ގެސްޓް ހައުސްއެއްގެ ކޮޓަރިއެއްގައި އަލިފާން ރޯކޮށްލި ކަމަށް ތުހުމަތު ކުރެވޭ ދެ މީހެއްގެ މައްޗަށް ދައުވާ ކުރުމަށް ޕްރޮސެކިއުޓާ ޖެނެރްލްގެ އޮފީހަށް ފޮނުވައިފިއެވެ.

ޕީޖީ އޮފީހުގެ މީޑިއާ އޮފިޝަލް ހުސެއިން ނާޝިދު މިއަދު ވިދާޅުވީ ކ. މާފުށީގެ ގެސްޓު ހައުސްއެއްގެ ކޮޓަރީގައި އަލިފާން ރޯކޮށްލި ކަމުގެ ތުހުމަތުގައި ދައުވާ ކުރުމަށް ފުލުހުން ފޮނުވާފައި ވަނީ ކ. މާފުށި، ފިޔާދާގެ އަބްދުﷲ ޝަރީފް، 21، އާއި ސ.ހިތަދޫ ރޯޝަނީގެ ހުސެއިން ޝަބީން ހަސަން،22، ގެ މައްޗަށް ކަމަށެވެ. އަދި އެ މައްސަލަ ފޮނުވާފައި ވަނީ މިދިޔަ މަހުގެ ކުރީކޮޅު ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ނާޝިދު ވިދާޅުވީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 11 ވަނަ ދުވަހުގެ ރޭ ދަންވަރު 1:42 އެހާކަންހާއިރު "މާފުށީ އިން" ގެސްޓް ހައުސްގެ ކޮޓަރިއެއްގައި އަލިފާން ރޯކޮށްލި އެ މައްސަލަ މިހާރު ދިރާސާ ކުރަމުން އަންނަ ކަމަށެވެ.

"އެ މައްސަލައާ މެދު އަދި ވަކިގޮތެއް ނިންމާފައި ނުވޭ. ޕީޖީ އޮފީހުން މިގެންދަނީ އެ މައްސަލަ ދިރާސާ ކުރަމުން،" ނާޝިދު ވިދާޅުވި އެވެ.

ފުލުހުން ބުނެފައި ވަނީ އަލިފާން ރޯކޮށްލާފައިވަނީ އެ ގެސްޓް ހައުސްގެ ދެވަނަ ފަންގިފިލާގެ ކޮޓަރިއެއްގައި ކަމަށެވެ. އަދި އެ ހާދިސާގައި އެ ކޮޓަރީގައި ހުރި އޭސީ އާއި ފަރުނީޗަރުތަކާއި ގޮދަޑި ފަދަ ތަކެތި ބޭނުން ނުކުރެވޭ ވަރަށް އަނދާފައިވާއިރު އަލިފާންގަނޑު ސިޓިން ރޫމަށް ފެތުރި އެތަނުގައި ހުރި ބައެއް ތަކެއްޗަށް ވެސް އަސަރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އެ ހާދިސާ ހިނގިއިރު އެ ކޮޓަރީގައި އެއްވެސް ބަޔަކު ނޫޅެއެވެ.