ހުރަވީ ބިލްޑިންގުގައި ހުންނަ އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ފަންގިފިލާ ވެއްޓި އެ ކޮމިޝަނުގެ މަސައްކަތަށް ބުރޫ އަރައިފި އެވެ.


ކޮމިޝަނުގެ އޮފިޝަލަކު މިއަދު ވިދާޅުވީ ތިން ވަނަ ބުރީގައި ހުންނަ ކޮމިޝަންގެ އޮފީސް ބައިގެ ފަންގި ފިލާ ވެއްޓެން ފެށީ އިއްޔެ ހަވީރު މުވައްޒަފުން އިތުރު ގަޑީގެ މަސައްކަތް ކުރަމުން ދަނިކޮށް ކަމަށެވެ. ފަންގިފިލާ އިން ބައެއް ތަންތަންގަނޑު ވެއްޓެމުން ދިއުމާ ގުޅިގެން، ކޮމިޝަންގެ މައްސަލަ ހުށަހަޅާ ބިއުރޯގެ މަސައްކަތްތަކާއި މައްސަލަތަކާބެހޭ މަސައްކަތްތައް ހުއްޓިފައިވާ ކަމަށް ވެސް އޮފިޝަލު ވިދާޅުވި އެވެ.


"މިއަދު އަޅުގަނޑުމެން އައި އިރު އޮތީ ވަރަށް ބޮޑަށް ވެއްޓިފައި އެހެންވެ އެތަނުގައި ތިބި ސްޓާފުން އެހެން ތަނަކަށް ވަނީ ބަދަލު ކޮށްފައި. އަޅުގަނޑުމެން މިހާރު މިތިބީ ދެވަނަ ބުރީގައި،" އޮފިޝަލު ވިދާޅުވި އެވެ.


ކޮމިޝަނުން ބުނީ ބޯ މައްޗަށް ވެއްޓެމުންދާ ފަންގިފިލާ އާއި ނެއްޓެމުންދާ ތަންތަންގަނޑު އެއްކޮށް ނުވެއްޓި ހުރީ ފަންކާތަކުގެ އެހީގައި ކަމަށެވެ. އަދި ވިދާޅުވީ ލިބިފައިވާ ގެއްލުންތައް މަރާމާތު ކުރުމަށް ހައުސިން މިނިސްޓްރިއާ ވާހަކަ ދައްކަމުންދާ ކަމަށެވެ.