03 Jan 2013, 18:11
ޓީވީއެމްއާއި ދިވެހިރާއްޖޭގެ އަޑު ހިންގަމުންދާ މޯލްޑިވްސް ބްރޯޑްކާސްޓިން ކޯޕަރޭޝަން (އެމްބީސީ)ގެ ދިފާއުގައި ބްރޯޑްކާސްޓިން މީޑިއާތަކުގެ ބަދަލުވެރި ފަރާތް މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން، މަސައްކަތް ނުކުރާ ކަމަށް އެމްބީސީގެ ޗެއާމަން އިބްރާހިމް އުމަރު މަނިކު މިއަދު ވިދާޅުވެއްޖެ އެވެ.
ސަންއަށް ދެއްވި އިންޓަވިއުއެއްގައި މަނިކު ވިދާޅުވީ އެމްބީސީއަށް މިހާތަނަށް ދިމާވި މައްސަލަތަކުގައި ބްރޯޑްކާސްޓަރުންގެ ބެލެނެވެރިއެއްގެ ހައިސިއްޔަތުން ބްރޯޑްކާސްޓިން ކޮމިޝަނުން މަސައްކަތް ކުރިތަނެއް ފެނިގެން ނުދާ ކަމަށެވެ. އެ ގޮތުން އެމްބީސީގެ ގާނޫނުގައި ބުނާ ޗެނަލްތައް (ޓީވީއެމާއި ދިވެހިރާއްޖޭގެ އަޑު) އެ ކޯޕަރޭޝަންގެ ދަށަށް ގެނައުމަށް މަސައްކަތް ކުރިއިރު، ވެސް އެ ކޮމިޝަނުން ކުރި މަސައްކަތްތަކެއް ފެންނަން ނެތް ކަމަށެވެ.
"ބަލަދުވެރިއެއްގެ އެއްބައި ފެންނަ ކޮމިޝަނެއް އޮންނާނެ ބްރޯޑްކާސްޓިން ކޮމިޝަން. އެމްބީސީގެ މައްސަލަތަކުގައި މިހާތަނަށް ބަލަދުވެރިއެއްގެ ގޮތުގައި ބަލައިގަނެގެން ކޮމިޝަނުން ކުރި މަސައްކަތްތަކެއް ފެންނަން އޮތް ކަމަކަށް އަޅުގަނޑު ގަބޫލެއް ނުކުރަން. މިއީ އަޅުގަނޑު ފާޅުގައި ދަންނަވަން ބޭނުންވާ ވާހަކައެއް،" ބްރޯޓްކާސްޓިން ދާއިރާގައި 27 އަހަރު ހޭދަ ކުރައްވާފައިވާ އެމްބީސީގެ ޗެއާމަން ވިދާޅުވި އެވެ.
ބްރޯޑްކާސްޓަރުންގެ ބެލެނެވެރިޔާގެ ހައިސިއްޔަތުން އެ ކޮމިޝަނުން މަސައްކަތް ތަކެއް ކުރަމުން ނުދާތީ، އެ ކޯޕަރޭޝަންގެ ހައްގުތައް ހޯދުމަށް މަސައްކަތް ކުރަމުންދަނީ ޕަބްލިކް ބްރޯޑްކާސްޓަރުންގެ ޒިންމާ ބަޔާންކުރާ ގާނޫނުގެ ދަށުން ކަމަށެވެ. އެގޮތުން އެ ގާނޫނުން ލިބިދީފައިވާ ބާރުގެ އިތުރުން، މަޖިލީހުގެ ކޮމެޓީތަކުގައި އެދިގެން ވެސް މިހާރު އެ ކޮމިޝަނަށް ދިމާވާ ދަތިތަކުގެ ޝަކުވާ މަޖިލީހަށް ހުށަހަޅަމުންދާ ކަމަށް މަނިކު ވިދާޅުވި އެވެ.
