މޯލްޑިވްސް ބްރޯޑްކާސްޓިން ކޯޕަރޭޝަން (އެމްބީސީ)ގެ ބޯޑުން އިސްތިއުފާ ދިނީ ސިޔާސީ ދާއިރާއިން މަތީ ތައުލީމު އުނގެނިގެން ހުރެ، "އެ ރޮނގުން އިތުރަށް ފުރުސަތު ފަހިކުރަން" ވެގެން ކަމަށް ޕީޕީއެމްގެ ކައުންސިލަށް ކުރިމަތިލައްވާފައިވާ ނަހުލާ އަލީ ވިދާޅުވެއްޖެ އެވެ.

އެމްބީސީ ބޯޑުން އިސްތިއުފާ ދެއްވި ސަބަބު ބަޔާންކޮށް، ނަހުލާ މިއަދު ނެރުއްވި ނޫސްބަޔާނެއްގައި ވިދާޅުވެފައި ވަނީ އެމްބީސީ ބޯޑުގެ މެންބަރެއްގެ ގޮތުގައި ހުރެ ގާނޫނާ ހިލާފު އަމަލެއް އޭނާ ހިންގާފައި ނުވާނެ ކަމަށެވެ. އަދި އެމްބީސީގައި ހުންނެވި މުއްދަތުގައި މަސައްކަތް ކުރައްވާފައި ވާނީ މުސްތަގިއްލު ކަމާއި ވަކިފަރާތަކަށް ބުރަނުވެ، މިނިވަންކަމާ އެކު ކަމަށް ނަހުލާ ވިދާޅުވި އެވެ.

"އަޅުގަނޑު އެމްބިސީ ބޯޑުން އިސްތިއުފާ ދިނީ އެއް ރޮނގަށް ވުރެ ގިނަ ރޮނގުން ގައުމަށް ހިދުމަތް ކުރުމުގެ ފުރުސަތު ހޯދުމުގެ ނިޔަތުގަ އެވެ. އަޅުގަނޑަކީ ސިޔާސީ ދާއިރާ އިން މަތީ ތައުލީމު އުނގެނިގެން ހުރި ދިވެހި މަދު އަންހެނުންގެ ތެރެއިން އަންހެނެއްކަށް ވީހިނދު އެ ރޮނގުން އިތުރަށް ފުރުސަތު ފަހިކުރެވެން އޮތީ މި މަގާމުން އިސްތިއުފާ ދީގެން ކަމަށް އަޅުގަނޑަށް ގަބޫލު ކުރެވޭތީ އިސްތިއުފާދިނީ އެވެ،" ސިޔާސީ ދާއިރާ އިން މާސްޓާސް ހައްދަވާފައިވާ ނަހުލާ ވިދާޅުވި އެވެ.

ބަޔާނުގައި ނަހުލާ ވިދާޅުވެފައި ވަނީ އަންހެނުންގެ ދައުރު ގައުމުގެ ހުރިހާ ދާއިރާއެއްގައި ވެސް ފުޅާ ކުރުމުގެ ރޫހް އޮތް މާހަލުގައި ވަކި ކަމެއްގެ ތެރޭގައި 'ބަނދެވިގެން' ހަނު ހުންނަން ޖެހުން އެއީ އަޅުގަނޑަށް ގަބޫލު ކުރެވޭ ކަމެއް ނޫނެވެ. އަދި ވިދާޅުވެފައި ވަނީ ޕީޕީއެމް ކޮންގްރެސްގެ ޖަލްސާއަށް ވަނުމުގެ ކުރިން، އެމްބީސީ ބޯޑުން އިސްތިއުފާ ދެއްވާނެ ކަމަށް ޕީޕީއެމްއާ ގުޅިވަޑައިގެންނެވި ދުވަހު މީޑިއާގެ ހާޒިރުގައި ވިދާޅުވާނެ ކަމަށެވެ. ނަމަވެސް ޕީޕީއެމް ކޮންގްރެސްގެ ކުރިން އިސްތިއުފާ ދެއްވީ އެމްބީސީ ބޯޑަށް އޭނާ އައްޔަން ކުރި މަޖިލީހުގެ މެންބަރުންނާ ދެކޮޅަށް އެ މަގާމުގައި ހުންނަން ބޭނުން ނުވާތީ ކަމަށެވެ.

