03 Jan 2013, 18:23
ކުދި ފުޅީގައި ބޯ ފެން ވިއްކުމަކީ މަނާ ކަމެއް ކަމަށް އެމެރިކާގެ ކޮންކޯޑް ޓައުންގައި ހަމަ ޖައްސައިފިއެވެ. މިކަމާ ގުޅޭ ގޮތުން އެ ޓައުންގެ ކަމާ ބެހޭ އިދާރާތަކުން ހާމަ ކުރާ ގޮތުގައި އެއް ލީޓަރަށް ވުރެ ކުދި ފުޅީގައި ފެން ވިއްކުމަކީ މަނާ ކަމެކެވެ.
އެއް ލީޓަރަށް ވުރެ ކުދި ފުޅީގައި ފެން ވިއްކުން މަނާކުރާ ގާނޫނަށް ޖަނަވަރީ މަހުގެ އެކަކުން ފެށިގެން އަމަލުކުރަން މި ފެށީ ކުނި މަދު ކުރުމަށާއި ސަޕްލައި ފެން ބޭނުން ކުރުމަށް ހިތްވަރު ދިނުމުގެ ގޮތުން ހިންގި ތިން އަހަރުގެ ކެންޕެއިނަކަށް ފަހުގައެވެ.
އެއް ލީޓަރަށް ވުރެ މަދުން ފެން އެޅޭ ފުޅިއެއްގައި ބޯ ފެން ވިއްކައިފި ނަމަ އެންމެ ފުރަތަމަ ފަހަރު ދެވޭނީ އިންޒާރެކެވެ. އިންޒާރަށް ފަހުގައި އެ އަމަލު ތަކުރާރުކޮށްފި ނަމަ 25 ޑޮލަރުން ޖޫރިމަނާ ކުރެވޭނެއެވެ. އޭގެ ފަހުން ވެސް މި އަމަލު ތަކުރާރުކޮށްފި ނަމަ ކޮންމެ ފަހަރަކު ވެސް 50 ޑޮލަރުން ޖޫރިމަނާ ކުރެވޭނެއެވެ.
އޮސްޓްރޭލިޔާގެ ބުންޑަނޫން ޓައުންގައި 2009 ވަނަ އަހަރުން ފެށިގެން ވަނީ ފުޅީގައި ބަންދުކުރި ފެން ވިއްކުން މަނާކޮށްފައެވެ. އެމެރިކާގެ 90 އަށް ވުރެ ގިނަ ޔުނިވަރސިޓީން ވަނީ ޔުނިވަރސިޓީތަކުގެ ތެރޭގައި ހުންނަ ކެންޓީނުތަކުގައި ޕްލާސްޓިކް ފުޅި ވިއްކުން މަނާކޮށްފައެވެ.
ތިމާވެށްޓަށް މަސައްކަތް ކުރާ ޖަމާއަތްތަކުން ބުނާ ގޮތުގައި އެމެރިކާގައި އަހަރަކު 50 ބިލިޔަނަށް ވުރެ ގިނަ ފެން ފުޅި ބޭނުން ކުރެއެވެ.
ފެން ބަންދުކުރާ ކުންފުނިތަކުން ބުނާ ގޮތުގައި ކުދި ފުޅިތަކުގައި ފެން ބަންދުކޮށްގެން ލިބޭން ހުރުމަކީ މިޒަމާނުގެ ލައިފް ސްޓައިލަށް ބަލާއިރު، ވަރަށް މުހިންމު ކަމެކެވެ. އަދި އެއީ ރަނގަޅު ސިއްހަތެއްގައި ހުރުމަށް ވެސް ކޮންމެހެން ބޭނުން ކަމެއް ކަމަށް ފެން ބަންދުކުރާ ކުންފުނިތަކުން ބުނެއެވެ.