ފުލުހަކަށް ހަމަލާ ދިންކަމުގެ ތުހުމަތުގައި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ކޮއްކޯފުޅު އަބްދުﷲ ބުންޔާމީންގެ މައްޗަށް ދައުވާކޮށްފި އެވެ.

މިދިޔަ އަހަރުގެ އޮކްޓޯބަރު 16 ވަނަ ދުވަހު ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ކްރިމިނަލް ކޯޓަށް ހުށަހެޅި އެ މައްސަލައިގެ ޝަރީއަތުގެ އަޑުއެހުމެއް ބޭއްވުމަށް އިއްޔެ ޝެޑިއުލްކުރި އެވެ. ނަމަވެސް އޭނާ ޝަރީއަތަށް ހާޒިރުނުވުމުން ޝަރީއަތް ވަނީ ކެންސަލްކޮށްފަ އެވެ.

ޕީޖީ އޮފީހުގެ އޮފިޝަލަކު މިއަދު ވިދާޅުވީ ފުލުހުންގެ ގާނޫނުގެ ދަށުން އޭނާގެ މައްޗަށް ކޮށްފައި ވަނީ "ފުލުހުންގެ ދައުރު އަދާކުރަން ހުރި މީހަކަށް ހަމާލާ ދިނުމުގެ" ކުށުގެ ދައުވާ ކަމަށެވެ. އޭނާގެ މައްޗަށް އެ ދައުވާ އުފުލާފައި ވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 12 ވަނަ ދުވަހު ފުލުހުންނަށް ހުށަހެޅުނު މަސްތުވާތަކެތީގެ މައްސަލައަކާ ގުޅިގެން އޭނާ އާއި އިތުރު ބަޔަކު ހޮޓަލެއްގެ ތެރޭގައި ތިއްބައި ފުލުހުން އެތަނަށް ގޮސް މަސްތުވާތަކެތި ގެންގުޅުމުގެ ތުހުމަތު އޭނާގެ މައްޗަށް ވެސް ކުރެވިގެން އޭނާ ހައްޔަރު ކުރަން އުޅުމުން ފުލުހަކަށް އޭނާ ހަމަލާދީފައިވާ ކަމަށް ތުހުމަތު ކުރެވޭތީ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

ފުލުހުންގެ ގާނޫނުގެ 75 ވަނަ މާއްދާގައި ބުނަނީ އެފަދަ ކުށެއް ސާބިތުވެއްޖެ މީހެއްގެ އަދަބަކީ 12000ރ. އަށް ވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާ ކުރުން ނުވަތަ ހަ މަސް ދުވަހަށް ވުރެ ދިގު ނޫން މުއްދަތަކަށް ޖަލަށް ލުން ނުވަތަ 12000ރ. ވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާ ކުރުމާއި އެކު ހަ މަސް ދުވަހަށް ވުރެ ދިގުނޫން މުއްދަތަކަށް ޖަލަށް ލުން ކަމަށެވެ.