ނަހުލާ ވިދާޅުވީ ޕީޕީއެމް ކައުންސިލަށް އޭނާ ހޮވިވަޑައިގެންފިނަމަ "ފިސާރި ސާބިތުކަމާ އެކު" މަސައްކަތް ކުރާނެ ކަމުގެ ޔަގީންކަން ޕީޕީއެންގެ މެންބަރުންނަށް ދެއްވާ ކަމަށެވެ.

އެމްބީސީގެ ބޯޑު މެންބަރެއްގެ ގޮތުގައި ހުންނަވައި ނަހުލާ ޕީޕީއެމްއަށް ސޮއި ކުރެއްވީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު ތެރޭގަ އެވެ. އަދި އެ ޕާޓީގެ ކައުންސިލަށް ނަހުލާ ކުރިމަތިލެއްވުމާ ގުޅިގެން، މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމެޓީން އެ މައްސަލަ ފެންމަތި ކުރި އެވެ. އަދި ނަހުލާގެ ބޯޑު މެންބަރުކަމާ މެދު ސުވާލު އުފައްދާފައި ވަނިކޮށް، ނަހުލާ އިސްތިއުފާ ދެއްވި އެވެ.

ނުވަ މެންބަރުންގެ މަޗަށް އެކުލެވޭ އެމްބީސީ ބޯޑުން ނަހުލާ އިސްތިއުފާ ދެއްވުމުން ދެން އެ ބޯޑުގައި ތިއްބަވާނީ މ. ޝެރިފް، އަލީ ޝަރީފާއި މ. ޒިޔާރަތްދޮށުގޭ، މުހައްމަދު ޝަފްރާޒް ހާފިޒާއި މާލޭ ދަފްތަރު އިބްރާހިމް އުމަރު މަނިކާއި މާލޭ ދަފްތަރު އަލީ ޝަމްއާންއާއި ސ. މީދު ލިލީވިލާ، މުސްތަންސިރު މުމްތާޒާއި ސ. ހިތަދޫ ސެވަން ސްޓާ އައިޝަތު ދިޔާނާ ތާހިރާއި ހ. ތަންބިއާގޭ އަބްދުލްހަމީދު އަބްދުއްސަމަދާއި ގ. ވަށަފަރު އިގްބާލް އާދަމެވެ.

އެމްބީސީ ބޯޑުން ނަހުލާ އިސްތިއުފާ ދެއްވުމުން، އެ ބޯޑުގެ ހުސްވެފައިވާ ގޮނޑިއަށް ބޭފުޅަކު ހޮވާނީ މަޖިލީހުން އިއުލާނު ކުރުމަށް ފަހު، ކުރިމަތިލެއްވި ފަރާތްތަކާ މިނިވަން މުއައްސަސާތަކުގެ ކޮމެޓީން އިންޓަވިއު ކުރެއްވުމަށް ފަހު މަޖިލީހުގެ ތަޅުމަށް ހުށަހަޅާ ނަންތަކަށް ވަކިވަކިން ވޯޓަށް އަހައިގެންނެވެ.

ނަހުލާ ސިޔާސީ ކަންކަމުގައި ހަރަކާތްތެރިވާ ކަމަށް ބުނެ، ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމެޓީން ސުވާލު އުފެއްދެވި އިރު، ރިޔާސީ ކެންޑިޑޭޓުންގެ ގޮތުގައި ވާދަ ކުރެއްވުމަށް ނިންމަވާފައިވާ ބައެއް ބޭފުޅުންގެ ސިޔާސީ ހަރަކާތްތައް ވަރަށް ފާޅުގައި ކުރައްވާ ބައެއް ބޭފުޅުންގެ މައްސަލަތައް އެ ކޮމެޓީން ބަލައިފައެއް ނުވެ އެވެ.