ނިއުދިއްލީ (2 ޖެނުއަރީ) – ނޭޝަނަލް ހައިވޭ އޮތޯރިޓީ އޮފް އިންޑިޔާ (އެންއެޗްއޭއައި) އިން އެ ގައުމުގެ ކިޝަންގަރު- އުދައިޕޫރު- އަހްމަދުއާބާދު ހައިވޭ ބިނާކުރުމަށް މަޝްހޫރު ޖީއެމްއާރު ގްރޫޕާ އެކު ވެފައިވާ 60،000 މިލިއަން އިންޑިއަން ރުޕީސް (1.1 ބިލިއަން ޑޮލަރު)ގެ އެއްބަސްވުން ބާތިލުކުރުމަށް އެ އޮތޯރިޓީން ނިންމައިފި އެވެ.

ޖީއެމްއާރާ އެކު އެންއެޗްއޭއައި އިން ހަދާފައިވާ 6000 ކްރޯޑް ރުޕީސްގެ އަގު ބޮޑު ހައިވޭ ޕްރޮޖެކްޓްގެ އެއްބަސްވުން ނިމުމަކަށް ގެނައުމަށް ނިންމާފައި ވަނީ އެ ކުންފުނިން އެއްބަސް ވުމުގައިވާ މާއްދާތަކަށް ހުރުމަތްތެރިކޮށް ނުހިތާތީ ކަމަށް އިކޮނަމިކް ޓައިމްސްގައި މިއަދު ލިއެެފައިވެ އެވެ.

އެ މައްސަލައާ ގުޅޭ ގޮތުން އެންއެޗްއޭއައި އިން ޖީއެމްއާރަށް ދީފައިވާ ޖަވާބުގައި ބުނެފައި ވަނީ އެކުންފުނިން ކަމާ ބެހޭ ފަރާތްތަކަށް ދޭން ޖެހޭ 90 ދުވަހުގެ ކިޔޯ ޕީރިއެޑް (މައްސަލަތައް ބަލައި ދިރާސާކުރަން ދޭ މުއްދަތު) ދިފައި ނުވާ ކަމަށާއި އަދި ޖީއެމްއާރުން އެއްބަސްވުމުގެ މާއްދާތަކަށް ހުރުމަތްތެރިކޮށް ހިތާފައި ނުވާ އިރު އެ ކުންފުނިން ވަނީ އެގްރީމެންޓުގައިވާ ކޮންސެޝަން އެއްބަސްވުމާ ވެސް ޚިލާފުވެފައި ކަމަށެވެ.

ޖީއެމްއާރުން ބުނެފައި ވަނީ ކުރިން ފޯ ލޭން ހައިވޭއެއް ހެދުމަށް އެއްބަސްވެފައިވާ ޕްރޮޖެކްޓް ސިކްސް ލޭން އަށް ބަދަލުވުމުން ދޭން ޖެހޭ އެންވަޔަރަންމަންޓް ކްލިއަރެނެސް ދިނުމަށާއި ޓޮލް ރޭޓަށް ގެނައި ބަދަލުތަކާ ބެހޭ ގޮތުން އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށް އެންއެޗްއޭއައި ފެއިލްވެފައިވާ ކަމަށެވެ.

ކިޝަންގަރު-އުދައިޕޫރު-އަހްމަދުއާބާދު ހައިވޭ އަކީ ދިގުމިނުގައި 555 ކިލޯމީޓަރު ހުންނަ ހައިވޭ އެކެވެ. އަދި މިއީ މުޅި އިންޑިޔާގައި ވެސް މިހާތަނަށް ހަދާ އެންމެ ބޮޑު އަދި އެންމެ އަގުބޮޑު ހައިވޭ ޕްރޮޖެކްޓެވެ.