03 Jan 2013, 15:37
މި މަހު 10 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ ޔޫތު ޗެމްޕިއަންޝިޕް 2013ގެ ގުރުއަތުލުން ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ހައުސްގައި މިއަދު ބާއްވައިފި އެވެ.
ޖުމުލަ 12 ޓީމު ވާދަކުރާ މި މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ ތިން ގުރޫޕަކަށް ބަހާލައިގެންނެވެ. އެގޮތުން ކޮންމެ ގުރޫޕެއްގައި ހަތަރު ޓީމު ހިމެނޭ އިރު ގުރޫޕުތަކަށް ޓީމުތައް ބެހިފައިވާ ގޮތް ތިރީގައި އެ ވަނީ އެވެ.
ގްރޫޕް އެކެއް: މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އާއި، އޯލް ޔޫތު ލިންކޭޖް (އޭވައިއެލް) އާއި، ވީބީ އައްޑޫ އެފްސީ އާއި އޭދަފުށީ ފުޓްބޯޅަ ޓީމް.
ގްރޫޕް ދޭއް: ހުސްވިއަހަރުގެ ޗެމްޕިއަން ވިކްޓަރީ ސްޕޯޓްސް ކުލަބާއި، ކުލަބު ވެލެންސިޔާ އާއި ނިއުރޭޑިންޓް ސްޕޯޓްސް ކުލަބުގެ އިތުރުން ބީޖީ ސްޕޯޓްސް. މި ގުރޫޕަކީ މުބާރާތުގެ އެންމެ ވަރުގަދަ މެޗުތައް ލައްވާލި (މަރުގެ ގުރޫޕް)
ގްރޫޕް ތިނެއް: މި ގުރޫޕުގައި ހިމެނެނީ މިމުބާރާތުގެ އެންމެ ފަހުގެ ރަނަރަޕް ކުލަބް އީގަލްސް އާއި، އދ. މަހިބަދޫ ސްޕޯޓްސް ކުލަބް އާއި، ހއ. ކެލާ، ކެލާ ނާޅި ސްޕޯޓްސް އާއި ކުލަބު ގްރީން ސްޓްރީޓް
މުބާރާތް ކުރިއަށް ގެންދާނީ ގްރޫޕް ސްޓޭޖުގައި ޓީމުތައް ވާދަކޮށް ނިމޭއިރު ކޮންމެ ގްރޫޕަކުން އެންމެ ގިނަ ޕޮއިންޓް ހޯދާ ދެޓީމާއި، އަދި ތިން ގުރޫޕް އެއްކޮށް ތިންވަނައަށް އެންމެ ގިނައިން ޕޮއިންޓު ހޯދާ ދެ ޓީމާ އެކު ޖުމުލަ އަށްޓީމު ކުއާޓާ ފައިނަލުގައި ވާދަކުރާ ގޮތަށެވެ.
މުބާރާތް ހުޅުވާމެޗުގައި ޖެނުއަރީ 10 ވަނަ ދުވަހު ބައްދަލުކުރާނީ ގްރޫޕް އެކެއްގެ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އާއި އޯލް ޔޫތު ލިންކޭޖް އެވެ.
މުބާރާތުގެ ހުރިހާ މެޗުތަކެއް ވެސް ގަލޮޅު ރަސްމީ ބޯޅަ ދަނޑުގައި ކުޅުމަށް ހަމަޖެހިފައިވާ އިރު މެޗުތައް ފެށުމަށް ހަމަޖެހިފައި ވަނީ ކޮންމެ ދުވަހެއްގެ ހަވީރު 4:00ގަ އެވެ.