ފާއިތުވެދިޔަ ދެ ދުވަހުގެ ތެރޭގައި މުޅި ރާއްޖެއިން އެކި ކުށްތަކުގެ ތުހުމަތުގައި ހައްޔަރުކޮށް ސުވާލު ކުރެވުނު މީހުންނާއެކު، ކުށުގެ ރެކޯޑް 100 އާ ގާތްކޮށްފި އެވެ.

ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުން، މިއަދު ހެނދުނު 9:30އާ ހަމަޔަށް ވޭދުވެދިޔަ ދެ ދުވަހުގެ ތެރޭގައި 97 މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށާފައިވާއިރު، އޭގެ ތެރޭގައި އެންމެ ގިނައިން ހިމެނެނީ މަސްތުވާތަކެތީގެ މައްސަލަތަކެވެ. މަސްތުވާތަކެތީގެ 28 މައްސަލައެއްގެ ތަހުގީގު ފަށާފައިވާއިރު، ޓްރެފިކް ގަވާއިދާ ހިލާފުވެގެން 24 މައްސަލައެއްގެ ތަހުގީގު ފުލުހުން ވަނީ ފަށާފަ އެވެ. ވައްކަމުގެ 21 މައްސަލައެއް ފުލުހުން ބަލަން ފަށާފައިވާއިރު، ޖިންސީ ކުށުގެ ހަ މައްސަލައެއްގެ ރިޕޯޓް ފުލުހުންނަށް ވަނީ ހުށަހަޅާފަ އެވެ.

އާ އަހަރުގެ ދެ ދުވަސް ފާއިތުވީއިރު މާރާމާރީގެ ހަތަރު މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައިވާއިރު، ހަމަނުޖެހުން ހިންގި ކަމުގެ ތުހުމަތު ކުރެވޭ ތިން މައްސަލައެއް ވެސް ފުލުހުން ވަނީ ބަލަން ފަށާފަ އެވެ. ޗެކް ބައުސްގެ ތިން މައްސަލައެއް ފާހަގަ ކުރެވިފައިވާއިރު، މުދާ ގެއްލިގެން ތިން މައްސަލައަކާއި ހިޔާނާތުގެ ދެ މައްސަލައެއް ވެސް ވަނީ ފުލުހުންނަށް ރިޕޯޓްކޮށްފަ އެވެ.

އަހަރުގެ ވޭތުވެދިޔަ ދެ ދުވަހުގެ ތެރޭގައި ގެވެށި އަނިޔާގެ ދެ މައްސަލައެއް ފުލުހުން ބަލަން ފަށާފައިވާއިރު، ފޭރުމުގެ މައްސަލައެއް ވެސް ވަނީ ފުލުހުންނަށް ހުށަހަޅާފަ އެވެ.

ކުށުގެ ރެކޯޑްތަކުން ދައްކާ ގޮތުން މިދިޔަ އަހަރު އެކަނި ވެސް 17،000 ވުރެ ގިނަ މައްސަލަ ވަނީ ފުލުހުންނަށް ހުށަހަޅައި ތަހުގީގު ކުރަން ފަށައިފަ އެވެ. އޭގެ ތެރޭގައި އެންމެ ގިނައިން ހިމެނެނީ ވައްކަމުގެ މައްސަލަތަކެވެ. އެއީ 6570 މައްސަލަ އެވެ.