03 Jan 2013, 16:25
ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އާއި ޕާކިސްތާނު ފުޓްބޯޅަ ފެޑެރޭޝަން (ޕީއެފްއެފް) ގުޅިގެން އަންނަ ފެބްރުއަރީ މަހު ދެގައުމުގެ ގައުމީ ޓީމްގެ ދެމެދުގައި އެކުވެރި ކަމުގެ ފުޓްބޯޅަ މެޗެއް ކުޅުމަށް ތައްޔާރުވަމުންދާކަން ކަށަވަރުވެއްޖެ އެވެ.
ސަންއަށް އެނގިފައިވާ ގޮތުގައި މި މެޗު ކުޅުމަށް ޕީއެފްއެފް އިން ބޭނުންވަނީ އަންނަ ފެބްރުއަރީ މަހުގެ ކުރީ ކޮޅުގަ އެވެ. އެހެން ނަމަވެސް އެދުވަސްވަރާ ޔޫތު ޗެމްޕިއަންޝިޕްގެ މެޗުތައް ދިމާވާތީ އެފްއޭއެމް އިން ވަނީ މެޗު ކުޅެވޭނެ ކަމަށް ލަފާކުރާ ތާރީހުތައް ޕީއެފްއެފްއާ ހިއްސާކޮށްފަ އެވެ. އެފްއޭއެމް އިން ތިބީ އަދި ޕީއެފްއެފްގެ ޖަވާބެއްގެ އިންތިޒާރުގަ އެވެ.
އެފްއޭއެމް އިން އެކުވެރިކަމުގެ އެ މެޗު ކުޅެވޭނޭ ކަމަށް ލަފާ ކުރަނީ ފެބްރުއަރީ 11، 12، އަދި 13 މިއިން ކޮންމެވެސް ދުވަހެއްގަ އެވެ.
އެފްއޭއެމްގެ އޮފިޝަލަކު ވިދާޅުވީ އަންނަ އަހަރު ރާއްޖޭގައި ބޭއްވުމަށް ހަމަޖެހިފައިވާ އޭއެފްސީ ޗެލެންޖު ކަޕް 2014 އަށް ތައްޔާރު ވުމުގެ ގޮތުން ރާއްޖޭގެ ގައުމީ ޓީމު އިތުރަށް ވަރުގަދަކޮށް ކުޅުންތެރިންނަށް ތަޖުރިބާ ހޯދައި ދިނުމުގެ ގޮތުން އެފްއޭއެމުން މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ.