޭރު ކުރެވުނު އަދަދު އިތުރުވެ މަސްވެރިކަމުން ލިބުނު އާމްދަނީ ވަނީ އިތުރުވެފަ އެވެ.

އިންފްލޭޝަން ރޭޓް ނޫނީ ތަކެތީގެ އަގުތައް މައްޗަށް ދިޔަ ގޮތަށް ބަލާއިރު މިދިޔަ މަހެއްހާ ދުވަހުގެ ތެރޭގައި އިންފްލޭޝަން ރޭޓް ވަނީ 6.0 ޕަސެންޓް ދަށަށް ގޮސްފަ އެވެ. އެއީ މިއަހަރުގެ ތެރޭގައި އިންފްލޭޝަން ރޭޓް އެންމެ ބޮޑަށް ދަށަށް ދިޔަ އެއްފަހަރެވެ. އިންފްލޭޝަން ރޭޓް ދަށަށް ދިޔައީ މަހުގެ އަގުތަކަށް ހެޔޮ ބަދަލުތަކެއް އައުމާ އެކު އެވެ.

މިހާރު ލަފާކުރެވޭ ގޮތުން މިއަހަރު ތެރޭގައި ރާއްޖޭގެ އިގްތިސޯދު ކުރިއަރާނީ 4.3 ޕަސެންޓްގަ އެވެ. ޓޫރިޒަމް އާއި އެއާ ގުޅުން ހުރި ދަތުރުފަތުރާއި މުއާސަލާތުގެ ހިދުމަތްތައް މިއަހަރު ކުރިއަރާނޭ ކަމަށް މަރުކަޒީ ބޭންކުން މިހާރު ވަނީ ލަފާކޮށްފަ އެވެ.