އިނގިރޭސި ޕްރިމިއާލީގުގައި ރޭ ޗެލްސީއާއި ލީގުގެ ޓޭބަލްގެ ފުލުގައި އޮތް ކްއީން ޕާކް ރޭންޖާސް (ކިޔުޕީއާރު)އާ ބައްދަލުކުރި މެޗުން އެކެއް ސުމަކުން ޗެލްސީ ބަލިވެއްޖެ އެވެ.

އާންމުކޮށް ފުރަތަމަ އެގާރައިގާ ހިމެނޭ ގިނަ ކުޅުންތެރިންތަކެއް ނުލައި ރޭކުޅެން ނުކުތް ޗެލްސީގެ ކޮޅަށް ކިޔުޕީއާރުން ލަނޑުޖެހީ މެޗުގެ 78 ވަނަ މިނިޓުގައި ކުރިން ޗެލްސީއަށް ކުޅުނު ރައިޓް ފިލިޕްސް އެވެ.

ޗެލްސީގެ ސްޓެންފޯޑް ބްރިޖްގައި 41,634 ސަޕޯޓަރުންގެ ކުރިމަތީގައި ކުޅުނު ފޯރިގަދަ މެޗު ގިނަވަގުތު ކޮންޓްރޯލްކޮށް ގިނަ ފުރުސަތުތަކެއް ތަނަވަސްކޮށް މޮޅަށް ކުޅެފައިވަނީ ވެސް ޗެލްސީ އެވެ. އެހެން ނަމަވެސް ނަތީޖާ ބަދަލުކޮށްލަން ލިބުނު ފުރުސަތުތަކުގެ ބޭނުން ނުހިފި ތިއްބާ އެންމެ ފަހުން ކިޔުޕީއާރު އަތްދަށުވީ އެވެ.

ރޭގެ މެޗުގައި ކިޔުޕީއާރުގެ ޑިފެންސްގެ ރޭވުންތެރިކަމާއި ހާއްސަކޮށް އެ ޓީމުގެ ކީޕަރު ޖޫލިއޯ ސެޒާގެ މޮޅު ސޭވްތައް ފާހަގަ ކޮށްލަން ޖެހެ އެވެ.

މެޗަށް ފަހު ޗެލްސީގެ ކޯޗް ރަފައެލް ބެނިޓޭޒް ބުނީ "ކުޅުންތެރިން ތިބީ ވަރުބަލި ވެފައި. އަހަރުމެންނަށް ގޯހެއް ހެދުނީ އަދި އެމީހުންނަށް ލަނޑުޖަހާނެ ފުރުސަތު ދެވުނީ،" ކަމަށާއި "އަދި ޓީމަށް ގެނައި ބަދަލުތަކާމެދު އަހަރެން ދެރައެއް ނުވޭ. އަބަދު އެއްކުޅުނުތެރިން ތަކެއް ގޮވައިގެން ހުރިހާ މެޗުތަކެއް ނުކުޅެވޭނެ. އެހެން ނޫނަސް ތާވަލުގެ ފުލުގައި އޮންނަ ޓީމާ އެކު އަމިއްލަ ދަނޑުގައި ކުޅޭއިރު ކޮންމެ ކޯޗަކުވެސް ކުޅުންތެރިންނަށް އިތުބާރު ކުރަން ޖެހޭނެ. އަހަރެން ކުޅުންތެރިންނަށް އިތުބާރު ކުރަން،" ކަމަށެވެ.

ކިޔުޕީއާރުގެ ކޯޗް ހެރީ ރެޑްނެޕް ބުނީ އޭނާގެ ޓީމުރޭ ދެއްކި ހިތްވަރާމެދު ފަހުރު ވެރިވާކަމަށާއި، ރޭގެ މޮޅަކީ އެމީހުންނަށް ހައްގު މޮޅެއް ކަމަށެވެ.

"ކުޅުންތެރިން ކަށިހިތްވަރު ނެރެގެން މަސައްކަތްކުރި މަސައްކަތުގެ އަގު މި ލިބުނީ. މިޓީމުގެ ކުޅުންތެރިން ދެއްކީ މޮޅުވުން ހައްގު ކުޅުމެއް. އެ މީހުން ދަނޑަށް ނިކުތީ މެޗުން މޮޅުވެ މިހާރު އޮތް ހާލަތުން އަރައިގަންނަން އަޒުމު ކަނޑައަޅައިގެން" ރެޑްނެޕް ބުންޏެވެ.

ރޭގެ މެޗުން ބަލިވުމުން ޗެލްސީ ލީގު ޓައިޓްލްއަށް ވާދަކުރުމަށް ކުރަމުން އައި އުއްމީދުތައް މިވަނީ ހަނިވެފަ އެވެ. ތާވަލުގެ ކުރީގައި 52 ޕޮއިންޓާ އެކު އޮތް މެންޗެސްޓާ ޔުނައިޓެޑާއި ޗެލްސީއާ ދެމެދު 14 ޕޮއިންޓުގެ ތަފާތު މިހާރު އެބަ އޮތެވެ.

މިހަފްތާގެ މެޗުތައް ކުޅެ ނިމުނު އިރު 45 ޕޮއިންޓާ އެކު ތާވަލުގެ ދެ ވަނައިގައި އޮތީ މެންޗެސްޓާ ސިޓީ އެވެ. 39 ޕޮއިންޓާ އެކު ތިންނަވަ ލިބެނީ ޓޮޓްންހަމް ހޮޓްސްޕާ އަށެވެ. އަދި 38 ޕޮއިންޓާ އެކު ޗެލްސީ އަށް ލިބެނީ ހަތަރު ވަނަ އެވެ. އާސެނަލް ވައްޓާލުމަށްފަހު އެވަޓަން ވަނީ 36 ޕޮއިންޓާ އެކު ތާވަލުގެ ފަސްވަނަ އަށް ޖެހިލާފަ އެވެ.

އެ ލީގުގައި ރޭ ކުޅުނު އިތުރު މެޗުތަކުގެ ތެރެއިން ލިވަޕޫލް ސަންޑަލޭންޑާއި ބައްދަލު ކުރި މެޗުން ލިވަޕޫލް މޮޅުވީ ތިނެއް ސުމަކުން ނެވެ. އަދި ނިއުކާސަލްގެ ދަނޑުގައި އެވަޓަންވަނީ އެކެއް ދޭކުން އެޓީމު ބަލިކޮށްފަ އެވެ.