29 Sep 2010, 07:05
ކައިވެނިކުރަން ތައްޔާރުވާ ފަރާތްތަކަށް އަމާޒުކޮށްގެން ރާއްޖޭގައި ފުރަތަމަ ފަހަރަށް ބާއްވާ "ބްރައިޑް ފެއަރ" މިރޭ ނިމޭނެ އެވެ.
ވެޑިން އިންޑަސްޓްރީގައި ހަރަކާތްތެރިވާ 25 ފަރާތެއްގެ ސްޓޯލް ހިމަނައިގެން ބާއްވާ "ބްރައިޑް ފެއަރ 2010" އިއްޔެ މެންދުރު ހުޅުވައިދެއްވީ ޔޫތް މިނިސްޓަރ އަލްއުސްތާޒް ހަސަން ލަތީފެވެ.
މި ފެއަރގައި، ކޭޓަރިން އާއި، ޑިޒައިނަރުންނާއި، މޭކަޕްކޮށްދޭ ފަރާތްތަކާއި ފޮޓޯ ނަގައިދޭ ސްޓޫޑިއޯތަކާއި އަދި ވެޑިން ހަފްލާތައް ޖަރީކުރުމަށް ބޭނުންވާ ޑެކޮރޭޓިވްސް އާއި މާމެލާމެލީގެ ތަފާތު ވިޔަފާރިކުރާ ތަންތަނުގެ ސްޓޯލްތަކުގެ އިތުރުން ވެސް ގިނަ ފަރާތްތަކެއްގެ ސްޓޯލްތައް ބަހައްޓާފައިވެ އެވެ. އަދި ވެޑިން އިންޑަސްޓްރީގެ ތަފާތު މައުލޫމާތު ހިމެނޭ ޚާއްސަ މެގަޒިނެއް ވެސް ވަނީ ލޯންޗްކޮށްފައެވެ.
އަދި ރާއްޖޭގައި ވެޑިން ޑްރެސް ޑިޒައިންކޮށްދިނުމުގައި ފުންނާބު އުސް ހަތަރު ޑިޒައިނަރުންގެ ހެދުންތައް ދައްކާލުމަށްޓަކައި ޚާއްސަ ފެޝަން ޝޯވ އެއްވެސް ވަނީ ފެއަރ ތެރެއިން ބާއްވައިފަ އެވެ.
މި ފެއަރ އިންތިޒާމްކުރާ ބްރައިޑް މޯލްޑިވްސްގެ މެނޭޖަރ މުހައްމަދު ޝާފީ ވިދާޅުވީ، ފެއަރ އަށް މިހާތަނަށް ވަރަށް ބޮޑު ތަރުހީބެއް ލިބިފައިވާ ކަމަށެވެ. އަދި ގިނަ އަދަދެއްގެ ބަޔަކު ވަދެ، ސްޓޯލްތައް ފުރިގެންދިޔަ ކަމަށާއި ފެއާ ކުރިއަށްދާ ގޮތާމެދު ވަރަށް ބޮޑަށް ހިތްހަމަޖެހިވަޑައިގަންނަވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ޝާފީ އިތުރަށް ވިދާޅުވީ، މި ފެއާގައި ބައިވެރިވާ ފަރާތްތަކުން ޚާއްސަ އަގުތަކެއް ކަސްޓަމަރުންނަށް ދޭ ގޮތަށް ހަމަޖައްސާފައިވާ ކަމަށެވެ.
ބްރައިޑް މޯލްޑިވްސް އިން ބުނީ، މި ފެއާ މިއަދު ހުޅުވާފައި ހުންނާނީ ހަވީރު 4:00 އިން 6:00 އަށް އަދި ރޭގަނޑު 8:00 އިން 11:00 އަށް ކަމަށެވެ.
ސަން އެފްއެމް އަކީ ބްރައިޑް ފެއާރގެ އޮފިޝަލް ރޭޑިއޯ ޕާޓްނަރެވެ.