އަމިއްލަ އަތް ޒަޚަމްކޮށްލި އަންހެންކުއްޖަކު ހަތަރު މަހަށް ގޭބަންދު ކުރުމަށް ޖުވެނައިލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

މިދިޔަ އަހަރުގެ ޖޫން މަހުގެ ތެރޭގައި ހިނގި އެ ހާދިސާއާ ގުޅިގެން ދައުލަތުން އެ އަންހެން ކުއްޖާގެ މައްޗަށް ކޮށްފައި ވަނީ އަމުރަށް ނުކިޔަމަންތެރިވުމުގެ ކުށުގެ ދައުވާ އެވެ.

ދައުލަތުން އެކުއްޖާގެ މައްޗަށް ކުރި ދައުވާގައި ބުނަނީ މިދިޔަ އަހަރުގެ ޖޫން މަހުގެ ތެރޭގައި މަންމަދެކެ އައި ރުޅީގައި ކަޓަރެއް ހަރައި އަމިއްލަ އަތް އެކުއްޖާ ޒަޚަމްކޮށްލާފައިވާ ކަމަށެވެ.

މިހާރުވެސް 18 އަހަރު ފުރިފައިނުވާ އެ ކުއްޖާގެ މައްޗަށް ދައުލަތުގެ ފަރާތުން ކުރި އަމުރަށްނުކިޔަމަންތެރިވުމުގެ ކުށުގެ ދައުވާ ސާބިތުވުމުން ހަތަރު މަސްދުވަހަށް ގޭބަންދު ކުރުމަށް ޖުވެނައިލް ކޯޓުން ހުކުމް ކޮށްފައި ވަނީ ކުޑަކުދިންކުރާ ކުށްތަކަށް ލުއި އަދަބު ދިނުމަށް ހަމަޖެހިފައިވާތީ އެވެ.

އެ ދައުވާ ކޮށްފައި ވަނީ ގާނޫނުލް އުގޫބާތުގެ 88 ވަނަ މާއްދާގެ ދަށުންނެވެ. އެ މާއްދާގެ (ހ) ގައި ބުނެފައިވަނީ ޝަރުއީ ގޮތުން ނުވަތަ ގާނޫނީ ގޮތުން ކުރާ އަމުރަކަށް ނުކިޔަމަންތެރިވުމަކީ ކުށެއް ކަމަށެވެ.