03 Jan 2013, 10:22
ދުންފަތް މަނާކުރުމުގެ ގާނޫނުގެ ދަށުން ހަދާފައިވާ "ދުންފަތުގެ އިސްތިއުމާލުކުރުން މަނާތަންތަން ކަނޑައެޅުމު"ގެ ގަވާއިދަށް އަމަލް ކުރަން ފެށުމާ އެކު އާއްމު ފަރާތްތަކުގެ ކޯލްތަކެއް ގިނަ އަދަދަކަށް ލިބެމުން އަންނަ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ހަސަން ހަނީފު މިއަދު ވިދާޅުވީ އެ ގަވާއިދަށް އަމަލުކުރަން ފެށުމާ އެކު، އެ ގަވާއިދުގައި ހުރި މައުލޫމާތުތައް ސާފުކުރުމަށާއި ބައެއް ފަރާތްތަކުން ގަވާއިދާ ހިލާފަށް އެފަދަ އަމަލްތައް ހިންގަމުން ގެންދާ ކަމަށް ބުނެ ފުލުހުންނަށް މައްސަލަ ހުށަހަޅަމުން އަންނަ ކަމަށެވެ. އެގޮތުން އެ ގަވާއިދަށް އަމަލު ކުރަން ފެށި ފުރަތަމަ 24 ގަޑިއިރުގެ ތެރޭގައި އެކަނި ވެސް ޝަކުވާ އާއި ރިޕޯޓްގެ ގޮތުގައި އާއްމުންގެ 75 ފޯން ކޯލް ލިބިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"ބައެއް ފަރާތްތަކުން ގުޅާފައި އެބަބުނޭ ކޮންތާކުހޭ ސިނގިރޭޓް ބޮވެނީ، އަނެއް ބައި މީހުން އެބަ ރިޕޯޓްކުރޭ ގަވާއިދާ ހިލާފުވާ ކަމަށް ބެލެވޭ މީހުންގެ ވާހަކަތައް، ދެން އެފަދަ ޝަކުވާތަކާ ގުޅިގެން ވެސް އެތަންތަނަށް ގޮސް ފިޔަވަޅު އަޅަން ޖެހޭ ފަރާތްތަކާ މެދު ވަނީ ފިޔަވަޅު އެޅިފައި. މިހާރަށް ވުރެ ބޮޑަށް އާއްމުން މިކަމަށް ސަމާލުވާން ޖެހޭ،" ފުލުހުން މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.
ކޮމިޝަނާ އޮފް ޕޮލިސް އަބްދުﷲ ރިޔާޒު ކުރައްވާފައިވާ ޓުއީޓެއްގައި ވިދާޅުވެފައި ވަނީ "ދުންފަތުގެ އިސްތިއުމާލުކުރުން މަނާތަންތަން ކަނޑައެޅުމު"ގެ ގަވާދަށް އަމަލު ކުރަން ފެށުމާ އެކު ފުލުހުންނަށް އާއްމު ފަރާތްތަކުން ލިބެމުންދާ ކޯލްތަކުގެ ސަބަބުން އެގަވާއިދަށް އާއްމުން ހޭލުންތެރިކުރަން ޖެހިފައިވާ މިންވަރު އެނގިގެންދާ ކަމަށެވެ.
މި އަހަރު އަލަށް އަމަލުކުރަން ފަށާފައިވާ އެ ގަވާއިދުގެ ދަށުން ދުންފަތުގެ އިސްތިޢުމާލު ކުރުން މަނާ ސަރަހައްދެއްގައި ދުންފަތުގެ އިސްތިއުމާލް ކުރާ ނަމަ އެ މީހެއް 500ރ. އިން ޖޫރިމަނާކުރާނެ އެވެ. އޭގެ އިތުރުން ވެސް އެގަވާއިދަށް އަމަލުނުކުރާ ފަރާތްތަކާ މެދު ތަފާތު އަދަބުދައް ވެސް އެ ގަވާއިދުގެ ދަށުން ކަނޑައަޅާފައިވެ އެވެ.