ނިޔުޔޯކް (ޖަނަވަރީ 3): ސިކުނޑީގައި ލޭކޮޅެއް ގަނޑުވުމާ ގުޅިގެން ފަރުވާ ހޯއްދެވުމަށް ފަހު އެމެރިކާގެ ޚާރިޖީ ވަޒީރާ ހިލަރީ ކްލިންޓަން، ނިޔުޔޯކްގެ ބްރިސްޕީޓާރީ ހޮސްޕިޓަލުން ރޭ ނުކުމެ ވަޑައިގެންފި އެވެ.

ހިލަރީ ހޮސްޕިޓަލުން ނުކުމެވަޑައިގެންނެވީ އޭނާގެ ފިރިކަލުން ބިލް ކްލިންޓަން އާއި ދަރިކަނބަލުން ނާއެކުގަ އެވެ. ހިލަރީގެ ޙާލުކޮޅާބެހޭ ގޮތުން އެމެރިކާގެ ޚާރިޖިއްޔާ އިން ބުނީ ހިލަރީ އަށް ފަރުވާދިނީ ކަމާ ބެހޭ ސްޕެޝަލިސްޓުންގެ ޓީމަކުން ކަމަށާއި އޭނާގެ ޙާލުކޮޅު ވަރަށް ބޮޑަށް ރަނގަނޅުވެފައިވާ ކަމަށް އެޓީމުން ބުނާކަމުގަ އެވެ. އަދި މިވަގުތު ހިލަރީ އެއްކޮށް ހޮސްޕިޓަލުން ނުކުމެވަޑައި ނުގަންނަވާ ކަމަށް ވެސް ބުނެފައިވެ އެވެ. ހިލަރީ އޮންނެވި ބްރިސްޕީޓާރީ ހޮސްޕިޓަލުން ނުކުމެވަޑައިގެން އޭނާ ވަޑައިގެންނެވީ އިތުރު މެޑިކަލް ޗެކްއަަޕްތައް ހެއްދެވުމަށް ޓަކައި އެހެން ޢިމާރާތަކަށް ކަމަށާއި ނަމަވެސް އެއަށް ފަހު ޑޮކްޓަރުން ލަފާދެއްވައިފި ނަމަ ގެއަށްވަޑައިގަތުން އެކަށީގެންވާ ކަމުގައެވެ.

ގެއަށްވަޑައިގެންނެވި ނަމަވެސް ދުވަސްތަކެއް ވަންދެން ހިލަރީ ހުންނަވާނީ ޑޮކްޓަރުންގެ ބެއްލެވުމުގެ ދަށުގައި ކަމަށް ވެސް އެމެރިކާގެ ޚާރިޖިއްޔާއިން ބުނެ އެވެ. އަދި އިތުރު މުއްދަތެއްގައި ބޭސް ފަރިއްކުޅުއްވުމުން ހިލަރީގެ ޙާލުކޮޅު މުޅިން ރަނގަނޅުވާނެކަމުގެ ޔަގީންކަން ޑޮކްޓަރުންގެ ޓީމުން ދީފައިވާ ކަމަށްވެސް ބުނެ އެވެ. ހިލަރީ އަށް ފަރުވާދިނުމަށް ޓަކައި ޑޮކްޓަރުން އޭނާ އަށް އެންމެ ގިނައިން ދީފައި ވަނީ ލޭ ގަނޑުވުމާ ދެކޮޅަށް ބޭނުންކުރާ ބޭސްތައް ކަމަށްވެ އެވެ.

ހިލަރީ ހޮސްޕިޓަލުގައި އޮންނެވި ދުވަސްތަކުގައި އޭނާ އަށް ހިތްވަރު ދިނުމުގެ ގޮތުންނާއި އަޅާލުމުގެ ގޮތުން ދަރިކަނބަލުނާއި ފިރިކަލުން ކައިރީގައި ތިއްބެވި އެވެ. ސިކުނޑީގައި ލޭކޮޅެއް ގަނޑުވުމާ ގުޅިގެން ކުރިމަތިވި މައްސަލަތަކެއްގައި ފަރުވާ ހޯއްދެވުމަށް ހިލަރީ ހޮސްޕިޓަލުގައި އެނދުމަތި ކުރެވުނީ މީގެ ފަސް ދުވަސް ކުރިންނެވެ. އޭގެ ދެ ހަފްތާކުރިން ސިކުނޑީގައި ލޭކޮޅެއް ގަނޑުވުމުގެ ސަބަބުން ލޯމައްޗަށް އަނދިރިއަޅައި ވެއްޓި ވަޑައިގަތުމާ އެކު ކުއްލި ޙާލަތުގައި ހޮސްޕިޓަލުގައި އޭނާ އެނދުމަތި ކުރެވިފައިވެ އެވެ. އެއަށް ފަހު ހިލަރީގެ މަޢިދާގައި ވައިރަސްގެ އިންފެކްޝަނެއް އުޅޭކަން ވެސް ހާމަވެފަައިވެ އެވެ. އުމުރުން 65 އަހަރުގެ ހިލަރީ ކްލިންޓަން ވަޒީފާ އަށް ނުކުންނަވާނެ ތާރީޚެއް އަދި އެނގިފައެއް ނުވެއެވެ. ނަމަވެސް މިމަހުގެ ތެރޭގައި އޭނާ ވަނީ މަގާމުން އިސްތިއުފާދެއްވުމަށް ނިންމަވާފަ އެވެ.
(ބީ.ބީ.ސީ)