03 Jan 2013, 17:45
ކެރަމް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ 2013 ވަނަ އަހަރުގެ އެކްޓިވިޓީ ކަލަންޑަރު އާންމުކޮށްފި އެވެ.
މުޅިން އަލަށް ތައާރަފްކުރުމަށް ހަމަޖެހިފައިވާ ރިސޯޓް ކެރަމާއި އަދި އަތޮޅުތެރޭ ކެރަމްގެ ހަރަކާތްތަކާއި އެކު އާންމު ކުރެވުނު އެކްޓިވިޓީ ކަލަންޑަރުގައި މިދިޔަ އަހަރުވެސް މައިގަނޑު ގޮތެއްގައި ކުރިިއަށް ގެންދިޔަ ހަރަކާތްތައް ބޭއްވުމަށް ވަނީ ކަލަންޑަރުގައި ހިމަނާފައެވެ.
މިއަހަރު އަލަށް ފެށުމަށް ހަމަޖެހިފައިވާ ރިސޯޓްތަކުގެ ކެރަމް ހަރަކާތްތަކަކީ 2014 ވަނަ އަހަރު އިންޓާ ރިސޯޓް ކެރަމް މުބާރާތް ބާއްވަން ތައްޔާރު ވުމަށްޓަކައި ރިސޯޓްތަކަށް ކެރަމް ތައާރަފް ކުރުމަށް ހިންގުމަށް ހަމަޖެހިފައިވާ ހަރަކާތްތަކެކެވެ. މިހަރަކާތްތަކުގައި ވަކިވަކި ރިސޯޓްތަކުގެ މުވައްޒަފުނަށް މުބާރަތް ހިންގައި ދިނުމާއި 2014 ވަނަ އަހަރުގެ އިންޓަ ރިސޯޓް މުބާރާތައް ތައްޔާރުވުމަށް ބޭނުންވާ އޮފިޝަލުން ތަމްރީނު ކޮށްދިނުމަށް ވެސްވަނީ ހަމަޖެހިފައެވެ.
މިއަހަރު އަލަށް ފެށުމަށް ހަމަޖެހިފައިވާ ދެވަނަ ހަރަކާތަކީ އަތޮޅު ތެރެއަށް ޕްރޮފެޝަންލް ކެރަމް ރަސްމީކޮށް ތައާރަފް ކުރުމަށް ހިންގޭ ހަރަކާތްތަކެވެ. މިހަރަކާތްތަކުގައި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ކެރަމް ތައާރަފްކޮށް ކެރަމްގެ އޮފިޝަލުންނާއި އަމްޕަޔަރުން ތައްޔާރު ކުރުމަށް ހިންގޭ އެކި ޓްރޭނިންގް ޕްރޮގްރާމްތައްވެސް ހިމެނުމަށް ވަނީ ހަމަޖެހިފައެވެ. މިހާރުވެސް އަތޮޅު ތެރޭގައި ޖަމިއްޔާތަކާއި އަމިއްލަ ފަރުދުންގެ ފެންވަރުގައި ފޯރިއާއިއެކު ކުޅެވެމުންދާ މިކުޅިވަރު ރާއްޖޭގެ އުތުރާއި ދެކުނުގެ މައިގަނޑު ދެ ސަރަހަދަކުން 2013 ވަނަ އަހަރު ފަށައި އެއަށްފަހު މަޑުމަޑުން ރާއްޖޭގެ ހުރިހާ ސަރަހަދަކަށް މިކުޅިވަރު ތައާރަފްކުރުމަށް ވަނީ ކެރަމް އެސޯސިއޭޝަނުން ވަނީ ޕްލޭންކޮށްފައި ކަމަށް ކެރަމް އެސޯސިއޭޝަނުން މައުލޫމާތު ދެއެވެ.
