03 Jan 2013, 17:34
މަޖިލީހުން ބަޖެޓަށް ގެނައި ބަދަލުތަކާ އެކު އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ބަޖެޓް ކުރިއަށް ވުރެވެސް ކުޑަވެފައިވާ ކަމަށާއި އެހެންވެ މިއަހަރު ކޮމިޝަނަށް މަސައްކަތް ނުކުރެވޭނެ ކަމަށް އެ ކޮމިޝަނުން ބުނެފި އެވެ.
ސަން އޮންލައިންއަށް ދެއްވި އިންޓަވިއެއްގައި ލުތުފީ ވިދާޅުވީ ފިނޭންސް މިނިސްޓްރީން މަޖިލީހަށް ބަޖެޓް ފޮނުވިއިރުވެސް އެ ކޮމިޝަނަށް ދީފައިވަނީ ކޮމިޝަނުން ފިނޭންސަށް ފޮނުވި ބަޖެޓަށް ވުރެ ކުޑަބަޖެޓެއް ކަމަށާއި އެ ބަޖެޓުން ގާނޫނީ ޒިންމާތައް އަދާކުރުމަށް ވަރަށް ބޮޑަށް ދަތިވާނެ ވާހަކަ ރައްޔިތުން މަޖިލީހުގެ ބަޖެޓް ކޮމެޓީގައިވެސް ދެންނެވި ކަމަށެވެ. ނަމަވެސް ބަޖެޓަށް ގެނައި ބަދަލުތަކާއި އެކު އަންނަ އަހަރު އެ ކޮމިޝަނަށް ލިބޭނީ 18 މިލިއަނެއްހާ ރުފިޔާ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށާއި އެ ފައިސާއިން ހަމައެކަނި ކުރެވޭނެ ކަމަކީ އޮފީސް ހުޅުވާލާ ލައްޕާލުން ކަމަށެވެ.
"އެންމެ ބޮޑަށްވެސް އަޅުގަނޑުމެން ފޯނު ބިލްތަކާއި އެއްޗިހި ދައްކާފައިވެސް އެންމެ ބޮޑަށްވެސް ދެ މިލިއަން ނޫނީ ތިން މިލިއަނެއްހާ ރުފިޔާ ލިބޭނީ. އެ ފައިސާއިން އަޅުގަނޑުމެން ކިހިނެތްތޯ މަސައްކަތް ކުރާނީ. އޭރުން އަޅުގަނޑުމެން ޖެހޭނީ އޮފީސް ހުޅުވާލައި ލައްޕާލަން. އެ ނޫންކަމެއް ނުކުރެވޭނެ އިތުރަށް ފައިސާ ނުލިބި،" ލުތުފީ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މިހާރުވެސް ބަލަން ޖެހޭ ގިނަ މައްސަލަތަކެއް ފުނިޖެހިފައި އެބަހުރި ކަމަށާއި މަސައްކަތްތައް ކުރިއަށް ނުދަނީ ބަޖެޓް ކުޑަވުމުގެ ސަބަބުން ލިބެންވާ ވަރަށް ވަސީލަތްތައް ލިބެމުންނުދާތީ ކަމަށެވެ. އަދި ވަސީލަތްތައް އިތުރަށް ހޯދައިގެންވެސް ގިނަ މައްސަލަތަކެއް މިހާރުން މިހާރަށްވެސް ބަލަންޖެހިފައި އެބަހުރި ކަމަށް ލުތުފީ ވިދާޅުވި އެވެ.
"ވަޒީފާއިން މީހުން ވަކިކުރުމާއި ނުފޫޒުން ވަޒީފާތަކަށް މީހުން ވެއްދުމާއި މިކަހަލަ މައްސަލަތައް އެބަހުރި ބައިވަރު ހުށަހެޅިފައި. އެ މައްސަލަތައްވެސް ބަލަން އެބަޖެހޭ. ނުބެލޭތީ ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް އަޅުގަނޑުމެންނާ ދިމަޔަށް އެއްޗިހިވެސް އެބަކިޔާ. ކިހިނެތްތޯ އަޅުގަނޑުމެންނަށް ފައިސާ ނުލިބެންޏާ ތަހުގީގުތައްވެސް ކުރިއަށް ގެންދާނީ،" ލުތުފީ ވިދާޅުވި އެވެ.
ބަޖެޓް ކުޑަވުމުގެ މައްސަލައިގައި ފިނޭންސް މިނިސްޓްރީއާވެސް މިހާރު ވާހަކަ ދައްކާފައިވާ ކަމަށާއި ނަމަވެސް ކޮންޓެންޖެންސީ ބަޖެޓްވެސް ކުޑަކޮށްފައި ވުމުން އިތުރަށް ބަޖެޓް ދިނުމަކީ އުނދަގޫ ކަމެއް ކަމަށް މިނިސްޓަރު ވިދާޅުވެފައިވާ ކަމަށެވެ.
"ކޮންޓިންޖެންސީ ބަޖެޓް އޮތްނަމަވެސް ކޮންމެވެސް ގޮތެއް ހަނދައިދެވިދާނޭ މިނިސްޓަރު ވިދާޅުވީ. އެކަމަކު އެ ބަޖެޓްގައިވެސް ނަތީމައި ވަރަށް އުނދަގޫކަމަށް މިނިސްޓަރު ވިދާޅުވީ،" ލުތުފީ ވިދާޅުވި އެވެ.
އޭސީސީއަށް މިއަހަރަށް ކަނޑައަޅައި ފިނޭންސް މިނިސްޓްރީން މަޖިލީހަށް ފޮނުވީ 21 މިލިއަން ރުފިޔާގެ ބަޖެޓެކެވެ. މަޖިލީހަށް 16.9 ބިލިއަން ރުފިޔާގެ ބަޖެޓް 15.3 ބިލިއަން ރުފިޔާއަށް ފެއްތީ ރިކަރަންޓް ގިނަ ހަރަދުތަކެއް ކުޑަކުރުމަށްފަހު އެވެ. އޭގެ ތެރޭގައި އޮފީސް ހިންގުމަށް ހިނގާ ހަރަދުތަކާއި އޮފީހަށް ބޭނުންވާ ހަރުމުދާ ގަންނަން ހިނގާ ހަރަދުތައް ވަނީ ވަރަށް ބޮޑަށް ކުޑަކޮށްލައިފަ އެވެ. ބަޖެޓް ކުޑަވުމަކީ ކޮންމެ އަހަރަކުވެސް މިނިވަން މުއައްސަސާތަކުން ކުރާ ޝަކުވާ އެކެވެ.
ފިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދު މިއަދު ސަން އޮންލައިންއަށް ވިދާޅުވީ މަޖިލީހުން ބަޖެޓް ކުޑަކުރުމުން އޮފީސްތަކުގެ ބަޖެޓުންވެސް މަޖިލީހުން ނިންމާފައިވާ ވަރަށް ހަރަދުތައް ކުޑަކުރަން ޖެހޭނެ ކަމަށާއި މަޖިލީހުން ބަޖެޓް ކަނޑައެޅިގޮތަށް ބަޖެޓް ކުޑަކުރުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށެވެ. ޖިހާދު މީގެ ކުރިން ވިދާޅުވެފައިވަނީ މިއަހަރުގެ ވަކި ހިސާބަކުން ބަޖެޓުން ދެކޮޅު ނުޖެހި ސަޕްލިމަންޓްރީ ބަޖެޓެއް ހުށަހަޅަން ޖެހިދާނެ ކަމަށެވެ.