ހަތް މެޖިސްޓްރޭޓް ކޯޓަކަށް އިސް މެޖިސްޓްރޭޓުން އައްޔަން ކުރުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފި އެވެ.

ޖޭއެސްސީގެ މީޑިއާ އޮފިޝަލް ހަސަން ޒަހީން ވިދާޅުވީ ހަތް މެޖިސްޓްރޭޓް ކޯޓަކަށް އިސް މެޖިސްޓްރޭޓުންގެ ގޮތުގައި ހަތް ބޭފުޅަކު ހަމަޖެއްސުމަށް ކޮމިޝަނުން މިއަދު ނިންމާފައި ވަނީ އެކަމަށް ކުރި އިއުލާނާ ގުޅިގެން ކުރިމަތިލި ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވާ ފަރާތްތަކުގެ މެދުގައި އިންޓަވިއު ކުރުމަށް ފަހު ކަމަށެވެ.

އިސް މެޖިސްޓްރޭޓުކަމަށް އައްޔަން ކުރަން ނިންމާފައިވާ ބޭފުޅުންނަކީ ބ. ހިތާދޫ ކޯޓުގެ އިސް މެޖިސްޓްރޭޓަކަށް އެރަށު ރަނައުރާގޭ އުންމުކުލްސުމް އަބޫބަކުރާއި އެއަތޮޅު ދަރަވަންދޫ ކޯޓުގެ އިސް މެޖިސްޓްރޭޓް ކަމަށް އެއަތޮޅު މާޅޮހު ނަފާޕެލަސް އަބްދުއްރަޝީދު ޔޫސުފާއި ރ. މަޑުއްވަރީ ކޯޓުގެ އިސް މެޖިސްޓްރޭޓް ކަމަށް ޅ. ކުރެންދޫ ބޮޑުގަސްދޮށުގޭ ހުސެއިން އިބްރާހިމާއި އެއަތޮޅު މާކުރަތު ކޯޓުގެ އިސް މެޖިސްޓްރޭޓް ކަމަށް އެރަށު ޖަވާހިރުމާގޭ އަދުނާން ހުސެއިނާއި ސ. މީދޫ ކޯޓުގެ އިސް މެޖިސްޓްރޭޓް ކަމަށް އެރަށު ދޮންދީދީމަންޒިން ޝެއިޚު މުހައްމަދު ތައްޔިބާއި އދ. ފެންފުށީ ކޯޓުގެ އިސް މެޖިސްޓްރޭޓް ކަމަށް ގ. ނޫރާނީވިލާ ޝީރީން ނާހިދާ ލަތީފްގެ އިތުރުން ކ. ގާފަރު ކޯޓުގެ އިސް މެޖިސްޓްރޭޓް ކަމަށް ސ. ފޭދޫ ބެލޫން މަރިޔަމް ވަހީދު އެވެ.

ޒަހީން ވިދާޅުވީ އެބޭފުޅުންނަށް މަގާމުގެ ފަތްކޮޅު ހަވާލު ކުރުމާ ހުވާކުރުމުގެ ރަސްމިއްޔާތު އަންނަ ހަފްތާގެ ތެރޭގައި ބޭއްވުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

މާލޭގެ ސުޕީރިއާ ކޯޓުތަކުގައި އެކަށީގެންވާ ވަރަށް ފަނޑިޔާރުން ނެތްކަމަށް އެ ކޯޓުތަކުން ބުނާއިރު ޒަހީން ވިދާޅުވީ ސުޕީރިއާ ކޯޓުތަކަށް ފަނޑިޔާރުން އައްޔަން ނުކުރެވި ވަނީ އެކަމާ ގުޅޭ މައްސަލައެއް ސުޕްރީމް ކޯޓަށް ހުށަހެޅިފައިވާތި ކަމަށެވެ.