ދެހާސް ބާރަވަނަ އަހަރުގެ ބައިނަލް އަގްވާމީ އެންޓިކޮރަޕްޝަން ދުވަސް ފާހަގަ ކުރުމުގެ ގޮތުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ބޭއްވި ހަރަކާތްތަކުގެ ތެރެއިން ތައާރަފް ކުރި "ނަޒާހަތްތެރި ކަމުގެ ވައުދު"ގައި މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (އެމްބީސީ)ގެ މެމްބަރުންނާއި، މުވައްޒަފުން މިއަދު ސޮއިކޮށްފި އެވެ.

ކޮރަޕްޝަން ނައްތާލުމަށް މަގުފަހި ކުރުމާއި، ނަޒާހަތްތެރިކަން ކުރިއެރުވުމުގެ މަގުސަދުގައި އޭސީސީން ތައާރަފްކުރި ވައުދުގައި އެމްބީސީގެ މުވައްޒަފުން ސޮއިކުރީ އެކަމަށް ޚާއްސަކޮށްގެން އޭސީސީ ގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެވެ.

އެ ރަސްމިއްޔާތުގައި އެމްބީސީގެ މުވައްޒަފުންނާއި މުޚާތަބުކުރައްވާ އެސީސީގެ ރައީސް ހަސަން ލުތުފީ ވިދާޅުވީ އަޅުގަނޑުމެންނަށް ކޮންމެ ކަމަކަށްވެސް ވައުދު ވެވިދާނެ ކަމަށެވެ. ނަމަވެސް ރައްޔިތުންނަށް ޚިދުމަތްދިނުމުގައި އެހެން ފަރާތްތަކުންވެސް ބަލަމުން ދާނެކަން އެނގިތިބެ ތެދުވެރި ކަމާއި އެކު މަސައްކަތްކުރަން ޖެހޭ ކަމަށެވެ. އަދި އެގޮތަށް މަސައްކަތް ކުރެވިއްޖެ ނަމަ ރާއްޖެއިން ކޮރަޕްޝަން މަދުކުރުމަކީ އެހާ އުނދަގޫ ކަމެއް ނޫންކަމަށްވެސް ލުތުފީ ވިދާޅުވި އެވެ.

"ރައްޔިތުންނަށް ޚިދުމަތް ދިނުމުގައި އެހެންފަރާތްތަކުންވެސް ބަލަމުންދާނެކަން އެނގިތިބެ ނަޒާހަތްތެރި ކަމާއި، އަދި އަމާނާތްތެރި ކަމާއި، ތެދުވެރިކަމާއި އެކު ކަންތައްތައް ކުރުން މީގެ ބޭނުމަކީ. އަޅުގަނޑުވެސް އެއްބަސްވަން ރާއްޖެއިން ކޮރަޕްޝަން ނައްތައެއް ނުލެވޭނެ. އެއީ ދުނިޔޭގެ އެއްވެސް ގައުމަކަށް ހާސިލްކުރެވިފައި އޮތް ކަމެއް ނޫން. ނަމަވެސް މަދުކުރެވޭނެ،" ލުތުފީ ވިދާޅުވި އެވެ.

އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެމްބީސީގެ ރައީސް މުަހަންމަދު ޝަހީބު ވިދާޅުވީ އެ ކޮމިޝަންގެ ހުރިހާ މުވައްޒަފުންވެސް ތިބީ އެފަދަ ވައުދަކަށް ބޭނުން ވެފައި ކަމަށާއި، ކޮމިޝަންގެ ހުރިހާ މަސައްކަތްކެއްވެސް އެންމެ ރަނގަޅު ގޮތުގައި ތެދުވެރިކަމާއި އެކު ގެންދާނެ ކަމުގެ ފުރިހަމަ ޔަގީންކަން ދެއްވާ ކަމަށެވެ. އެގޮތުން ފައިސާ އާ ބެހޭ ހުރިހާ ކަމެއްވެސް ދެފުއް ފެންނަ ގޮތަށް ގެންދާނެ ކަމަށްވެސް ވިދާޅުވި އެވެ. އަދި ކޮރަޕްޝަނާ މެދު ސުވާލު އުފެދޭ ކޮންމެ ކަމެއްވެސް ލިޔެކިޔުމުން އެ ކޮމިޝަނުން އޭސީސީއަށް ހުށަހަޅާނެ ކަމަށްވެސް ޝަހީބު ވިދާޅުވި އެވެ.

އޭސީސީން ބުނީ ނަޒާހަތްތެރި ކަމުގެ ވައުދުގައި ސޮއިކުރަން ބޭނުންވެގެން މިނިވަން މުއައްސަސާތަކާއި ސަރުކާރުގެ މިނިސްޓްރީ ތަކުންވެސް އެދެމުން ދާކަމަށެވެ. އަދި ވައުދު ގައި ސޮއިކުރުމުގެ ސިލްސިލާއެއް ފެށިފައިވާ ކަމަށެވެ.