03 Jan 2013, 09:39
އޮސްޓްރޭލިއަން އޯޕަން ޓެނިސް މުބާރާތް ފަށަން ކުޑަ ދުވަސް ކޮޅަކަށް ވެފައި ވަނިކޮށް، ބާނަންޑް ޓޮމިޗް އަތުން ހޮޕްމަން ކަޕްގެ ޓީމް އިވެންޓުން ނޯވަކް ޖޯކޮވިޗް ބަލިވެއްޖެ އެވެ.
ޓޮމިޗް އަތުން ދުނިޔޭގެ އެއްވަނަ ޓެނިސް ކުޅުންތެރިޔާ ޖޯކޮވިޗް ބަލިވީ 6-4، 6-4 އިންނެވެ. މިބައްޔާއި ޖޯކޮވިޗް ކުރިމަތިލީ އޮޓޯގްރާފް ހޯދުމަށް އައި ސަޕޯޓަރުންނާއި ދެމެދު ވަކިކުރުމަށް ހުރި "ކްރައުޑް ބަރިކާޑް" އެއް އޭނާ ފަޔަށް ވެއްޓުނުތާ ދެދުވަސް ފަހުންނެވެ.
"އަހަރެންނަށް އެނގުނު އަހަރެންނަށް އޮސްޓްރޭލިޔާ އަށް އާދެވުނީ މާ ފަހުންކަން. މިކަމަކީ ވަގުތު ނަގާނެ ކަންތައްތައް. އެހެންވީމަ އަދި ވަގުތު ބޭނުންވާނެ." ޖޯކޮވިޗް ބުންޏެވެ.
އޮސްޓްރޭލިއަން އޯޕަން މުބާރާތް ދިފާޢު ކުރުމަށްޓަކައި ޖޯކޮވިޗްގެ ފޯމަށް އެނބުރި އަންނަން ޖެހެއެވެ. އޮސްޓްރޭލިއަން އޯޕަން ފެށުމަށް ހަމަޖެހިފައި ވަނީ މިމަހު 14 ވަނަ ދުވަހު އެވެ.
އުމުރުން 25 އަހަރުގެ ޖޯކޮވިޗް އަކީ ނިމިގެންދިޔަ ދެއަހަރު ދުވަހު އޮސްޓްރޭލިއަން އޯޕަން ކާމިޔާބު ކޮށްފައިވާ ކުޅުންތެރިއެކެވެ.