03 Jan 2013, 23:25
ޓީވީއެމްއާއި ދިވެހިރާއްޖޭގެ އަޑު ހިންގަމުންދާ މޯލްޑިވްސް ބްރޯޑްކާސްޓިން ކޯޕަރޭޝަން (އެމްބީސީ)ގެ ބޯޑުގެ މެންބަރުންގެ މުސާރަ ބޮޑުކޮށްދިނުމަށް އެދި މިދިޔަ އަހަރު މަޖިލީހަށް ހުށަހެޅުމުން މުސާރަ ބޮޑު ނުކުރުމުން، މި އަހަރު ވެސް މުސާރަ ބޮޑު ކުރުމަށް މަޖިލީހުގައި އެދޭނެ ކަމަށް އެމްބީސީން ބުނެފި އެވެ.
ސަންއަށް ދެއްވި އިންޓަވިއުއެއްގައި އެމްބީސީގެ ޗެއާމަން އިބްރާހިމް އުމަރު މަނިކު މިއަދު ވިދާޅުވީ މަޖިލީހުގައި އެ ކޯޕަރޭޝަންގެ ޖަވާބުދާރީވާން ޖެހޭ ފަރާތަކީ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމެޓީ ކަމަށާއި އެ ކޯޕަރޭޝަންގެ މެންބަރުންގެ މުސާރަ ބޮޑު ކުރުމަށް އެ ކޮމެޓީގައި އެދޭނެ ކަމަށެވެ. އަދި އެމްބީސީ ޑިމާންޑް ކުރަނީ ފުލްޓައިމް ކޮމިޝަންތަކާއި މިނިވަން މުއައްސަސާތަކުގެ މެންބަރުންގެ މުސާރައާ އެއްވަރަށް މުސާރަ "ޖައްސައި" ދިނުމަށް ނޫން ކަމަށެވެ.
"މިނިވަން މުއައްސަސާތަކާއި ކޮމިޝަންތަކުގެ މުސާރައާ އެއް ލެވަލް އަކަށް މުސާރަ ޖެއްސުމަށް ކޮންމެހެން ޑިމާންޑް ކުރަނީއަކީ ނޫން... އަޅުގަނޑުމެންނަށް އެހެން ވަޒީފާއެއް އަދާ ކުރުމަށް ހުރި ހުސްތަކުގެ ވާހަކަޔާ އެކު އަޅުގަނޑުމެންގެ މުސާރަ ބޮޑުކޮށްދިނުމަށް މިދިޔަ އަހަރު މާލިއްޔަތު ކޮމެޓީގައި އެދުނިން. މި ހުރިހާ ވާހަތަކެއް ލިޔެފައި ފޮނުވީމާ އެ ބޭފުޅުންނަށް ފެނިވަޑައި ނުގަތީ އެކަން ކުރަން [މުސާރަ ބޮޑު ނުކުރީ]. އެހެންނަމަވެސް އަނެއްކާ ވެސް އެދޭނަން،" މަނިކު ވިދާޅުވި އެވެ.
އެމްބީސީ ބޯޑު މެންބަރުކަން ފިޔަވައި އެހެން ވަޒީފާއެއް އަދާ ކުރުން އެމްބީސީގެ ގާނޫނުން މަނާ ކުރާ އިރު، މަހު މުސާރައިގެ ގޮތުގައި ބޯޑު މެންބަރަކަށް ލިބިވަޑައިގަންނަވަނީ 10،000ރ. އެވެ. ނަމަވެސް މަޖިލީހުން މިދިޔަ އަހަރު ފާސްކުރި މުސާރައިގެ އޮނިގަނޑުގައިވާ ގޮތުން ޕާޓް ޓައިމްކޮށް މަސައްކަތް ކުރާ މީރާ ބޯޑުގެ މެންބަރުންގެ މުސާރަ މަޖިލީހުން ވަނީ ބޮޑުކޮށްފަ އެވެ. އެއީ އެ ބޭފުޅުންނަށް ކުރިން ލިބިވަޑައިގަންނަވާ 10،500ރ.ގެ އިތުރަށް 5000ރ. ދިނުމަށެވެ. އެހެންކަމުން ޕާޓް ޓައިމްކޮށް މަސައްކަތް ކުރާ މީރާ ބޯޑުގެ މެންބަރުންނަށް މިއަހަރުން ފެށިގެން ކޮންމެ މަހަކު 15،500ރ. ލިބޭނެ އެވެ. ނަމަވެސް ރާއްޖޭގެ ހުރިހާ މީޑިއާތަކުގެ ބަދަލުވެރި ފަރާތްކަމުގައިވާ މީޑިއާ ކައުންސިލްގައި މަސައްކަތް ކުރައްވާ ޕާޓްޓައިމް މެންބަރުންނަށް ލިބިވަޑައިގަންނަ ވަނީ އެންމެ 5000ރ. އެވެ.