މަނިކު ދެއްކެވި ވާހަކަފުޅާ ގުޅިގެން ބްރޯޑްކާސްޓިން ކޮމިޝަންގެ ރައީސް މުހައްމަދު ޝަހީބް ވިދާޅުވީ ބްރޯޑްކާސްޓަރަކު އެ ކޮމިޝަނަށް މައްސަލައެއް ހުށަހަޅައިފިނަމަ، އެ ކޮމިޝަނުން އެ މައްސަލަތައް ބަލާނެ ކަމަށާއި ނަމަވެސް މިހާތަނަށް އެމްބީސީން އެ ކޮމިޝަނަށް މައްސަލައެއް ހުށަހަޅާފައިނުވާ ކަމަށެވެ. އަދި ބްރޯޑްކާސްޓިން ކޮމިޝަނުން އަބަދުވެސް މަސައްކަތް ކުރަނީ ހަމަހަމަ އުސޫލުން ކަމަށް ޝަހީބު ވިދާޅުވި އެވެ.
"ކޮމިޝަނަށް އެއްވެސްތަނަކުން އެއްވެސް މައްސަލައެއް ހުށަހަޅައިފިނަމަ، އެއީ ބްރޯޑްކާސްޓަރު ވިޔަސް މައްސަލައެއް ފޮނުވައިފިނަމަ އެ ކަންތައްތައް އަޅުގަނޑުމެން ބަލަމުން މިދަނީ. މަނިކު އެ ވިދާޅުވާ މައްސަލައެއް އަޅުގަނޑުމެނަކަށް ހުށަހެޅިފައެއް ނުވޭ،" ޝަހީބު ވިދާޅުވި އެވެ.
ބްރޯޑްކާސްޓް ކުރުމުގެ ގާނޫނުގެ ދަށުން ބްރޯޑްކާސްޓަރުންގެ ބަލަދުވެރި ފަރާތަކީ ބްރޯޑްކާސްޓިން ކޮމިޝަނެވެ.
އެމްބީސީގެ ބޯޑް އޮފް ޑިރެކްޓަރުންނަށް ކަނޑައަޅާފައިވާ އުޖޫރައާ މެދު ވިސްނާވަޑައިގެންދެއްވާ، ބޯޑުގެ މެންބަރުންގެ މުސާރަ ނުވަތަ އެލަވަންސަށް ހެޔޮ ބަދަލެއް ގެނެސްދިނުމަށް އެ ކޯޕަރޭޝަނުން ވަނީ މާލިއްޔަތު ކޮމެޓީގައި އެދިފަ އެވެ. ނަމަވެސް މަޖިލީހުން މިދިޔަ އަހަރު މުސާރަ އާއި ނިޔާތްތައް ކަނޑައެޅިއިރު، އެ ކޯޕަރޭޝަންގެ މެންބަރުންގެ މުސާރަ ބޮޑު ނުކުރުމަށް މަޖިލީހުގެ ތަޅުމުން ވަނީ ފާސްކޮށްފަ އެވެ.
އެ ކޯޕަރޭޝަން އުފެދުނު ފަހުން މަޖިލީހުން ކަނޑައަޅާފައިވާ މުސާރައިގެ އޮނިގަނޑުގައިވާ ގޮތުން އެމްބީސީ ބޯޑުގެ ނުވަ މެންބަރުންގެ ތެރެއިން ކޮންމެ މެންބަރަކަށް މަހު މުސާރައިގެ ގޮތުގައި ލިބޭނީ އެންމެ 10،000ރ. އެވެ. ނަމަވެސް މަޖިލީހުން މިދިޔަ އަހަރު ފާސްކުރި މުސާރައިގެ އޮނިގަނޑުގައިވާ ގޮތުން ޕާޓްޓައިމްކޮށް މަސައްކަތް ކުރާ މީރާ ބޯޑުގެ މެންބަރުންގެ މުސާރަ މަޖިލީހުން ވަނީ ބޮޑުކޮށްފަ އެވެ. އެއީ އެ ބޭފުޅުންނަށް ކުރިން ލިބިވަޑައިގަންނަވާ 10،500ރ.ގެ އިތުރަށް 5000ރ. ދިނުމަށެވެ. އެހެންކަމުން ޕާޓްޓައިމްކޮށް މަސައްކަތް ކުރާ މީރާ ބޯޑުގެ މެންބަރުންނަށް މިއަހަރުން ފެށިގެން ކޮންމެ މަހަކު 15،500ރ. ލިބޭނެ އެވެ.