03 Jan 2013, 20:53
ށ. ފޭދޫގައި 15 އަހަރުގެ ކުއްޖަކު ވިހެއި ތުއްތު ދަރިފުޅު މަރާލުމަށް ފަހު ވަޅުލި މައްސަލައާ ގުޅިގެން އަންހެން ކުއްޖާގެ މަންމައާއި ދޮންބައްޕަގެ މައްސަލަ ޝަރީއަތަށް ފޮނުވައިފި އެވެ.
ކްރިމިނަލް ކޯޓުގެ މީޑިއާ އޮފިޝަލް އަހުމަދު މުހައްމަދު މަނިކު މިރޭ ވިދާޅުވީ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން އެ މައްސަލަ އެ ކޯޓަށް ފޮނުވާފައި ވަނީ މިދިޔަ އަހަރުގެ ފަހުކޮޅު ކަމަށެވެ.
އޭނާ ވިދާޅުވީ "ގަސްތުގައި ކުއްޖަކު މަރާލުމުގެ ކުށުގެ ދައުވާ" ކޮށްފައި ވަނީ އަންހެން ކުއްޖާގެ މަންމަ ށ. ފޭދޫ ވައިމަތީގޭ އަޒީޒާ އިބްރާހީމް، 49، އާއި އޭނާގެ ފިރިމީހާ ހަމައެގޭ އަބްދުލް ޣަފޫރު ގާސިމް، 44، ގެ މައްޗަށް ކަމަށެވެ.
ގަސްތުގައި ކުއްޖަކު މަރާލުމުގެ ދައުވާގެ އިތުރަށް އެހެން ދައުވާތަކެއް ވެސް ދައުލަތުން ވަނީ އެ ދެ މީހުންގެ މައްޗަށް އުފުލާފަ އެވެ. އެގޮތުން އެކުއްޖާގެ ދޮންބައްޕަގެ މައްޗަށް ދައުލަތުން ކޮށްފައިވާ ދައުވާތަކަށް ބަލާއިރު ދިވެހިރާއްޖޭގައި އޮރިޔާން ކާޑު ގެންގުޅުމުގެ ކުށުގެ ދައުވާ އާއި އިތުބާރުކުރެވޭ މަގާމެއްގައި ހުރެ ކުޑަކުއްޖަކާ މެދު ޖިންސީ އަމަލެއް ހިންގުމުގެ ކުށުގެ ދައުވާ ހިމެނެއެވެ. އަދި އަމިއްލަ ދަރިފުޅާ މެދު ފިރިމީހާ ޖިންސީ ގުޅުން ހިންގިކަން އެގިހުރެ އެކަން ސިއްރު ކުރުމުގެ ކުށުގެ ދައުވާ އަންހެން ކުއްޖާގެ މަންމަގެ މައްޗަށް ވަނީ އުފުލާފަ އެވެ. ނަމަވެސް އެ މައްސަލަތަކުގެ ޝަރީއަތް އަދި ފަށާފައި ނުވެއެވެ.
ނަން ނުޖެހުމަށް އެދި ފޭދޫން ވާހަކަ ދެއްކި މީހަކު މައުލޫމާތު ދިންގޮތުގައި އެރަށު ސްކޫލްގައި ކިޔަވަމުން އަންނަ އެ ދަރިވަރު ކުއްޖަކު ވިހެއީ އޭނާގެ ދޮންބައްޕައަށް ކަމަށް އެރަށު ބައެއް މީހުން ތުހުމަތު ކުރާ ކަމަށެވެ.
އެ ރަށުން ވާހަކަ ދެއްކި އެހެން މީހަކު ބުނީ އެ އަންހެން ކުއްޖާ ބަލިވެ އިނީ އޭނާގެ ދޮންބައްޕައަށް ކަން ސިއްރު ކުރުމަށް އާއިލާ އިން މަސައްކަތް ކޮށްފައިވާ ކަމަށާއި އެ ކުއްޖާ ވިހޭ ކަން އެނގުނީ ރަށު ބަޔަކަށް ޝައްކުވެގެން އެކަން ބެލުމުން ކަމަށެވެ. އަދި އެރަށުގެ އެކި މީހުން ތަފާތު އެކި ފަހަރުމަތިން އެ ކުއްޖާއަށް ޖިންސީ ގޯނާ ކޮށްފައިވާ މައްސަލަތަކެެއް ފެންމަތިވެފައިވާ ކަމަށް ވެސް އެމީހާ ބުންޏެވެ.