ސޯޅަ އަހަރުން ދަށުގެ ގައުމީ ހެޑް ކޯޗަކަށް އޭވައިއެލްގެ ކޯޗު މުހައްމަދު އާތިފް (އާތީ) ހަމަޖައްސައިފި އެވެ.

އެފްއޭއެމްގެ އިސް އޮފިޝަލަކު ބުނީ، 16 އަހަރުން ދަށުގެ ކޯޗަކަށް އާތީ ހަމަޖެއްސީ ގައުމީ ޓީމްތަކުގެ ތިން އުމުރު ފުރައަކަށް ކޯޗުން ހަމަޖެއްސުމަށް އެފްއޭއެމް އިން މީގެ ކުރިން ކުރި އިއުލާންގެ މުއްދަތު ހަމަވި އިރު، ނަން ހުށަހަޅާފައިވާ ދެ ކޯޗުންގެ ތެރޭގައި އާތީ ހިމެނިފައި ވާތީވެ ކަމަށެވެ. އަދި 19 އަހަރުން ދަށާއި 14 އަހަރުން ދަށުގެ ކޯޗަކަށް އެފްއޭއެމް އިން ހަމަޖައްސާފައި ވަނީ އިހުސާން އަބުދުލްޣަނީ (ސާންތީ) ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

ސޯޅަ އަހަރުން ދަށުގެ ކޯޗަކަށް އާތީ ހަމަޖައްސާފައިވާ އިރު، އޭނަގެ އިރުޝާދުގެ ދަށުން ޒުވާން ޓީމް ވަނީ މި އަހަރުގެ އޭއެފްސީ 16 އަހަރުން ދަށުގެ މުބާރާތުގެ ކޮލިފައިންނާއި 16 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕް ކުޅުމަށް ހަމަޖެހިފަ އެވެ.

އާތީ އެންމެ ފަހުން ކޯޗް ކަން ކޮށްދީފައި ވަނީ ހުސްވި ސީޒަންގައި އޭވައެލް އަށެވެ. އެހެން ނަމަވެސް ސޯޅަ އަހަރުން ދަށުގެ ގައުމީ ޓީމުގެ ކޯޗަކަށް އާތީ ހަމަޖެއްށުމުން އޭވައެލްގެ ކޯޗް ކަމުގެ މަގާމުން އޭނަ ކުރިއަށް އޮތް ސީޒަނުގައި ނުފެންނާނެ އެވެ.

ކުރިން ލެގޫންސާއި ގައުމީ ފުޓްބޯޅަ ޓީމަށް ކުޅުނު އާތީ އަކީ އޭ ލައިސަންސް ކޯޗެކެވެ. އަދި އޭނާ އަކީ ކުރިން ގައުމީ އަންހެން ފުޓްބޯޅަ ޓީމުގެ ހެޑްކޯޗުކަން ވެސް ކޮށްފައިވާ މީހެކެވެ.