03 Jan 2013, 09:37
ރެއާލް މެޑްރިޑްގެ ކޯޗު ހޯސޭ މޮރީނިއޯ އެކުލަބުގައި މަޑުކުރާނެކަމަށް އުންމީދުކުރާ ކަމުގައި މެޑްރިޑްގެ ޕޯޗުގަލް ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ބުނެފި އެވެ.
ދާދި ފަހުން މޮރީނިއޯ އަށް ގިނަ ފާޑިކުޔުންތަކެއް އަމާޒުވެފައި ވެއެވެ. އޭގެ ތެރޭގައި އެންމެ ފާޑުކިޔުންތައް އަމާޒުވެފައިވަނީ ސްޕެނިޝް ލަލީގާގައި ވާދަވެރި ބާސެލޯނާ އާއި މެޑްރިޑާއި ދެމެދު އޮތް ސޯޅަ ޕޮއިންޓްގެ ފަރަގުގެ ސަބަބުންނާއި އޭނާގެ ނިންމުންތަކާއި މެދު އެވެ.
"މެޑްރިޑްގައި މޮރީނިއޯ މަޑުކުރާނެ ކަމަށް އަހަރެން އުންމީދުކުރަން. އޭނާއަކީ އެންމެ ރަނގަޅު ކޯޗު. މޮރީނިއޯ އަކީ މޮޅު ކްލަބަކަށް އެންމެ އެކަށީގެންވާ މޮޅު ކޯޗެއް. އަހަރެންނަށް ހީވަނީ މޮރީނިއޯ ކްލަބުގައި މަޑުކުރާނެހެން. ނަމަވެސް އެމީހެއްގެ ކުރިމަގު ނިންމާނީ އެމީހަކު." ރޮނާލްޑޯ ބުންޏެވެ.
ސްޕެނިޝް ލަލީގާގައި މަލާގާ އާއި ދެކޮޅަށް ކުޅެ، ބަލިވި މެޗުގައި މެޑްރިޑްގެ ކެޕްޓަން އަދި ގޯލްކީޕަރު ބެންޗުގައި ބޭންދުމަށް ނިންމުމުން ގިނަ ފާޑުކިޔުންތަކެއް މޮރީނިއޯ އަށް އަމާޒުވި އެވެ. ނަމަވެސް ރޮނާލްޑޯ ގަބޫލުކުރާ ގޮތުގައި ކޯޗެއްގެ ނިންމުންތަކާއި މެދު ކޮންމެ ކުޅުންތެރިއެއް ވެސް އިހްތިރާމް ކުރަން ޖެހޭނެ ކަމަށެވެ.
"ފުޓްބޯޅާގައި އަހަރެންނަށް އެކަމަކީ ހައިރާން ކުރަނިވި ކަމެއް ނޫން. ކަސިޔަސްގެ ބަދަލަކީ މޮރީނިއޯ ނިންމި ޓެކްނިކަލް ނިންމުމެއް. ކޯޗު ނިންމާނީ ޓީމަށް އެންމެ ފައިދާވާނެ ގޮތަށް. އެހެންކަމުން ކޮންމެ ކުޅުންތެރިޔަކު ވެސް ކޯޗުގެ ނިންމުތަކަށް އިހްތިރާމްކުރަން ޖެހޭނެ." ރޮނާލްޑޯ ބުންޏެވެ.
އަންނަ އާދީއްތަ ދުވަހު މެޑްރިޑުން މިއަހަރުގެ ފުރަތަމަ މެޗު ކުޅޭއިރު، ބައްދަލުކުރާނީ ރެއާލް ސޮސިއެދާދްއާ އެވެ. މިމެޗު އޮންނަ ދުވަހަށް ފަހު، ޖެހިގެން އަންނަ ދުވަސް ވެގެންދާނީ ރޮނާލްޑޯ އަށް ވަރަށް ހާއްސަ ދުވަހަކަށެވެ. އެދުވަހަކީ ބެލަންޑިއޯ އެވޯޑް ލިބޭނެ ކުޅުންތެރިއަކު އެނގިގެންދާނެ ދުވަހެވެ.