މުސާރައިގެ ފަރަގު ހުރި ކަމަށް ފާހަގަ ކުރައްވައި އެމްބީސީގެ ޗެއާމަން ވިދާޅުވީ ޕަބްލިކް ބްރޯޑްކާސްޓަރެއްގެ ދައުރު ބަޔާންކޮށްފައިވާ ގާނޫނުގައި އެމްބީސީގެ މެންބަރުންނަށް ދައުލަތުގެ ތިން ބާރުން ކުރެ، އެއްވެސްތަނެއްގައި ވަޒީފާ އަދާ ނުކުރެވޭ ކަމަށާއި ސިވިލް ސާވިސްގައި ވެސް މަސައްކަތް ނުކުރެވޭ ކަމަށާއި އިންތިހާބުކޮށްފައިވާ މަގާމެއްގައި ނޫޅެވޭ ކަމަށާއި ބްރޯޑްކާސްޓިން ދާއިރާގެ އެހެން ވަޒީފާއެއްގައި ވެސް މަސައްކަތް ނުކުރެވޭ ކަމަށެވެ. އަދި އެމްބީސީގެ މެންބަރުކަން ފިޔަވައި އެހެން ވަޒީފާއެއް އަދާކުރުމަށް ހުރަސްއެޅިފައިވާ އިރު، މަގާމަށް އެކަށޭނަ އުޖޫރައެއް ނުލިބޭ ނަމަ ބްރޯޑްކާސްޓިން މެންބަރު ކަމަށް ގާބިލް ނޫން ބަޔަކު އައުން ކައިރި ކަމަށް މަނިކު ވިދަޅުވި އެވެ.
"ގާނޫނުގައި ބުނެދީފައި އެބަހުރި ކޯޕަރޭޝަނަކީ ސިޔާސީ ނުފޫޒުންނާއި މާލީ ނުފޫޒާއި ފައިސާ ވެރިންގެ ނުފޫޒުން އެއްކިބާވާން ޖެހޭނެ ތަނެއް ކަމަށް. ކޯޕަރޭޝަން މިނިވަން ވާނީ އޭރު، ގާނޫނުގައި އެ މާއްދާގައި ބުނެފައިވާ ގޮތް ގޯހެއް ނޫން... މިހާރު ބޭރުތެރެ އިން އިވޭ އަޑުތަކާ މިއާ ފުށުއަރާ. މިއަށް ގާބިލް ބޭފުޅުން ނުލިބުމުގެ ފުރުސަތު ބޮޑުވާނެ،" މަނިކު ވިދާޅުވި އެވެ.
އެމްބީސީގެ ނުވަ މެންބަރުންގެ ބޯޑުގައި މިހާރު ތިއްބަވަނީ އަށް ބޭފުޅުންނެވެ. ބޯޑު މެންބަރު ނަހުލާ އަލީ އިސްތިއުފާ ދެއްވުމާ ގުޅިގެން މިހާރު އެ ބޯޑުގައި ތިއްބަވަނީ މ. ޝެރިފް، އަލީ ޝަރީފާއި މ. ޒިޔާރަތްދޮށުގޭ، މުހައްމަދު ޝަފްރާޒް ހާފިޒާއި މާލޭ ދަފްތަރު އިބްރާހިމް އުމަރު މަނިކާއި މާލޭ ދަފްތަރު އަލީ ޝަމްއާންއާއި ސ. މީދު ލިލީވިލާ، މުސްތަންސިރު މުމްތާޒާއި ސ. ހިތަދޫ ސެވަން ސްޓާ އައިޝަތު ދިޔާނާ ތާހިރާއި ހ. ތަންބިއާގޭ އަބްދުލްހަމީދު އަބްދުއްސަމަދާއި ގ. ވަށަފަރު އިގްބާލް އާދަމެވެ.