އިމްތިޔާޒުގެ ބިލަކީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން އާންމު ރައްޔިތުންނާ ދިމާލަށް ކޮންމެ އެއްޗެއް ކިޔަސް ކުއްވެރިނުވާ ގޮތަށް ފަރުމާކޮށް ފާސްކުރި ބިލެއް ކަމަށާއި އެ ބިލަކީ އިންސާނީ ބުއްދީގެ ހަމަތަކަށް ފެތޭ ބިލެއް ނޫންކަމަށް އަދާލަތު ޕާޓީން ބުނެފި އެވެ.

ރޭ ދިޓީވީގެ، "ހަބަރު ތެރެއިން ޕްރޮގްރާމް"ގައި ވަހަކަ ދައްކަވަމުން އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ވިދާޅުވީ މަޖިލީހުގެ މެންބަރުން ގައުމުގެ އެންމެ މަތީ ފަންތީގެ މީހުން ފެށިގެން ގޮސް އެންމެ ދަށް ފަންތީގެ ރައްޔިތުންގެ އަބުރާއި އިއްޒަތް ނަގާލާ ފަދަ ވާހަކަތައް ދައްކަމުން ދާއިރުވެސް އެ މެންބަރުންނާ ދިމާލަށް އެއްޗެއް ބުނާ މީހަކު ކުއްވެރިވާ ގޮތަށް އޮތުމަކީ ބުއްދި ގަބޫލުކުރާ އިންސާފުގެ ހަމައެއް ނޫންކަމަށެވެ. އަދި ވިދާޅުވީ ރާއްޖެ ފަދަ ކުޑަ އިގްތިސޯދެއްގެ ތެރޭގައި މަޖިލީހުގެ މެމްބަރުންނަށް ހިތުހުރި ވަރަކަށް މުސާރަ އާ އިނާޔަތްތައް ބޮޑު ކުރެވޭ ގޮތަށް އޮތް އޮތުމަކީ ވަރަށް ބޭ އިންސާފު ގޮތެއް ކަމަށެވެ.

"ބަލަމާ ހިނގާ މިސާލަކަށް 25 އަހަރު ވެގެން ދާއިރުގައި ފަސް ދައުރަށް ކޮންމެ ދައުރެއްގައި 77 މެމްބަރުން، އަދި އާބާދީ އިތުރުވަމުންދާ ވަރަކަށް އެއަށްވުރެ މައްޗަށް ދިއުމަކީވެސް އެކަށީގެންވާ ކަމެއް. ކޮންމެ ދައުރެއްގައި އަލަށް އަންނަ މީހުންނަށް ޕެންޝަން ދެމުންދާ ނަމަ ދެން ކިހިނެއްތޯ ކަންތައްތައް ހަމަޖެހިގެން ދާނީ. ދައުލަތުގެ ބަޖެޓުން އެހާވަރަށް ޚަރަދު ކުރެވޭނެތޯ. އެބޭފުޅުންގެ އާއިލާ ތަކުގެ ބޭސްފަރުވާއަށް ކިހާވަރެއް ޚަރަދު ކުރަންޖެހޭނެ ތޯ،" އިމްރާން ވިދާޅުވި އެވެ.

އަމިއްލައަށް މުސާރަ ކަނޑައަޅާ ގޮތަށް ހަމަޖައްސައި މިދިޔަ ބުރާސްފަތި ދުވަހު ފާސްކުރި "ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ބިލް" ފާސްކުރި އިރު މެންބަރުކަމުން ވަކިވެވަޑައިގަތުމުން ވެސް މެދު ނުކެނޑި އިނާޔަތްތަކެއް ލިބޭގޮތަށް ވެސް އެބިލްގައި ވަނީ ހިމަނާފަ އެވެ. އެގޮތުން މަޖިލީހުގެ އެއް ދައުރު މެންބަރުކަން ކޮށްފައިވާ މީހަކަށް މާލީ އިނާޔަތުގެ ގޮތުގައި މެންބަރުންގެ މުސާރައިގެ 30 ޕަސެންޓް ދައުލަތުން ދޭންޖެހޭނެ ކަމަށް ކަނޑައަޅާފައި ވެ އެވެ. އަދި ދެ ދައުރު މަޖިލީހުގެ މެންބަރުކަން ކުރައްވާފައިވާ މީހަކަށް މެންބަރުންގެ މުސާރައިގެ 45 ޕަސެންޓް ދިނުން ލާޒިމް ކުރާގޮތަށް ވެސް އެ ބިލްގައި ވަނީ ހިމަނައިފަ އެވެ. އަދި މަޖިލީހުގެ އިމްތިޔާޒަށް އަރައިގަންނަ މީހެއްގެ އަދަބަކީ ޖަލަށްލުން ކަމަށްވެސް ބިލްގައި ވަނީ ހިމަނައިފަ އެވެ.