ބޯޑާ ކޮންޓްރޯލް ސިސްޓަމް ގާއިމް ކުރުމަށް މެލޭޝިއާގެ ނެކްސްބިޒް ލިމިޓެޑާ އެކު ދިވެހި ސަރުކާރުން ވެފައިވާ އެއްބަސްވުން އުވާލުމަށް ސަރުކާރަށް އެންގުމަށް ރައްޔިތުންގެ މަޖިލީހަށް ފާސްނުކުރެވޭނެ ކަމަށް ކަނޑައަޅައި ދިނުމަށް ނެކްސްބިޒަށް ދައުވާ ނުކުރެވޭނެ ކަމަށް ދައުލަތުން ބުނެފި އެވެ.

ދައުލަތުން އެހެން ބުނެފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ މައްޗަށް ދައުވާކޮށް ނެކްސްބިޒުން ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގެ މިއަދުގެ ޝަރީއަތުގެ މަޖިލީހުގަ އެވެ.

ދައުލަތުގެ ވާހަކަތަކާ ގުޅިގެން ސިވިލް ކޯޓުގެ ގާޒީ ވިދާޅުވީ އެ މައްސަލައިގައި ނެކްބިޒުން ނެރެދިނުމަށް އެދިފައިވާ ވަގުތީ އަމުރާމެދު ގޮތެއް ނިންމާއިރު ދައުލަތުން އިޖުރާއީ ގޮތުން ނަގާފައިވާ އެ ނުކުތާއަށް ގޮތެއް ނިންމާނެ ކަމަށެވެ.

މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި ދައުވާ އިއްވަވަމުން ނެކްސްބިޒްގެ ގާނޫނީ ވަކީލު އިސްމާއިލް ވިޝާމް ވިދާޅުވީ ބޯޑާ ކޮންޓްރޯލްގެ އެއްބަސްވުން އުވާލަން ސަރުކާރަށް އެންގުމަށް މަޖިލީހުން ފާސްކުރި އިރު، އެ އަމަލަކީ މިދިޔަ އަހަރުގެ ނޮވެމްބަރު 28 ވަނަ ދުވަހު ސުޕްރީމް ކޯޓުން ނެރެފައިވާ އަމުރަކާ ޚިލާފަށް ކަމަށް ނިންމާފައިވާ ނިންމުމެއް ކަމަށެވެ. އެހެންކަމުން އެއީ ބާތިލް ނިންމުމެއް ކަމަށް ކަނޑައަޅައި ދިނުމަށް ވެސް ވިޝާމް އެދިވަޑައިގަތެވެ.

މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި ދައުލަތުން ވަނީ ދައުވާއަށާއި ވަގުތީ އަމުރަށް ޖަވާބުދާރީ ވުމަށް ފުރުސަތަކަށް އެދިފަ އެވެ. ގާޒީ މިއަދުގެ ޝަރީއަތުގެ މަޖިލީސް ނިންމަވާލެއްވީ ދައުލަތަށް އެ ފުރުސަތު ދެއްވުމަށް ފަހު އެވެ.

ވަގުތީއަމުރަށް ދައުލަތުން ޖަވާބުދާރީވުމަށް އަންނަ އާދީއްތަ ދުވަހު ޝަރީއަތުގެ މަޖިލީހެއް ބާއްވަން ސިވިލް ކޯޓުން ވަނީ ތާވަލްކޮށްފަ އެވެ.

ވަގުތީ އަމުރަކަށް ނެކްސްބިޒުން އެދިފައި ވަނީ ކޯޓަށް ހުށަހެޅިފައިވާ އެ މައްސަލައާ މެދު ޝަރީއަތުން ގޮތެއް ކަނޑައެޅުމުގެ ކުރިން މަޖިލީހުގެ ނިންމުމަށް އަމަލުކޮށްފިނަމަ ނެކްސްބިޒަށް އިއާދަ ނުކުރެވޭ ވަރުގެ ގެއްލުމެއް ލިބިދާނެތީ ކޯޓުން ވަކިގޮތެއް އަންގަންދެން އެ ނިންމުމަށް އަމަލު ނުކޮށް މަޑުކޮށްލުމަށް ދައުލަތުގެ މައްޗަށް އަމުރުކޮށްދިނުމަށެވެ.