03 Jan 2013, 14:47
ރައްޔިތުންގެ މަޖިލީހުގައި ނިންމާ ކޮންމެ ކަމަކަށް ކޯޓަށް ދާން ނުޖެހޭނެ ކަމަށާއި ގާނޫނު އަސާސީން ލިބިގެންވާ އިމްތިޔާޒްގެ ދަށުން ގާނޫނު އަސާސީގައި ބުނާ ދުސްތޫރީ މައްސަލަތަކުގައި ސުޕްރީމް ކޯޓު ފިޔަވައި އެހެން ކޯޓަކަށް ޖަވާބުދާރީ ނުވާނެ ކަމަށް މަޖިލީހުން އުއްތަމަފަނޑިޔާރު އަހުމަދު ފާއިޒު ހުސައިން އަށް އަންގައިފި އެވެ.
މަޖިލީހުން އެ ގޮތަށް އަންގާފައި ވަނީ މެލޭޝިޔާގެ ނެކްސްބިޒް ލިމިޓެޑުން މަޖިލީހަށް ދައުވާ ލިބޭ ގޮތަށް ދިވެހި ދައުލަތުގެ މައްޗަށް ކޮށްފައިވާ ދައުވާގެ އަޑުއެހުމެއް މިއަދު 2:45ގައި ސިވިލް ކޯޓްގައި ޝެޑިއުލްކޮށްފައި ވަނިކޮށެވެ.
އެ މައްސަލާގައި ނެކްސް ބިޒުން މަޖިލީހާ ދެކޮޅަށް ދައުވާ ކުރަނީ ސަރުކާރާއި ނެކްސް ބިޒާ ދެމެދު ވެފައިވާ އެއްބަސްވުން ބާތިލު ކުރުމަށް މަޖިލީހުން ފާސްކުރުމާ ގުޅިގެންނެވެ.
މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް މިއަދު ސަން އަށް ވިދާޅުވީ ނެކްސްބިޒް މައްސަލާގައި ޖަވާބު ދާރީވުމުގެ ޗިޓް ފޮނުވާފައި ވަނީ ދައުލަތުގެ ބަންޑާރަ ނައިބު އައިޝަތު އާޒިމާ ޝުކޫރަށް ކަމަށާއި ބަންޑާރަ ނައިބު ވިދާޅުވީ މިއަދުގެ އަޑުއެހުމަށް މަޖިލީހުން ޖަވާބުދާރީވުމަށެވެ.
"އަޅުގަނޑުމެން ނިންމާ ކޮންމެ ކަމަކަށް ކޯޓަށް ދާންވެއްޖެއްޔާ ހަލެއް ނެތް. އެހެންވީމަ ގާނޫނު އަސާސީގައި ބުނާ ހާލަތްތަކުގައި ދުސްތޫރީ މައްސަލަތަކުގައި ސުޕްރީމް ކޯޓަށް ދިއުމުގެ އިތުރުން، އެހެން ކޯޓަކަށް ދިއުން ނިމުނީ،" ނާޒިމް ވިދާޅުވި އެވެ.
ނާޒިމް ސޮއި ކުރައްވައި އުއްތަމަފަނޑިޔާރަށް ފޮނުއްވާފައިވާ ސިޓީގައި ގާނޫނު އަސާސީގެ 88 ވަނަ މާއްދާގެ (ށ) ހަވާލާދީ ބުނެފައި ވަނީ ގާނޫނު އަސާސީގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހާ ހިނދަކު، ރައްޔިތުންގެ މަޖިލީހުގެ އެއްވެސް ކަމެއް ހިނގި ގޮތުގެ ސައްހަކަން ބެލުމަށްޓަކައި އެއްވެސް ކޯޓަކަށް މައްސަލައެއް ހުށަހެއް ނޭޅޭނެ ކަމަށެވެ. ނަމަވެސް ސުޕްރީމް ކޯޓާއި ހައި ކޯޓަށް މައްސަލަ ހުށަހެޅިދާނެ ކަމަށް ގާނޫނު އަސާސީގައި ވަކި ހާލާތްތައްކެއް ކަނޑައެޅިގެން ބަޔާންކޮށްފައިވާ ކަމަށެވެ. އަދި އެފަދަ ހާލަތްތަކުގައި މެނުވީ ރައްޔިތުންގެ މަޖިލީހަކީ ގާނޫނު އަސާސީން ފުރިހަމަ ރައްކާތެރިކަމާއި އިމްތިޔާޒް ލިބިދާީފައިވާ މަޖިލީހެއް ކަމަށެވެ.
"މަޖިލީހުގެ ނިންމުމަކާމެދު ނުވަތަ ކޮމެޓީއެއްގެ ނިންމުމަކާ މެދު އެއްވެސް ފަރާތަކުން ހިތްހަމަނުޖެހޭ ކޮންމެ ފަހަރަކު، އެ ނިންމުމެއް ދިވެހިރާއްޖޭގެ އެކި މަރުހަލާގެ އެކި ކޯޓުތަކަށް ހުށަހަޅައި، އެ މައްސަލަތައް އެ ކޯޓުތަކުން ބަލަމުން ގެންދިއުމަކީ، ރައްޔިތުންގެ މަޖިލިސް އުފައްދައި، ރައްޔިތުންގެ މަޖިލީހަށް އިމްތިޔާޒު ދީ، ގާނޫނު އަސާސީގައި ކަނޑައެޅި ބަޔާންކޮށްފައިވާ ހާލަތްތަ ފިޔަވައި އެހެން ހާލަތްތަކުގައި ރައްޔިތުންގެ މަޖިލީހުގެ ނިންމުންތައް ކޯޓަކަށް ހުށަނޭޅޭނެ ކަމަށް ބަޔާންކޮށް އަދި އެ ހާލަތްތަކަކީ ކޮބައިކަން ބަޔާންކޮށްދީފައިވާ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނު އަސާސީގެ ތަސައްވަރު ކަމަށް ގަބޫލު ކުރެވޭނެ ހަމައެއް އޮތް ކަމެއް ނޫނެވެ،" އުއްތަމަ ފަނޑިޔާރަށް ފޮނުއްވެވި ސިޓީގައިވެ އެވެ.
މި އަހަރުގެ ބަޖެޓް މަޖިލީހުން ފާސްކުރި އިރު، ބަޖެޓް ރިކޮމަންޑޭޝަންގެ ތެރޭގައި ވެސް ނެކްސްބިޒް އެއްބަސްވުން އުވާލުމަށް ހިމަނާފައިވެ އެވެ. މާލިއްޔަތު ކޮމެޓީން ބުނެފައި ވަނީ ބަޖެޓް ރިކޮމަންޓޭޝަންގެ ތެރޭގައި އެއްބަސްވުން އުވާލުމަށް ހިމެނުމުން އިތުރު "ޗޮއިސް"އަކާ ނުލައި ސަރުކާރުން އެއްބަސްވުން އުވާލުމަށް މަޖުބޫރުވާނެ ކަމަށެވެ.