އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ އެންފީލްޑްގައި ލިވަޕޫލާއި ސަންޑަލޭންޑު ކުޅުނު ފޯރިގަދަ މެޗު ތިނެއް ސުމަކުން ލިވަޕޫލް ކާމިޔާބުކޮށްފި އެވެ.

މެޗުގެ 19 ވަނަ މިނިޓުގައި ލިވަޕޫލަށް ސަންޑަލޭންޑުގެ ގޯލް ހުޅުވާލަދިނީ ރަހީމް ސްޓާލިންގް އެވެ. އަދި އޭގެ ހަތް މިނިޓު ފަހުން ލުއިސް ސުއަރޭޒް ވަނީ ލަނޑެއްކާމިކޮށް ނަތީޖާ ދޭއްސުމަކަށް ބަދަލުކޮށްފަ އެވެ.

ދެވަނަ ހާފުފެށިގެން މެޗުގެ 52 ވަނަ މިނިޓުގައި ލިވަޕޫލްގެ ތިންވަނަ ލަނޑު ވެސް ކާމިޔާބުކޮށްދިނީ ލުއިސް ސުއަރޭޒް އެވެ. އެ ލަނޑަކީ އެ މެޗުގައި އޭނާ ލިވަޕޫލަށް ކާމިޔާބުކޮށްދިން ދެވަނަ ލަނޑެވެ. އަދި މުޅި ސީޒަންގައި އޭނާ ކާމިޔާބު ކުރި 15 ވަނަ ލަނޑެވެ. އަދި ކިޔުޕީއާރު ކޮޅަށް އާދީއްތަ ދުވަހު ޖެހި ދެ ލަނޑާ އެކު މިއީ ޖެހިޖެހިގެން އޭނާ ދެލަނޑު ކާމިޔާބުކުރި ދެވަނަ މެޗެވެ.

މެޗާ ބެހޭ ގޮތުން ޓީމުގެ ކޯޗު ބުރެންޑަން ރޮޖާސް ބުނީ "ލުއިސް ސުއަރޭޒް ދެ ގޯލް އަދި ރަހީމް ސްޓާލިން އެއް ގޯލު ޖެހީ އެއީ އެމީހުންގެ ވަޒީފާ. އަހަރެން ބުނާނީ އެއީ މުޅި ޓީމުގެ މަސައްކަތޭ. އެމީހުން ދެއްކީ މޮޅު ކުޅުމެއް،" ކަމަށެވެ.

ސުއަރޭޒަށް ތައުރީފު ކުރަމުން ރޮޖާސް ބުނީ "ސުއަރޭޒަކީ އިދިކޮޅު ޓީމަށް ނުރައްކާ ކުރާ، އަދި އެކުގައި މަސައްކަތް ކޮށްލަން ފަސޭހަ، ބޯޅަ ގެންގުޅޭ އިރު ހަލުއި ކުޅުންތެރިއެއް. އެއީ ލިއޮނަލް މެސީ ގޮތަށް ބޯޅަ ހޯދައިގެން އެހެން ކުޅުންތެރިން ނަށް ބޯޅަ ހޯދައިދީގެން ކުޅޭ މޮޅު ކުޅުންތެރިއެއް،" ކަމަށެވެ.

ލިވަޕޫލްގެ އެ ކާމިޔާބާ އެކު އެ ޓީމު ވަނީ 31 ޕޮއިންޓު ހޯދައިގެން ތާވަލުގެ އަށް ވަނަ އަށް ކުރިއަށް ޖެހިލާފަ އެވެ. މިފަހަކަށް އައިސް ރަނގަޅު ކުޅުމެއް ދައްކަމުން އަންނަ ލިވަޕޫލުން ވަނީ ޓީމު ވަރުގަދަ ކުރުމުގެ ގޮތުން އިއްޔެގެ ވަގުތެއްގައި ޗެލްސީގެ އިންގްލެންޑް ސްޓްރައިކާ ޑެނީލް ސްޓްރިޖް އެޓީމަށް ސޮއިކުރުވާފަ އެވެ.