މެލޭޝިޔާގެ މިނިސްޓަރު އޮފް ފޮރިން އެފެއާޒް ދާތޯ އަނީފާ އަމަންގެ އަރިހަށް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ވަހީދު އިހުތިރާމްގެ ޒިޔާރަތެއް ކުރައްވައިފި އެވެ.

މެލޭޝިޔާގައި ހުންނަ ރާއްޖޭގެ ހައިކޮމިޝަންގައި މިއަދު ހަވީރު ބޭއްވި މި ބައްދަލުުވުމުގައި ރާއްޖެ އާއި މެލޭޝިޔާއާ ދެ ގައުމުގެ ދެމެދުގައި ގާއިމު ކުރެވިފައިވާ ގާތް ގުޅުމާ ގުޅޭ ގޮތުން ދެ ބޭފުޅުން ވާހަކަފުޅު ދެއްކެވި އެވެ.

ރައީސް ވަހީދު މެލޭޝިޔާ އަށް ކުރައްވަމުން ގެންދަވާ މިދަތުރުފުޅަަކީ ރައީސް ވަހީދުގެ އަމިއްލަފުޅު ދަތުރެއް ކަމަށް ރައީސް އޮފީހުން ވަނީ ބުނެފަ އެވެ.

ރައީސް މެލޭޝިޔާ އަށް ވަޑައިގެން މިދަނޑިވަޅަކީ މެލޭޝީޔާގެ ބައެއް ޕްރައިވެޓް ކުންފުނިތަކުން ރާއްޖޭގައި ކޮށްފައިވާ އިންވެސްޓްމަންޓްތަކަށް ނުރައްކާވެފައިވާ ދުވަސްވަރެއްގަ އެވެ. މެލޭޝިޔާގެ ނެކްސްބިޒް ކުންފުންޏާ ހަވާލުކޮށްގެން ކުރިއަށް ގެންދާ ބޯޑާ ކޮންޓްރޯލްގެ ޕްރޮޖެކްޓް ހުއްޓާލަން ސަރުކާރުން ވަނީ ނިންމައިފަ އެވެ. އެ ޕްރޮޖެކްޓް ހުއްޓާލަން އޭސީސީން މަސައްކަތް ކުރުމުން ސަރުކާރުން ވަނީ އެ ޕްރޮޖެކްޓްގެ މަސައްކަތް ދިފާއުކޮށްފަ އެވެ. އަދި އެ ޕްރޮޖެކްޓް ނެކްސްބިޒާ ހަވާލުކުރުމުގައި އިސްކޮށް ހުރީ ރައީސް ވަހީދުގެ ޅިޔަނު ކުރީގެ އިމިގުރޭޝަން ކޮންޓްރޯލާ އިލްޔާސް ހުސެއިންނެވެ.

ޖީއެމްއާރާ އެކު ރާއްޖެ އެއާޕޯޓް ހިންގުމަށް މެލޭޝީޔާގެ އެއާޕޯޓްސް ހޯލްޑިންގްސް ބަރުހާދުން ވެސް ހިއްސާވި އެވެ. އެ މައްސަލައިގައި މީގެ ކުރިން މެލޭޝިޔާ އިން ވަނީ ކަންބޮޑުވުން ވެސް ފާޅުކޮށްފަ އެވެ.