ރައްޔިތުންގެ މަޖިލީހަށް ރައްދުވާ ގޮތަށް ނެކްސްބިޒު ލިމިޓެޑުން ދިވެހި ދައުލަތުގެ މައްޗަށް ކުރާ ދައުވާ އަށް ބަންޑާރަ ނައިބުގެ އޮފީހުން ޖަވާބުދާރީވާނެ ކަމަށް އެ އޮފީހުގެ ޑެޕިއުޓީ އެޓާނީ ޖެނަރަލް އައިޝަތު ބިޝާމް މިއަދު ވިދާޅުވެއްޖެ އެވެ.

ސަންއަށް ދެއްވި އިންޓަވިއުއެއްގައި ބިޝާމް ވިދާޅުވީ ދައުލަތަށް ރައްދުވާ ދައުވާތަކުގައި އަބަދު ވެސް ޖަވާބުދާރީ ވާނީ އެ އޮފީހުން ކަމަށާއި ނެކްސްބިޒުން މަޖިލީހަށް ރައްދުވާ ގޮތަށް ކުރި ދައުވާގެ އަޑުއެހުމަށް ދައުލަތުގެ ވަކީލަކު ވަޑައިގެން ޖަވާބުދާރީވެފައިވާނެ ކަމަށެވެ.

ބިޝާމް ވިދާޅުވީ ނެކްސްބިޒްގެ ދައުވާއާ ގުޅިގެން މަޖިލީހުން ޝަރީއަތުގައި ދައްކަވަން ބޭނުންވާ ވާހަކައެއް ދެއްކުމުގެ ފުރުސަތު ދިނުމުގެ ގޮތުން، މަޖިލީހަށް ސިޓީއެއް ފޮނުއްވެވި ކަމަށެވެ. އެ ސިޓީގައި ބުނެފައި ވާނީ ޝަރީއަތުގައި މަޖިލީހުން ޖަވާބުދާރީވާން "ބޭނުންވެއްޖެ" ކަމަށް ނިންމަވައިފި ނަމަ، ދައުލަތުގެ ވަކީލަުގެ އިތުރުން މަޖިލީހުގެ ކައުންސެލް ޖެނަރަލަށް އެ ފުރުސަތު އޭޖީ އޮފީހުން ދޭނެ ކަމަށެވެ.

އޭޖީ އޮފީހުން މަޖިލީހަށް ފޮނުވި ސިޓީގައި ކޮޕީ ސަންއަށް ލިބިފައިވެ އެވެ. އެ ސިޓީގައި ބުނެފައި ވަނީ ނެކްސްބިޒްއިން ކުރާ ދައުވާއާ ގުޅިގެން "ދައުލަތުގެ ފަރާތުން ކޯޓަށް ހާޒިރުވާ ވަކީލުގެ އިތުރުން ތިޔަ މަޖިލިޙުގެ ކައުންސެލް ޖެނެރަލް ވަޑައިގަންނަވާގޮތައް މަޖިލީހުން ނިންމަވައިފިނަމަ، އެގޮތުގެ މަތިން ހަމަޖައްސަވައިދެއްވާނެ ކަމުގައި ދެންނެވުމަށް ބަންޑާރަ ނައިބު ވިދާޅުވި" ކަމަށެވެ.

ނަމަވެސް މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް މިއަދު ސަންއަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ އެ މައްސަލާގައި ޖަވާބުދާރީވުމަށް މަޖިލީހުން ކޯޓަށް ދާންޖެހޭނެ ކަމަށް އެޓާނީ ޖެނަރަލް އައިޝަތު އާޒިމާ ޝުކޫރު ވިދާޅުވެފައިވާ ކަމަށެވެ.

"ދައުލަތަށް ޗިޓް ދިޔައީ، ބަންޑަރަ ނައިބަށް. ދެން ބަންޑާރަ ނައިބު އަޅުގަނޑުމެން ކައިރީގައި މި ވިދާޅުވީ އަޅުގަނޑުމެން ޝަރިއަތަށް ދާށޭ. މާނައަކީ ބަންޑާރަ ނައިބުގެ ފަރާތުން،" ނާޒިމް ވިދާޅުވެފައިވެ އެވެ.

މަޖިލީހުން މިއަދު އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒް ހުސައިން އަށް ފޮނުއްވެވި ސިޓީއެއްގައި ވިދާޅުވެފައި ވަނީ ރައްޔިތުންގެ މަޖިލީހުގައި ނިންމާ ކޮންމެ ކަމަކަށް ކޯޓަށް ދާން ނުޖެހޭނެ ކަމަށާއި ގާނޫނު އަސާސީން ލިބިގެންވާ އިމްތިޔާޒްގެ ދަށުން ގާނޫނު އަސާސީގައި ބުނާ ދުސްތޫރީ މައްސަލަތަކުގައި ސުޕްރީމް ކޯޓު ފިޔަވައި އެހެން ކޯޓަކަށް ޖަވާބުދާރީ ނުވާނެ ކަމަށެވެ.