03 Jan 2013, 01:57
(01 ޖެނުއަރީގެ އަދަދާ ގުޅޭ)
އަފްލާކް ގޮނޑި ދުރުކޮށްލާފައި މަޑުމަޑުން ކޮޅަށް ތެދުވިއެވެ. އެންމެ ފުރަތަމަ ޒޭބާގެ މޫނަށް އެއަށްފަހު ދުރުގައި އައިކު އުރާލައިގެން ހުރި ޝިނީގެ މޫނަށް ކަޅިއެއް އެއްލާފައި އެންމެފަހުން ގާޟީ އާއި ހަތަރުކަޅި ހަމަކޮށްލިއެވެ. ޒޭބާ އިނީ ނޭވާ ހިފަހައްޓާލައިގެންނެވެ. "އަނބި ގަބޫލެއް ނޫން." އަފްލާކްގެ އަޑުން އެތަނުގައި ބޮމެއް ގޮއްވާލި ކަހަލަ އެވެ. ޒޭބާ ނޫން އެންމެންގެ މޫނަށް ހިޔަނި އެޅިގެން ދިޔައެވެ. ދުނިޔޭގެ ހަތް އަޖައިބުން ކުރެ އަޖައިބެއް ފެނިގެންވެސް ނުވާވަރަށް އެމީހުން އެތިބީ އަޖައިބުވެފައެވެ. ތިމާ މީހާ ލޯބިން މޮޔަވެގެން ކައިވެންޏާއި ހިސާބަށް ދިޔައީމައި އެކައިވެންޏަށް ފުރަގަސްދޭ މަންޒަރު އެމީހުން ދުށީ އަދި އަލަށެވެ.
"އަފްލާކް! ހަންނާނު ތެދުވެފައި ތަންކޮޅެއް ބާރަށް ގޮވައިލިއެވެ. އަފްލާކް އެއަޑަށް ސަމާލުކަމެއް ނުދީ މޭޒާއި ގޮނޑި ދޭތެރެއިން ނިކުމެގެން ހިނގައިގަތުމުން އެންމެން ޝައުޤުވެރިފައި ހުރީ އަފްލާކް ދާން އެއުޅެނީ ކޮންތާކަށްތޯ ބަލާށެވެ. ޝިނީގެ ހިތް ތެޅިގަތީ ބިރުގަންނަހާ ބާރަށެވެ. އަފްލާކް އެއަންނަނީ ޚުދު އޭނާގެ ކައިރިއަށެވެ. އެދެލޯ ހުއްޓިފައި އައިކު އަށެވެ. އަފްލާކް އައިސް ހުއްޓިފައި އައިކު އުރާލަން އުޅެން ފެށުމުން ޝިނީއަށް ދެކޮޅެއް ނުހެދުނެވެ. އެހުރިހާ އެންމެން ކުރިމަތީގައި އަފްލާކް އާއި ދެކޮޅުވާނެ ހިތްވަރު ނުލިބުނީއެވެ.
"ޝިނީ. އަހަރެން އައިކު ބޭނުން." އަފްލާކް އައިކުގެ މޫނުން ދޮނެއް ނަގާފައި ޝިނީއަށް ނަޒަރު ހުއްޓާލިއެވެ. ދެންތިބި މީހުން ވާނުވާ ނޭނގި ހައިރާން ކަމުގައި ތިބިއިރު ޒޭބާގެ މޫނުގައި ވަނީ ހިނިތުންވުމެކެވެ. އަފްލާކް އާއި މެދު އޭނާ ފަޚުރުވެރިވެއެވެ. އެއީ އިންސާނިއްޔަތު ކަމުގެ މިސާލެކެވެ. "ޒޭބާ އާއި އެކު ހަޔާތުގެ ދެން އޮތްބައި އުފަލުގައި އުޅޭނެ ފުރުސަތު ލިބުނަސް އައިކު އާއި ނުލައި އެއުފާވެރިކަން ދެމިގެންނުދާނެ. އަހަރެންގެ ދިރިއުޅުމުގައި އައިކު ޝާމިލު ކުރަން ބޭނުން. ކޮންމެ އުފަލެއްގައި މިދަރިފުޅު ހިއްސާކުރަން އެދެން. އެކަމަކު ކައިވެންޏަކީ މިއެދުންތަކަށް އެޅޭ ހުރަހަކަށް ވާއިރު ކިހިނެތް އަހަރެން ކައިވެނި ކުރާނީ؟ އަހަންނަށް މާފުކުރޭ ޒޭބް. އަހަންނަށް އައިކު އާއި ވަތްކެއްނުވެވޭނެ. ހީ ނީޑްސް މީ." އަފްލާކް ވާހަކަ ދައްކަމުން އެނބުރި ޒޭބާއަށް ބަލައިލިއެވެ. ޒޭބާ އަނގައިން ނުބުންޏެއް ކަމަކު މަޑުމަޑުން ބޯ ޖަހާލީ އެކަމާއި އެއްބަސްވަމޭ ބުނާފަދަ ގޮތަކަށެވެ.
