03 Jan 2013, 12:47
ދިވެއްސަކާއި މާރާމާރީ ހިންގައި، މަރުގެ އިންޒާރު ދިން ބިދޭސީއަކުން ފުލުހުން ހައްޔަރުކޮށްފި އެވެ.
ދިވެއްސަކާއި ބިދޭސީއެއްގެ މެދުގައި މާރާމާރީ ހިނގައިފައި ވަނީ ރޭ ދަންވަރު ބުރުޒު މަގުގައި ހުންނަ ކޮފީ ކޯނާ ތެރޭގަ އެވެ. އެވަގުތު އެ ސަރަހައްދުގައި ސަންގެ ނޫސްވެރިން ވެސް ތިއްބެވެ.
އެ މާރާމާރީ ހިނގަން މެދުވެރިވީ ބިދޭސީންތަކެއްގެ މެދުގައި ހިނގި ޒުވާބެއް ހޫނުވެގެން ގޮސް، ބިދޭސީއަކާ ދިމާލަށް އެއްލާލި ބިއްލޫރި ތަށްޓެއް ދިވެއްސެއްގެ ބޮލުގައި ޖެހި، އޭނާގެ ބޮލަށް އެ ތަށި ތަޅައިގެންދިޔަ ހިސާބުންނެވެ.
މައްސަލަގަނޑު ހޫނުވެ، ދެ މީހުންގެ ދެމެދު ހޫނު ޒުވާބެއްކޮށް، ދޭސީ މީހާއަށް މަރުގެ އިންޒާރު ވެސް ދިނެ އެވެ. ކަންތައްގަނޑު މާބޮޑު ނުވަނީސް ފުލުހުން އައިސް ދެ މީހުން ހައްޔަރުކޮށްގެން ގެންދިޔަ އެވެ. ނަމަވެސް ބިދޭސީ މީހާ ބަންދު ކުރުމަށް ފަހު އަނެކަކު ރޭގައި ފުލުހުން ވަނީ ދޫކޮށްލައިފަ އެވެ.
"އެ މީހުންގެ ރަށު [ގައުމު] ބަޔަކާ ކުރި ޒުވާބެއްގެ ތެރޭގައި ކަންތައްގަނޑު ބޮޑުވީ. މަމިތާ ސައި ބޯންއިންދާ އެންމެ ފަހުން މިމީހުންގެ ހަމަލާމިއައީ މަށަށް. އަދި އެންމެ ފަހުން ޒުވާބުގަނޑު ތެރޭގައި މަގޭ މަރާލާނަމޭ ބުނުމުން ފުލުހުން އައިސް އޭނާ އެ ހައްޔަރު ކުރީ،" އެ މާރާމާރީއާ ގުޅިގެން ފުލުހުން ދޫކޮށްލި ދިވެހި މީހާ ސަންއަށް ކިޔައިދިނެވެ.
ފުލުހުން ބުނީ އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.