03 Jan 2013, 11:56
އެމެރިކާ އިން ދިން މިސައިލު ހަމަލާއެއްގައި ޕާކިސްތާނުގައި ހަރަކާތްތެރިވާ ތާލިބާނަށް ނިސްބަތްވާ ސީނިއާ ލީޑަރެއް ކަމަށްވާ މައުލްވީ ނާޒިރު ވަޒީރު (މުއްލާ ނާޒިރު) މަރުވެއްޖެ ކަމަށް އެ ގައުމުގެ ސަލާމަތީ ފަރާތްތަކާ ހަވާލާދީ މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.
މުއްލާ ނާޒިރު މަރާލާފައި ވަނީ ބުދަ ދުވަހުގެ ރޭ އަފްޣާން ބޯޑަރުކައިރީގައި އޭނާ ނިސްބަތްވާ ދެކުނު ވަޒިރިސްތާނުގެ ވެރިރަށް ވާނާ ކައިރީގައި އޮންނަ އަންގޫރު އައްޑާގެ ގެއެއްގެ ތެރޭގައި ހުއްޓާ ދިން މިސައިލު ހަމަލާއެއްގައި ކަމަށް އެ އަވަށުގެ މީހުންނާއި އަދި އިންޓެލިޖެންސާ ހަވާލާދީ ރޮއިޓާޒްގައި ބުނެފައިވެ އެވެ.
ރިޕޯޓްތައް ބުނާ ގޮތުން މުއްލާ ނާޒިރާ އެކު އޭނާގެ ޑެޕިއުޓީ ރައްތާ ޚާން ވެސް ވަނީ މަރާލެވިފަ އެވެ.
މުއްލާ ނާޒިރަކީ އަފްގާނިސްތާނުގައި ގަރަކާތްތެރިވާ ބޭރުގެ ފައުޖުތަކާއި ސަރުކާރަށް ތާއީދު ކުރާ ސިފައިންނަށް ހަމަލާދިނުމަށް މީހުން ފޮނުވާކަމަށް ތުހުމަތު ކުރެވޭ މީހެކެވެ.
މުއްލާ ނާޒިރަށް 2011 ވަނަ އަހަރު ދިން ޖާނުން ފިދާވުމުގެ ހަމަލާއެއްގައި އޭނާ ވަނީ ވަރަށް ބޮޑަށް ޒަހަމު ވެސްވެފަ އެވެ.