ރާއްޖޭގައި މި އަހަރު ބާއްވަން ކުރިން ހަމަޖެއްސި 10 ވަނަ ސައުތު އޭޝިއަން މެންސް ބޮޑީ ބިލްޑިން ޗެމްޕިއަންޝިޕް މިހާރު ނުބާއްވާ ގޮތަށް ބޮޑީ ބިލްޑިން ފެޑެރޭޝަން އޮފް މޯލްޑިވްސް (ބީބީއެފްއެމް) އިން ނިންމައިފި އެވެ.

ސައުތު އޭޝިއަން ބޮޑީ ބިލްޑިން ފެޑެރޭޝަނުގެ އެސިސްޓެންޓް ސެކްރެޓަރީ ޖެނެރަލް އަދި ބޮޑީ ބިލްޑިން ފެޑެރޭޝަން އޮފް މޯލްޑިވްސް (ބީބީއެފްއެމް)ގެ ޖެނެރަލް ސެކްރެޓަރީ އަހުމަދު އަމީން ވިދާޅުވީ، މުބާރާތް ރާއްޖޭގައި ބޭއްވޭތޯ ގިނަ މަސައްކަތްތަކެއް އެންމެ ފަހު ވަގުތާ ޖެހެންދެން ކުރި ކަމަށާއި ނަމަވެސް އެންމެ ފަހު ވަގުތު މުބާރާތް ނުބާއްވާގޮތަށް ނިންމީ ސައުތު އޭޝިއަން ބޮޑީ ބިލްޑިން ފެޑެރޭޝަނަށް ރާއްޖޭގައި މުބާރާތް ބާއްވާ ކަމަށްވާ ނަމަ 10000 ޑޮލަރު (154،200 ރުފިޔާ) ދައްކަންޖެހޭތީވެ، އެވަރަށް ފެޑަރޭޝަންގައި ފައިސާ ނެތުމުން ކަމަށެވެ.

ރާއްޖޭގައި މުބާރާތް ބޭއްވެން ނެތުމުން، މިހާރު މުބާރާތް ބާއްވަން ނިންމާފައި ވަނީ ޕާކިސްތާންގެ ލާހޫރުގައި އަންނަ ޖޫން މަހުގެ ތެރޭގަ އެވެ.

ބޮޑީ ބިލްޑިން ފެޑެރޭޝަންގެ ނައިބު ރައީސް އިބްރާހިމް ހަމީދު ވިދާޅުވީ، މުބާރާތް ނުބޭވޭ ގޮތް ދިމާވުމުން، ބޮޑީ ބިލްޑުކުރާ ރާއްޖޭގެ ބިލްޑަރުންނަށް އަމަލީ ގޮތުން ހިތި ތަޖުރިބާއެއް ކުރަން ޖެހިފައިވާ ކަމަށެވެ. އަދި މުބާރާތް ރާއްޖޭގައި ނުބޭއްވޭ އެންމެ ބޮޑު އެއް ސަބަބަކަށް ވެފައި ވަނީ މި އަހަރަކީ ރާއްޖޭގެ ސިޔާސީ މަސްރަހުގައި ގިނަ ކަންތައްތަކެއް ކުރިއަށްދާނެ އަހަރެއް ކަމަށް ގިނަ ބަޔަކު ބުނަމުންދާތީ، ސަރުކާރުން ވެސް މުބާރާތް ބޭއްވުމަށް މާބޮޑު އެއްބާރުލުމެއް ދީފައި ނުވާތީވެ ކަމަށެވެ.

ހަމީދު ވިދާޅުވީ، ޕާކިސްތާނުގައި މުބާރާތް ބާއްވާގޮތައް ހަމަޖެއްސުމުން މުބާރާތުގައި ވާދަކުރާ ރާއްޖޭގެ ބިލްޑަރުންގެ ފަރިތަކުރުންތައް އަންނަ މަހު ފެށުމަށް ނިންމާފައިވާ ކަމަށެވެ. އަދި މުބާރާތުގައި ރާއްޖެ އިން ވާދަކުރާނީ ހަތަރު ކެޓަގަރީ އަކުން ކަމަށްވީ އިރު، އެ ކެޓަގަރީތަކަކީ 55، 60، 70، އަދި 75 ކެޓަގަރީން ކަމަށް ހަމީދު ވިދާޅުވި އެވެ.

ސައުތު އޭޝިއަން މެންސް ބޮޑީ ބިލްޑިން ޗެމްޕިއަންޝިޕް މި އަހަރު ރާއްޖޭގައި ނުބާއްވާ ގޮތަށް ނިންމި ކަމުގައި ވިޔަސް، މީގެ ކުރިން ވަނީ މިމުބާރާތް ރާއްޖޭގައި ބާއްވާފަ އެވެ. އެފަހަރުގެ މުބާރާތް ރާއްޖޭގައި ބޭއްވީ މިއަދު ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ކަމުގެ މަގާމްގައި ހުންނެވި މުހައްމަދު ވަހީދުއްދީން (ޑީން)ގެ ސައްތައިންސައްތަ އެހީތެރިކަމާ އެކު 2002 ވަނަ އަހަރު އެވެ. އެފަހަރުގެ މުބާރާތް އޮތީ ބަނޑޮސް އައިލެންޑް ރިސޯޓުގަ އެވެ.

ދިހަ ވަނަ ސައުތު އޭޝިއަން މެންސް ބޮޑީ ބިލްޑިން ޗެމްޕިއަންޝިޕްގެ އިތުރުން، މި އަހަރު ރާއްޖޭގައި އޮތް އެންމެ ބޮޑު އެއް މުބާރާތަކީ 14 ވަނަ ގައުމީ ބޮޑީ ބިލްޑިން މުބާރާތެވެ. އެ މުބާރާތް މިހާރު ބާއްވަން ނިންމާފައިވާ ތާރީހަކީ އަންނަ އޭޕްރީލް މަހުގެ ފަހު ކޮޅުގައި ކަމަށް ބޮޑީ ބިލްޑު ފެޑަރޭޝަނުން މައުލޫމާތުދެ އެވެ.