"އަފްލާކް މޮޔަވީތަ؟" ހަންނާނުގެ ކެތްތެރިކަން ކޮޅުންލައިގެން ބާރުބާރަށް ގޮސް އަފްލާކްގެ ކޮނޑުގައި ހިފާ މަގަތަށް އަނބުރައިލިއެވެ. އެމޫނުގެ ކުލަ ބަދަލުވެ ދެބުމަ ގޮށްޖެހިއްޖެއެވެ. އެގޮތަށް އެންމެންގެ ތެރޭގައި ބޭޒާރުވެގެން އެދަނީ ހަންނާނުގެ ހަމައެކަނި ދަރިފުޅެވެ. ރުހެވޭނީ ކިހިނެތް ހެއްޔެވެ؟
"ބައްޕާ. އައިކު އަކީ އަހަރެންގެ ދަރިއެއް. އަހަރެން ބޭނުމެއް ނޫން އޭނަ އެހެން މީހަކަށް ބައްޕަ ކިޔާކަށް." އަފްލާކް އެގޮއްވާލީ ދެވަނަ ބޮމެވެ. ލޫސީ ދެލޯ ބޮޑުކޮށްފައި އަނގަމަތީ އަތް އަޅައިލިއެވެ. އަފްލާކްގެ މަންމަ ސަމީރާއަށް ހިފަހައްޓާލެވުނީ ހަފީޒާގެ އަތުގައެވެ. މާވިން އާއި ސައިފުﷲގެ ދެމަފިރިންވެސް ބަސް ހުއްޓިފައި ތިއްބެވެ. ހަންނާނު އިތުރު އެއްޗެއް ބުނަން އުޅެފައިވެސް ބަސް ހުސްވެގެން ހުއްޓާލިއެވެ. "މާފުކުރޭ ބައްޕާ އަހަންނަށް އެކުށް ކުރެވިފައި ވަނީ." އަފްލާކް އިސްޖަހައިލިއެވެ. އެވަގުތު ސައިފުﷲ ވިސްނުންތެރި ކަމާއިއެކު ގާޟީ އާއި ދެ ހެކީންނަށް ކާމޭޒު ދޮށަށް ދާންވީ މަގު ދެއްކިއެވެ. އެމީހުންގެ ފަހަތުން ދެންތިބި މީހުން ނިކުންނަން ދިޔައެވެ. އެތެރޭގައި މަޑުކުރީ ޝިނީ އާއި ޒޭބާގެ އިތުރުން އަފްލާކް އާއި އަފްލާކްގެ މައިންބަފައިންނެވެ. ލޫސީ ބޭރަށް ނިކުމެފައިވެސް އެތެރޭގައި ހިނގާ ނުހިނގާ ނުބަލައި ކެތްނުވެގެން އަނެއްކާ ވަނެވެ.
