03 Jan 2013, 08:52
އެކިއެކި ޖިނާއީ ކުށްތައް ކޮށްގެން ރާއްޖޭގެ ޖަލުތަކުގައި ހުުކުމް ތަންފީޒު ކުރަމުން ގެންދާ އިންޑިއާ މިހުންގެ ތެރޭގައި ތިބި ބަލި މީހުން އެ ގައުމުގެ ސަރުކާރާއި ހަވާލުކުރާ ގޮތަށް ސަރުކާރުން ނިންމައިފި އެވެ.
ރާއްޖޭގެ ޖަލުތަކުގައި ތިބި އިންޑިއާގެ ބަލިމީހުން އެ ގައުމުގެ ސަރުކާރާއި ހަވާލުކުރުމަށް ނިންމީ އިންޑިއާ ސަރުކާރުން ރާއްޖޭގައި އެކަމަށް އެދިފައިވާތީ އެކަމާއި ބެހޭގޮތުން ދެގައުމުގެ ދެމެދުގައި މަޝްވަރާ ކުރުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކެވެ.
ފޮރިން މިނިސްޓްރީގެ އޮފިޝަލަކު މިއަދު ވިދާޅުވީ ރާއްޖޭގެ ޖަލުތަކުގައި ތިބި އިންޑިއާގެ ކުއްވެރިންގެ ތެރޭގައި ބަލިހާލަތު ހުރިގޮތުން ޖަލުގައި ހުކުމް ތަމްފީޒުކުރަން އުޒުރުވެރިވާ މީހުންވެސް އެބަތިބި ކަމަށެވެ. އެފަދަ ބަލިމީހުންނަށް ރާއްޖޭގެ ޖަލުތަކުން އެކަށީގެންވާ ފަރުވާ ނުދެވޭތީ އިންޑިއާގެ އެދުމުގެ މަތިން އެ ގައުމުގެ ޖަލުތަކަށް އެމީހުން ބަދަލު ކުރުމުގެ ތައްޔާރީތައް މިހާރު ވަމުން އަންނަ ކަމަށެވެ. އެގޮތުން ރައީސުލްޖުމްހޫރިއްޔާއަށް ލަފާ ދެއްވާނެ ކޮމެޓީއެއް ވެސް މިހާރު ރައީސް އޮފީހުގައި އެކުލަވާލާފައިވާ ކަމަށާއި، އެ ކޮމެޓީން ބެއްލެވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ އަށް ލަފާ އެރުވުމުން ރައީސް އެކަމަށް ގޮތެއް ނިންމަވަން ހަމަޖެހިފައިވާ ކަމަށްވެސް އޮފިޝަލް ވިދާޅުވި އެވެ.
"ރާއްޖޭގެ ޖަލުތަކުގައި ހުކުމް ތަންފީޒުކުރާ އިންޑިއާ މީހުންގެ ތެރޭގައި އެބަތިބި ހިތުގެ ބަލިމީހުންވެސް. އެބަތިބި ހެޕަޓައިޓިސް ބަލީގެ މީހުންވެސް. އެ މީހުންނަށް މިކޮޅަކުން އެދެވޭ ފަރުވާއެއް ނުދެވެ. ދެން އިންޑިއާ ސަރުކާރުން މި ބުނަނީ އެކަލަ ބަލި ބޮޑެތި މީހުން ބަދަލު ކޮށްލަ ދޭންވީ ނޫންހޭ ތިމަންނަމެންގެ ޖަލަށް. އަޅުގަނޑުމެންވެސް ރަނގަޅު ފަރުވާއެއް ހޯދަން ވެއްޖެއްޔާ މި ދާންޖެހެނީ އިންޑިއާ އަށް،" އޮފިޝަލް ވިދާޅުވި އެވެ.
ރާއްޖޭގެ ޖަލުތަކުގައި އިންޑިއާގެ 13 ފިރިހެނުންނާއި އެއް އަންހެނަކު އެބަތިއްބެވެ. އޭގެ ތެރޭގައި ހިމެނެނީ ވައްކަމުގެ މައްސަލައިގައި ޖަލަށް ހުކުމް ކޮށްފައިތިބި ތިންމީހަކާއި، މަސްތުވާ ތަކެތީގެ ވިޔަފާރި ކުރުމާއި ބޭނުން ކުރުމުގެ ކުށުގައި ޖަލަށް ހުކުމް ކޮށްފައިތިބި 11 މީހުންނެވެ.