03 Jan 2013, 11:59
އިޓަލީގެ އޭއެސް ރޯމާގެ ތަޖުރިބާކާރު ފޯވާޑް ފްރެންޗެސްކޯ ޓޮޓީގެ އުމުރުން ފަންސާސް އަހަރު ވަންދެން ފުޓްބޯޅަ ކުޅެވިދާނެ ކަމުގައި އޭނާ ބުނެފި އެވެ.
ޓޮޓީގެ މުޅި ފުޓްބޯޅަ ކެރިޔަރުގައި ހަމައެކަނި ކުޅެފައި ވަނީ ރޯމާ އަށެވެ. މިސީޒަންގައި ރޯމާގެ ފުރަތަމަ އެގާރައިން އާންމުކޮށް ފެނިގެންދާ އެކުލަބުގެ ކެޕްޓަން ޓޮޓީ ވަނީ ހަ ގޯލް ކާމިޔާބު ކޮށްދީފަ އެވެ. ރިޓަޔާކުރުމުގެ އެއްވެސް ހިޔާލެއް އަދި ނުގެންގުޅޭ ކަމުގައި ޓޮޓީ ބުނެފައިވެ އެވެ.
"ކްލަބުގެ ރައީސް ބުނީ އަހަރެން ރޯމާގެ އާ ސްޓޭޑިއަމްގައި ފުރަތަމަ ގޯލް ޖަހާނެކަމަށް އުންމީދުކުރާ ކަމަށް. އަހަރެންގެ އުންމީދަކީ ވެސް އެއީ. ހަތަރު އަހަރު ދުވަސް ފަހުން އާ ސްޓޭޑިއަމްގައި ކުޅުނު ކަމުގައި ވިޔަސް ފުރަތަމަ ގޯލް ކާމިޔާބުކުރަން ބޭނުން. އަހަރެންގެ އުމުރުން 50 އަހަރު ވަންދެން ފުޓްބޯޅަ ކެޅެވިދާނެ. އެކަމަކީ އުނދަގޫ ކަމަކަށް ވިޔަސް އެއްވެސް ކަމަކީ ނުވާނެ ކަމެއް ނޫން." ޓޮޓީ ބުންޏެވެ.
ދާދި ފަހުން ރޯމާގެ އާ ސްޓޭޑިއަމްގެ ކަންތައް ކުރިއަށް ގެންދާ ކަމަށް އެކުލަބުން ވަނީ އިޢުލާންކޮށްފަ އެވެ. ފަސްދޮޅަސް ހާސް މީހުން ސަޕޯޓަރުންގެ ޖާގަ އޮތް އާ ސްޓޭޑިއަމް 2016-17 ވަނަ ސީޒަންގައި ތައްޔާރުވާނެ ކަމަށް އެކުލަބުން ހާމަކުރެ އެވެ.