03 Jan 2013, 16:20
މި މަހުގެ 10 ން 12 އަށް އިސްލާމިކް މިނިސްޓްރީން ބާއްވާ އިލްމްވެރިންގެ މަހާސިންތާގައި ރާއްޖޭގައި ތިއްބެވި 80 ޕަސެންޓް އިލްމްވެރިން ބައިވެރިވާނެ ކަމުގެ ޔަގީންކަން ލިބިފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.
މިނިސްޓްރީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިސްލާމިކް މިނިސްޓަރު މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ އިލްމްވެރިންގެ ހިޔާލު އެއްގޮތް ކުރުމުގެ މަގުސަދުގައި ބާއްވާ މަހާސިންތާއަށް ދައުވަތު ދިން ނަމަވެސް ސިޔާސީ ބޭނުމެއްގައި ބައެއް އިލްމްވެރިން މަހާސިންތާގައި ބައިވެރިވުމަށް ދިން ދައުވަތު ގަބޫލުކޮށްފައި ނުވާ ކަމަށާއި މަހާސިންތާގައި ބައިވެރިވުމުގެ ދައުވަތު ދިން ގާތްގަނޑަކަށް 100 އިލްމްވެރިންގެ ތެރެއިން 80 ޕަސެންޓްމީހުން ބައިވެރިވާނެ ކަމަގެ ޔަގީންދީފައިވާ ކަމަށެވެ.
އިލްމްވެރިންގެ މަހާސިންތާގެ މިއަހަރުގެ ޝިޔާރަކީ "ތަހްޒީބް އިސްލާމް ފިކުރެއް ކުރިއެރުވުން" މި ޝިއާރެވެ. މިނިސްޓަރު ވިދާޅުވީ އެ ޝިޔާރުގެ ދަށުން ތަފާތު ނުވަ ކަރުދާހެއް ހުށަހެޅި އިލްމްވެރިން މެދުގައި މަޝްވަރާ ކުރެވިގެންދާނެ ކަމަށެވެ.
"އޭގެ ތެރޭގައި އިސްލާމް ދީނުގައި އިންސާނީ ހައްގުތަކާއި އިސްލާމް ދީނުގައި ތަރިކަ މުދާ ބެހުމުގައި ގެންގުޅޭ އަސާސްތަކާއި އެކަން ކަމުގައި ބައެއް ބޭފުޅުންގެ ހުންނަ ކުށްހީ ތަކާއިމެދު އިސްލާމީ ނަޒަރަކުން ވާހަކަ ދެކެވޭނެ. އަދި އަންހެނުންގެ މަގާމާއި ހެކި ދިނުމުގައި ދެ ޖިންސް ތަފާތު ކުރެވިފައި އޮންނަ މިންވަރުގެ މައްޗަށް ވާހަކަ ދައްކާނެ ރާއްޖޭގެ ތަފާތު އިލްމްވެރި ބޭފުޅުން،" މިނިސްޓަރު ވިދާޅުވި އެވެ.
މިއަހަރު ބާއްވާ އެ މަހާސިންތާގައި ރާއްޖޭގެ އިލްމްވެރިންގެ އިތުރުން މަދީނާގެ އިސްލާމިކް ޔުނިވަސިޓީގެ ބޭފުޅުންވެސް ބައިވެރިވެވަޑައިގަންނަވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަދި ވިދާޅުވީ މި އަހަރުގެ މަހާސިންތާއިން އެންމެ ބޮޑު ތަފާތަކަށް ފެނިގެންދާނީ އިލްމްވެރިންގެ ނިންމުންތައް އާންމުކުރުން ކަމަށެވެ.
"މިފަހަރުގެ މަހާސިންތާއިން އެންމެ ބޮޑު ތަފާތަކަށް ފެނިގެންދާނީ މި ފަހަރުގެ މަހާސިންތާއިން ނިންމާ ނިންމުންތައް ހާމަ ކުރާނެ. މިދިޔަ ފަހަރު ބޭއްވި މަހާސިންތާއެއް ޕަބްލިކަށް ހާމަ އެއް ނުކުރޭ،" މިނިސްޓަރު ވިދާޅުވި އެވެ
ރާއްޖޭގައި އެންމެ ފުރަތަމަ އިލްމްވެރިންގެ މަހާސިންތާއެއް ބޭއްވުނީ 2011 ވަނަ އަހަރު އެވެ.