"ޝިނީ އަހަރެން ބޭނުމެއް ނޫން އައިކު ބޮޑުވާއިރު ދޮންބައްޕަ އަކަށް ބައްޕަ ކިޔާކަށް. ބޭނުމެއްނޫން ބޮޑުވަމުން އަންނަ އިރު އައިކުގެ މައިންބަފައިން ވަކިން އުޅޭކަން އެނގިގެން މި ކުޑަ ކުޑަ ހިތަށް އަސަރު ކުރާކަށް. ވަރަށް ރަނގަޅަށް އިނގޭ އައިކު ހިތަށް ކުރާނެ އަސަރު." އަފްލާކްގެ ނަޒަރު ހަންނާނުއަށް ހުއްޓުނުތަން ފެނިފައި ހަންނާނަށްވެސް ޖެހުނީ އިސްޖަހައިލާށެވެ. އަފްލާކް އުމުރުން އަހަރެއް ވީތަނާ ހަންނާނު އަންހެނުން ވަރިކޮށްލާފައި ސަމީރާ އާއި ކައިވެނި ކުރިފަހުން ކަންތައްވީ ގޮތް ދުވަހަކު ހަނދާން ނުނެތޭނެއެވެ. ސަމީރާގެ ފަރާތުން ލިބިފައިވާ ކުދި އަނިޔާތަކާއި ބަދު ބަސްތަކަށްފަހު މާފަހުގެ ދުވަހެއްގައި އެއީ ދޮން މަންމަކަން އެނގުމަށްފަހުވެސް އަފްލާކް ހަންނާނަށް އިޙުތިރާމް ކުރިއެވެ. ހަގީގަތް އެނގިގެން އަފްލާކް މަންމަ ހޯދަން ބެލިއިރު ދުނިޔޭގައިވެސް ނެތެވެ. މިއަދު ސަމީރާއަށް ވިސްނިގެން އަފްލާކް އާއި މެދު ކިތަންމެ އޯގާތެރިކޮށް ކަންކުރިއަސް ދޮންބައްޕައެއްގެ އަތްމައްޗަށް އައިކު ދޫކޮށްލާކަށް އަފްލާކް ދުވަހެއްގާވެސް ނޭދޭނެއެވެ.
"އަހަރެން ބައްޕަ ކުށްވެރި ކުރަނީއެއް ނޫން. އަހަންނަށް އިނގޭ އެކި މީހުންގެ ހިޔާލު އެއްގޮތް ނުވާނެކަން. އެކަމަކު ބައްޕަ ފަދައިން އަމިއްލަ އުފަލަށް ޓަކައި އައިކުގެ މުސްތަޤްބަލް ގެއްލިގެންދާކަށް ބޭނުމެއް ނޫން. އަނެއްކޮޅުން ބަލާއިރު އަހަރެންގެ ސަބަބުން ޝިނީގެ ގެއްލިފައިވާ އުފާވެރިކަން އަނބުރާ ހޯދައިދޭން މިއަށްވުރެ ރަނގަޅު ފުރުސަތެއް ކޮބާ؟ އިނގޭ މިކުށުގެ ކައްފާރާ އަދާކޮށް ނުނިމޭނެކަން. އަހަރެންގެ ސަބަބުން ޝިނީ ދުނިޔެއަށް ބޭޒާރުވެ ގެއްލިގެންދިޔަ އަނބުރު އަނބުރާ ހޯދައި ނުދެވޭނެކަން. އެކަމަކު ކައިވެނިކޮށްގެން މުޅިން އާ ހަޔާތެއް ހޯދައިދެވިދާނެ." އަފްލާކްގެ ނަޒަރު ހަންނާނުގެ މޫނުން ވަކިކޮށްލާފައި ޝިނީއަށް ހުއްޓާލުމުން ޝިނީ ސިހިއްޖެއެވެ. އަފްލާކް އެހުރީ ހަމަހޭގައި ކަމާއިމެދުވެސް ޝިނީއަށް ޝައްކުވިއެވެ.
