ޖަސްޓިސް ބިލްޑިންގެ ޑިއުޓީ އޮފިސަރަކާއި ސިފައިންގެ މީހެއްގެ މައްޗަށް ބަދުއަޚުލާގީ އަމަލު ހިންގި ކަމުގެ ދައުވާ ދައުލަތުން އުފުލައިފި އެވެ.

އާންމު ތަނެއްގައި ބަދުއަހްލާގީ އަމަލު ހިނގުމުގެ ކުށުގެ ދައުވާ އުފުލާފައި ވަނީ ޖަސްޓިސް ބިލްޑިންގެ ޑިއުޓީ އޮފިސަރު ބ. ތުޅާދޫ ކަނަމާގޭ އަބްދުލްއަޒީޒް އަލީ އާއި ސިފައިންގެ މީހެއް ކަމަށްވާ ދ. މާއެނބޫދޫ ދިލްކްސާގޭ އިބްރާހިމް މުހައްމަދުގެ މައްޗަށެވެ.

ކްރިމިނަލް ކޯޓުގައި މިއަދު ހެނދުނު އޮތް ޝަރީއަތުގެ މަޖިލީހުގައި ދައުވާ އިއްވަވަމުން ދައުލަތުގެ ވަކީލު ވިދާޅުވީ އެ ދެ މީހުންގެ މައްޗަށް އެ ދައުވާކޮށްފައި ވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު ހަ ވަނަ ދުވަހުގެ ރޭ 1:52 އެހާކަންހާ އިރު އެ ދެ މީހުން ހިރިޔާ ސްކޫލްކައިރީ ތިބެ ބަދުއަހުލާގީ އަމަލު ހިންގާފައިވާ ކަމަށް ތުހުމަތު ކުރެވޭތީ ކަމަށެވެ.

ދައުލަތުން ދައުވާ އިއްވުމަށް ފަހު ދައުވާ އަށް ޖަވާބުދާރީ ވުމަށް ފުރުސަތު އެރުވުމުން ދެ މީހުން ވެސް ވަނީ ދައުވާ އަށް އިންކާރުކޮށްފަ އެވެ. އަދި މައްސަލަ ކުރިއަށް ގެންދަން ބޭނުން ވަނީ ގާނޫނީ ވަކީލެއްގެ އެހީތެރިކަމާ އެކު ކަމަށް ވެސް އެ ދެ މީހުން ބުންޏެވެ.

މިހާރު އެ މައްސަލަ ޝެޑިއުލްކޮށްފައި ވަނީ އަންނަ އަންގާރަ ދުވަހަށެވެ. އެ ދުވަހު އޮންނާނީ ގާނޫނީ ވަކީލެއްގެ ހާޒިރުގައި ދެ މީހުން ވެސް ދައުވާ އަށް ޖަވާބުދާރީ ވުމެވެ.