މަޖިލީހުން ފާސްކުރި ސިޔާސީ ޕާޓީތަކުގެ ބިލުގައި 10،000 މީހުން ހަމަނުވާ ޕާޓީތައް އުވޭނެ ކަމަށް ބަޔާންކޮށްފައިވާ މާއްދާ އަށް އިސްލާހެއްގެ ގޮތުގައި ޕާޓީއެއްގެ އުފެއްދުމަށް ބޭނުންވާ އަދަދަކީ 5000 މީހުން ކަމަށް ކަނޑައެޅުމަށް އެ ބިލަށް އިސްލާހު ހުށަހަޅުއްވާނެ ކަމަށް ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހުލޫފު ވިދާޅުވެއްޖެ އެވެ.

ސަން އަށް ދެއްވި އިންޓަވިއުއެއްގައި މަހުލޫފު މިރޭ ވިދާޅުވީ ސިޔާސީ ޕާޓިތަކުގެ ބިލް ރައީސުލްޖުމްހޫރިއްޔާ ތަސްތީގު ކުރައްވާ ދުވަހު، ނުވަތަ އެ ބިލް ތަސްތީގު ނުކޮށް މަޖިލީހަށް ފޮނުވުމުން އެ ބިލަށް އިސްލާހު ހުށަހަޅުއްވާނެ ކަމަށެވެ. އަދި ބިލަށް އިސްލާހު ހުށަހަޅަނީ ހަރަކާތްތެރިވާ ޕާޓީތައް އުވިޔަ ނުދިނުމުގެ ބޭނުމުގައި ކަމަށް މަހުލޫފު ވިދާޅުވި އެވެ.

"ހަރަކާތްތެރިވާ ޕާޓީތަކެއް އެބަ ހުރި، އަދާލަތު ޕާޓީއަކީ ވަރަށް އެކްޓިވް ޕާޓީއެއް. ގައުމީ ޕާޓީއަކީ ވެސް އެކަހަލަ ޕާޓީއެއް. މި ޕާޓީތައް އުވިދިޔުމަކީ އަޅުގަނޑު ހަމަގައިމު ވެސް މިހާރު ބޭނުންވާ ގޮތެއް ނޫން. ގާނޫނުގައި 10،000 އަދަދު އޭރު ޖަހާފައި ވަނީ ހަރަކާތްތެރި ނުވާ ކުދި ޕާޓީތައް އުވާލުމުގެ ނިޔަތުގައި. އެހެނަސް ހަރަކާތްތެރިވާ ޕާޓީތަކެއް އެބަހުރި. އެ ޕާޓީތައް އުވިގެންނުވާނެ،" މަހުލޫފު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އޭނާ ހުށަހަޅުއްވާ އިސްލާހުގައި 5000 މީހުންނާ އެކު ސިޔާސީ ޕާޓީތައް އުފެއްދޭނެ ކަމަށާއި ނަމަވެސް ދައުލަތުން ފައިސާ ދޭން ވާނީ 10،000 މެންބަރުން ހަމަވާ ޕާޓީތަކަށް ކަމަށް ސިޔާސީ ޕާޓީތަކުގެ ބިލަށް އިސްލާހު ހުށަހަޅުއްވާނެ ކަމަށެވެ. އަދި އެ އިސްލާހު ހުށަހެޅުއްވުމާ ގުޅޭ ގޮތުން ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ މެންބަރުންނާ ވެސް މަޝްވަރާ ކުރެއްވި ކަމަށާއި އެ ބޭފުޅުންނަކީ އެހާ ހަރުކަށި ބޭފުޅުންނެއް ނޫން ކަމަށް މަހުލޫފު ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ ޕާޓީގެ މަޖިލީހުގެ މެންބަރުންނަކީ މާ ހަރުކަށި، މާ ވަރުގަދަ ބައެއް ނޫން. މި ބިލް ފާސްވުމާ ގުޅިގެން އަޅުގަނޑަށް ނުރަސްމީކޮށް، ރައީސް މައުމޫން ބައްދަލުވި ވަގުތެއްގައި ވެސް ހަމަ ރައީސް ވެސް ވިދާޅުވެފައި އެބައޮތް އެ ބިލް ފާސްކޮށްފައި އޮތީ ވަރަށް ހަރުކަށިކޮށް ކަމަށް،" މަހުލޫފު ވިދާޅުވި އެވެ.

ފަސްހާސް މެންބަރުންނާ އެކު ސިޔާސީ ޕާޓީތައް އުފެއްދޭ ގޮތަށް ބިލަށް އިސްލާހު ހުށަހަޅުއްވާނެ ކަމަށް މަހުލޫފު ވިދާޅުވެފައިވާ އިރު، ގައުމީ ޕާޓީގެ ރައީސް ޑރ. ހަސަން ވިދާޅުވެފައި ވަނީ ޕާޓީތަކެއް އުވިދިއުމުގެ ފުރުސަތު ދީގެންނުވާނެ ކަމަށާއި ނަމަވެސް ހަރަކާތްތެރިނުވާ ޕާޓީތަކަށް ދައުލަތުން ފައިސާ ނުދިނުމަކީ މައްސަލައެއް ނޫން ކަމަށެވެ.

ސިޔާސީ ޕާޓީތަކުގެ ބިލް މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމެޓީން ދިރާސާކޮށް ނިންމައި، މަޖިލީހަށް ހުށަހެޅި އިރު، 5000 މީހުންނާ އެކު ސިޔާސީ ޕާޓީ އުފެއްދޭ ގޮތައް އިސްލާހު ހުށަހެޅި އެވެ. ކުޑަހުވަދޫ ދާއިރާގެ މެންބަރު އަހުމަދު އާމިރު ހުށަހަޅުއްވައި ފަރެސްމާތޮޑާ ދާއިރާގެ މެންބަރު އިބްރާހިމް މުއްތަލިބު ދާއިތު ކުރެއްވި އިސްލާހާ ދެކޮޅަށް އެދުވަހު ޕީޕީއެމްއާއި އެމްޑީޕީއާ ޑީއާރްޕީގެ 59 މެންބަރުން ވޯޓް ދެއްވި އެވެ. އެ އިސްލާހަށް ތާއިދު ކުރެއްވީ އެންމެ ހަ މެންބަރުންނެވެ.

މިދިޔަ ހަފްތާގެ ބުރާސްފަތި ދުވަހު މަޖިލީހުން ފާސްކުރި ސިޔާސީ ޕާޓީތަކުގެ ބިލްގެ 11 ވަނަ މާއްދާގެ (ހ) ގައި ވާ ގޮތުން ސިޔާސީ ޕާޓިއެއް ރަޖިސްޓްރީ ކުރެވޭނީ މަދުވެގެން 10،000 މީހުންގެ ސޮޔާއި ނަމާއި އިނގިލީގެ ނިޝާނާއެކު އިލެކްޝަނަށް ހުށަހަޅަންވާނެ އެވެ. އަދި ބިލް ތަސްގީކު ކުރުމަށްފަހު 10،000 މެންބަރުން ހަމަނުވާ ޕާޓީތަކަށް މެންބަރުން ހަމަކުރުމަށް ތިން މަސް ދުވަހުގެ މުހުލަތެއް ދެވޭނެ ކަމަށް ބިލުގައި ބުނެ އެވެ. ތިން މަސް ދުވަހުގެ ތެރޭގައި އެ އަދަދަށް މެންބަރުން ހަމަނުވާ ޕާޓީތައް އުވޭނެ ކަމަށް އެ ބިލުގައި ބުނެ އެވެ.