އައްޑޫ ސިޓީގެ ހުޅުދޫގެ އަންހެން ކުއްޖަކާ މެދު ޖިންސީ އަމަލެއް ހިންގި ކަމުގެ ތުހުމަތުގައި ދެ ދިވެހީންނާއި ހަތަރު ބިދޭސީންގެ މައްޗަށް ދައުވާ ކޮށްފި އެވެ.

އެ މައްސަލައިގައި ދައުވާ ކޮށްފައި ވަނީ ސ. ހިތަދޫ ހަސްތީގޭ ނިޒާމް ވަހީދުއާއި ސ. މީދޫ މެރިންވިލާ އަހުމަދު ޖަލީލުގެ އިތުރުން ބަންގްލަދޭޝްގެ ރައްޔިތުން ކަމަށްވާ މަޓިންމިއާ އާއި ތޯފިގުލް އިސްލާމާއި ޔޫސުފާއި އެމްޑީ އުއްދީންގެ މައްޗަށެވެ.

ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުގެ މީޑިއާ އޮފިޝަލް ހުސެއިން ނާޝިދު މިއަދު ވިދާޅުވީ އެ މީހުންގެ މައްޗަށް ދައުވާ ކޮށްފައި ވަނީ މިދިޔަ އަހަރުގެ އެކި ދުވަސް މަތިން ހުޅުދޫގެ 14 އަހަރުގެ އަންހެން ކުއްޖަކާ މެދު ޖިންސީ ގުޅުން ހިންގާފައިވާ ކަމަށް ތުހުމަތު ކުރެވޭތީ ކަމަށެވެ.

އޭނާ ވިދާޅުވީ އިއްޔެ ހެނދުނު ކްރިމިނަލް ކޯޓުގައި ބޭއްވި ޝަރީއަތުގެ މަޖިލީހުގައި އެމީހުންގެ މައްޗަށް ދައުލަތުން ދައުވާ އިއްވުމުން އެންމެން ވެސް ދައުވާ އަށް އިންކާރުކޮށްފައިވާ ކަމަށެވެ. އަދި އެ މީހުން ދައުވާ އަށް އިންކާރު ކުރުމުން ދައުވާ ސާބިތުކުރުމަށް ދައުލަތުން ހެކި ހުށަހަޅާފައިވާ ކަމަށް ވެސް ނާޝިދު ވިދާޅުވި އެވެ.

ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ މައްސަލަތައް ރާއްޖޭގައި މިހާރު ވަނީ އާންމު ކަމަކަށް ވެފަ އެވެ. ދާދިފަހުން ވިލާމާލޭގެ މަގުމަތިން ހިނގާފައި ދިޔަ 16 އަހަރުގެ އަންހެން ކުއްޖަކު ގެއަކަށް ވައްދައި އެ ކުއްޖާއާ މެދު ގަދަކަމުން ޖިންސީ ގުޅުން ހިންގި މައްސަލައެއް ވެސް ވަނީ ފެންމަތިވެފަ އެވެ. އެ މައްސަލައިގައި ތުހުމަތު ކުރެވޭ މީހާ ފުލުހުން ވަނީ ހައްޔަރުކޮށްފަ އެވެ. އަދި މާލޭގެ ގެއަކަށް ވަދެ އުމުރުން 13 އަހަރުގެ އަންހެން ކުއްޖަކާ މެދު ޖިންސީ ގުޅުން ހިންގި ކަމުގެ ތުހުމަތުގައި މިދިޔަ ހަފްތާގެ ތެރޭގައި ވަނީ މީހަކު ހައްޔަރުކޮށްފަ އެވެ.