03 Jan 2013, 23:08
ނިއުދިއްލީ (ޖަނަވަރީ 3): އިންޑިޔާގެ ވެރިރަށް ނިއުދިއްލީގެ ބަހެއްގައި ދާދިފަހުން އަންހެން ކުއްޖަކު ރޭޕްކުރި މައްސަލާގައި ހައްޔަރުކޮށްފައިވާ ހަ މީހުންގެ ތެރެއިން ފަސް މީހެއްގެ މައްޗަށް، މީހުން ވަގަށް ނެގުމާއި މަގުފޭރުމާއި ގްރޫޕް ހަދައިގެން ރޭޕް ކުރުމުގެ ޖަރީމާ ހިންގި ކަމުގެ ތުހުމަތު އިންޑިޔާ ސަރުކާރުން ރަސްމީގޮތުންކޮށްފި އެވެ.
އިންޑިޔާ ސަރުކާރުން ބުނީ މި ފަސް މީހުންގެ މައްޗަށް މީހުން ވަގަށް ނެގުމާއި މަގުފޭރުމާއި ގްރޫޕް ހަދައިގެން ރޭޕް ކުރުމުގެ ޖަރީމާ ހިންގި ކަމުގެ ތުހުމަތު ކުރެވޭމިންވަރަށް ތަޙްގީގުތަކުން ހެކިލިބިފައިވާ ކަމަށެވެ. މި ހަ މީހުންގެ ތެރެއިން ފަސް މީހުންގެ މައްޗަށް ޝަރީޢަތް ހިންގާނީ އަވަސްނިޔާގެ ކޯޓެއްގައި ކަމަށްވެސް އިންޑިޔާ ސަރުކާރުން ބުނެ އެވެ. ހަ ވަނަ މީހާގެ އުމުރު ހަގުކަމުން އޭނާގެ މައްސަލަ ފޮނުވުމަށް ހަމަޖެހިފައި ވަނީ އެހެން ކޯޓަކަށެވެ.
ދިއްލީގެ ފަސިންޖަރު ބަހެއްގައި މިދިޔަ ޑިސެމްބަރު މަހުގެ 16 ވަނަ ދުވަހު ރޭޕްކޮށްލި 23 އަހަރުގެ އަންހެން ކުއްޖާ އަށް ސިންގަޕޫރުގައި ފަރުވާދެމުން ގެންދަނިކޮށް މިދިޔަ ޑިސެމްބަރު މަހުގެ 29 ވަނަ ދުވަހު އޭނާ ވަނީ މަރުވެފަ އެވެ. ހަ މީހުންގެ ގޭންގަކުން ރަހުމު ކުޑަގޮތަކަށް ހިންގި މިޖަރީމާއާ ގުޅިގެން މުޅި އިންޑިޔާއަށްވަނީ ސިހުން ލިބިފަ އެވެ.
މިޖަރީމާ ކުށްވެރިކުރުމުގެ ގޮތުން ދިއްލީގައި ގެންދަނީސލްސިލާކޮށް މުޒާހަރާތަކާއި އިޙްތިޖާޖްތައް ކުރަމުންނެވެ. މިގޮތުން އިއްޔެ ވެސް އެތައް ހާސް ބަޔަކު، ރޭޕްކުރުން ފަދަ ޖަރީމާތަކުން އިންޑިޔާގެ އަންހެނުން ޙިމާޔަތް ކުރުމަށް ޓަކައި ޤާނޫނެއް ފާސްކުރުމުގެ ކަންތައް އަވަސްކުރުމަށް ގޮވާލައި ދިއްލީގެ ބޮޑެތި މަގުތަކުގައިވަނީ މުޒާހަރާކޮށްފަ އެވެ.
ރޭޕްކުރުމާ ދެކޮޅަށް އިންޑިޔާގެ ޤާނޫނު ހަދާ މަޖިލީހުން ވެސް ގެންދަނީ ޤާނޫނެއް ފާސްކުރުމަށް މަސައްކަތް ކުރަމުންނެވެ. ދިއްލީގެ ފަސިންޖަރު ބަހެއްގައި މިދިޔަ ޑިސެމްބަރު 16 ވަނަ ދުވަހު ރޭޕްކޮށްލެވުނު އަންހެން ކުއްޖާގެ ނަމުން މި ޤާނޫނަށް ނަންދިނުމަށް ވެސް ބައެއް ފަރާތްތަކުން ވަނީ ގޮވާލާފަ އެވެ. އެއަންހެން ކުއްޖާގެ ނަން އަދި ވަނީ ހާމަނުކޮށެވެ. (ބީ.ބީސީ)