ހއ. އިހަވަންދޫ ސްކޫލްގެ އިންޑިޔާ ޓީޗަރަކު ދަރިވަރުންނަށް ނަސޯރާ ދީނާ ބެހޭ އަޑު އެހުމުގެ ޓެސްޓެއް ދީފައިވާ ކަމަށް ފެތުރެމުންދާ ވާހަކަތައް ސްކޫލުން ދޮގުކޮށްފި އެވެ.


ޕްރިންސިޕަލް މުހައްމަދު ފިރާޒު މިއަދު ވިދާޅުވީ ސްކޫލާއި ސްކޫލްގެ ބިދޭސީ ޓީޗަރަކާ ބެހޭ ގޮތުން ފެތުރެމުންދާ އެ ވާހަކަތަކަކީ ސްކޫލާއި ޓީޗަރުންގެ އަގު ވައްޓާލުމަށް އިހަވަންދޫގައި ދެ މީހަކު ފަތުރައިގެން އުޅޭ ދޮގު ޚަބަރެއް ކަމަށެވެ. އެކަމާ ސްކޫލުން ވަރަށް ކަންބޮޑުވެ ހިތާމަ ކުރާ ކަމަށެވެ.


ފިރާޒު ވިދާޅުވީ އެ ޚަބަރު ފަތުރާފައި ވަނީ ޕްލެނެޓްތަކަށް ނަންކިޔުނު ގޮތާ ބެހޭ ގޮތުން ގުރޭޑް ނުވައެއްގެ ދަރިވަރުންނަށް އަޑު އެހުމުގެ ޓެސްޓެއް މިދިޔަ ހަފުތާގައި ދިން އިރު ސުވާލެއްގެ ގޮތުގައި "ހޫ އިޒް ގޯޑް އޮފް ސްކައި" ހިމަނާފައި އޮތުމުން ކަމަށެވެ.


ފިރާޒު ވިދާޅުވީ ޖުމްލަ 20 ސުވާލުގެ މައްޗަށް ހިމެނޭ ޓެސްޓްގައި އެ ސުވާލު ޓީޗަރު ދީފައި ވަނީ ނުބައި ނިޔަތެއްގައި ނޫން ކަމަށާއި އެ ސުވާލުގެ ޖަވާބަކީ "މާތްﷲ" ކަމަށް ދަރިވަރުން ޖަވާބު ދިނުމުން އެއީ ރަނގަޅު ޖަވާބު ކަމަށް ޓީޗަރު ބައްލަވައި މާކްސް ދެއްވާފައިވާ ކަމަށެވެ.


ފިރާޒު ވިދާޅުވީ 700 އަށް ވުރެ ގިނަ ދަރިވަރުން ތިބި ސްކޫލްގައި ކިޔަވައިދެއްވާތާ ހަތަރު އަހަރުވެފައިވާ އިންޑިޔާ ޓީޗަރުގެ ފަރާތުން ދުވަހަކު ވެސް ލާދީނީ އަމަލެއް ފެނިފައި ނުވާ ކަމަށެވެ. ނަމަވެސް މީ ނުބައި ނިޔަތެއްގައި އެ ޓީޗަރުކޮށްފައިވާ ކަމެއް ކަމަށް ބަލައި ބަޔަކު ދޮގު މައުލޫމާތުތައް ފެތުރުމުން ދަރިވަރުންނާ ކުރާ އެފަދަ ސުވާލުތައް އުފެއްދުމުގައި ވަރަށް ބޮޑަށް ފަރުވާތެރިވުމަށް ޓީޗަރަށް ދަންނަވާފައިވާނެ ކަމަށެވެ.


"ތެދެއް އެ ސުވާލު ގެނެސްދެވިފައި ވަނީ އެންމެ ރަނގަޅަކަށް ނޫން. އެކަމަކު އެއީ ދަރިވަރުންނަށް ނަސޯރާ ދީން ކިޔައިދީ އެދީން ފެތުރުމަށް ކޮށްފައިވާ ކަމެއްނޫން،" އޭނާ ވިދާޅުވި އެވެ.


އިހަވަންދޫ ސްކޫލްގައި ދަރިވަރުންނަށް ނަސޯރާ ދީނާ ބެހޭ މައުލޫމާތު ފަތުރަމުންދާ ކަމަށް ބައެއް ވެބްސައިޓްތަކުގައި ލިޔެފައިވެ އެވެ.