މިއަހަރުގެ ކެރަމްގެ ފުރަތަމަ ހަރަކާތެއްގެ ގޮތުގައި ފެށުމަށް ހަމަޖެހިފައިވަނީ އަންނަ ފެބްރުއަރީ 21 ން 28 އަށް ބޭއްވުމަށް ހަމަޖެހިފައިވާ ފަނަރަވަނަ އިންޓަ ސުކޫލް ކެރަމް މުބާރާތެވެ. އިންޓަ ސުކޫލް މުބާރާތުގެ އިތުރުން ޒުވާން ކުޅުންތެރިން ބިނާ ކުރުމަށް މާޗް އިން ސެޕްޓެމްބަރު މަހުގެ ނިޔަލަށް ޔޫތް ޑިވެލޮޕްމަންޓް ޕްރޮގްރާމްވެސް ހިންގުމަށް ވަނީ ހަމަޖެހިފައެވެ. އަދި އެކާވީސް އަހަރުން ދަށުގެ ކުޅުންތެރިންނަށް ބާއްވަމުން އަންނަ ރައިޒިން ސްޓާ މުބާރާތްތައްވެސް މާޗް އިން އޮކްޓޯބަރަށް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
2013 ވަނަ އަހަރުގެ ސީނީއާ ކުޅުންތެރިންގެ ފުރަތަމަ މުބާރާތަކީ 22 އިން 28 މާޗް އަށް ބޭއްވުމަށް ހަމަޖެހިފައިވާ ތިންވަނަ ކެރަމް އެސޯސިއޭޝަން ޗެމްޕިއަންޝިޕެވެ. ސީނިއާ ދެވަނަ މުބާރާތެއްގެ ގޮތުގައި ބޭއްވުމަށް ހަމަޖެހިފައިވަނީ 21 އިން 25 ޖުލައި އަށް ބޭއްވުމަށް ޝެޑިއުލް ކުރެވިފައިވާ ތިންވަނަ ރަމަޞާން ކެރަމް ކަޕެވެ. އަދި ސީނިއާ އެންމެ ބޮޑު މުބާރާތްކަމުގައިވާ ސައުވީސް ވަނަ ޤައުމީ ކެރަމް މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ އަހަރުގެ ފަހުކޮޅު 22 އިން 28 ނޮވެމްބަރު އަށެވެ.
ކެރަމަށް އަލަށް ތައާރަފް ކުރެވުނު މުބާރާތް ތަކުގެ ތެރެއިން އެންމެ ފޯރިގަދަވެ ތަރުހީބު އިތުރުވަމުންދާ މުބާރާތަކީ އިންޓާ އޮފީސް ކެރަމް މުބާރާތެވެ. 2011 ވަނަ އަހަރުން ފެށިގެން ބާއްވަމުން އަންނަ މިމުބާރާތުގައި މިދިޔަ އަހަރުވަނީ ފަނަރަ އޮފީހަކުން އަންހެން އަދި ފިރިހެން ތޭވީސް ޓީމު ވާދަކޮށްފައެވެ. މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ތިންވަނަ އިންޓަ އޮފީސް ކެރަމް މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ 16 ން 25 މޭ އަށެވެ.
ރާއްޖޭގައި ހިންގާ މުބާރާތްތަކުގެ އިތުރުން އިންޓަރނޭޝަނަލް ކެރަމް ފެޑަރޭޝަންގެ ރިހިޔޫބިލް އާއި ދިމާކޮށް ބާއްވާ ބައިނަލް އަޤްވާމީ ގިނަ ހަރަކާތްތަކެއްގައި ރާއްޖެއިން ބައިވެރިވުމަށްވެސް ވަނީ ހަމަޖެހިފައެވެ. މިގޮތުން ރިހިޔޫބިލް އާއި ދިމާކޮށް މިއަހަރު އޮކްޓޯބަރު މަހު ނިއުދިއްލީގައި އެއްވަނަ ޖޫނިއާ ވޯލްޑް ކެރަމް ޗެމްޕިއަންޝިޕް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި މުބާރާތައް ތައްޔާރުވުމުގެ ގޮތުން ޖޫނިއަރ ކެރަމް ޓީމްގެ ޕްރެކްޓިސްތައް ފެބްރުއަރީ މަހުގެ ތެރޭގައި ފެށުމަށްވެސް ވަނީ ހަމަޖެހިފައެވެ. އަދި ރިހިޔޫބިލްއާއި ދިމާކޮށް ހިންގާ ހަރަކާތްތަކުގެ ތެރެއަށް ސީނިއަރ ކުޅުންތެރިންގެ އިންޑިވިޖުއަލް މުބާރާތެއް ކަމުގައިވާ ކެރަމް ޗެމްޕިއަންސް ޗެމްޕިއަންޝިޕް ވެސް ނިއުދިއްލީގައި ބެއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ.
ކޮންމެ އަހަރަކު ބާއްވަމުން އަންނަ ސަރކް ކެރަމް މުބާރާތާއި އަދި ދެއަހަރުން އެއް އަހަރުން ބާއްވާ އޭޝިއަން ޗެމްޕިއަންޝިޕްވެސް މިއަހަރު އޮންނާނެވެ. މި މުބާރާތްތަކަށް ތައްޔާރުވުމަށްޓަކައި ޤައުމީ އަންހެން އަދި ފިރިހެން ޓީމުގެ ސިލެކްޝަންތަކާއި އަދި ޕްރެކްޓިސްތައްވެސް ކުރިއަށް ގެންދިއުމަށް އެކްޓިވިޓީ ކަލަންޑަރުގައި ވަނީ ހިމެނިފައެވެ.