"ޝިނީ!" އަހަންނާއި އިންނަންވީނު! އައިކުއަށް ޓަކައި..." އަފްލާކް ފުރަތަމަ ޖުމްލަ ނިންމާފައި ޝިނީ އެއްޗެއް ބުނަން އުޅުމުން ދެވަނަ ޖުމްލަ އިއްވާލިއެވެ. އައިކުއަށް ޓަކައި ޝިނީ ނުކުރާނެ ހަމަ އެއްކަމެއްވެސް ނުވާނެކަން އަފްލާކްއަށް އެނގެއެވެ. "ދެން އޭރުން ޒޭބާ؟ އަފްލާކް ލޯބި ވަނީ ޒޭބް ދެކެއެއްނު. އަހަރެންނާއި އިނީމަ..." ޝިނީ ދެލޮލަށް ޖަމާވެފައިވާ ކަރުނަތައް ފައިބައިފާނެތީ ޖުމްލަ ފުރިހަމަވެސް ނުވަނީސް ތުންފަތުގައި ދަތް އަޅައިލިއެވެ. "ބައެއްފަހަރު އެއްޗެއް ހާސިލް ކުރުމަށްޓަކައި އެއްޗެއް ގެއްލުވާލަންވެސް ޖެހިދޭ. ކާކަށްތަ ހުރިހާކަމެއް ފުރިހަމަވަނީ؟" އަފްލާކްގެ ޖަވާބު ޝިނީއަށް ކަމަކު ނުދިޔައެވެ. އައިކު ބޭނުންވެގެން އަފްލާކްގެ ލޯބި ދޫކޮށްލާކަށް ހިތެއް ނުރުހުނެވެ. އެއަށްވުރެ މާބޮޑަށް އަފްލާކްދެކެ ލޯބިވެއެވެ. އަނެއްކޮޅުން ޒޭބާއެވެ. ޝިނީގެ އެންމެ ނިންމުމެއްގެ ސަބަބުން ޒޭބާ އާއި އަފްލާކް ވަކިކޮށްލަންވީ ހެއްޔެވެ؟ ބައެއް ހާދިސާތައް ހިލަ ހިތްތައްވެސް މަޑުކޮށްލައެވެ. އަފްލާކްގެ ހިތުގައި އައިކު އާއިމެދު ލޯބި އުފެދިފައިވާ މިންވަރު ފެނިފައި ޝިނީގެ އަޒުމަށް ގުޑުން އަރައިފިއެވެ. އަފްލާކް އެދަރިފުޅަށް ދެރަ ގޮތެއް ނުހަދާނެއެވެ. މާ ރަނގަޅަށް ބަލައި ބޮޑު ކުރާނެއެވެ. ޒޭބާއަކީ ރަނގަޅު މަންމައަކަށް ވާނެއެވެ.
"އަފްލާކް ތިހާ ބޮޑަށް އައިކުދެކެ ލޯބިވާނެ ކަމަކަށް އަހަރެން ކުރިން ހިއެއް ނުކުރަން. އެކަމަކު މިހާރު ޔަގީންވެއްޖެ އަފްލާކް އަހަރެންނަށް ވުރެވެސް ބޮޑަށް އައިކުދެކެ ލޯބިވާކަން. އެހެންވީމަ އަހަރެން މި ނިންމީ އަފްލާކް އައިކު ބޭނުންވެގެން ކޮންމެހެން އަހަރެންނާއި ކައިވެނި ކުރާނެ ކަމެއް ނެތް. އަފްލާކްއަށް އަފްލާކްގެ ދަރިފުޅު ދީފިން. ބޭނުން ކޮންމެ މީހަކާއި އިނދެގެން އުފަލުގަ އުޅޭ." ޝިނީގެ ލޮލުން ކަރުނަ އަތުވެއްޖެއެވެ. ކުޑަ ކުޑަ އައިކު އަށް މަންމަގެ ލޮލުން ކަރުނަ އައިތަން ފެނިފައި ތުންފިއްތާލައިފިއެވެ. މަންމަ އާއި ދަރިފުޅުގެ ގުޅުމެވެ. މަންމަގެ ހިތަށް ކުރާ އަސަރު ދަރިފުޅުވެސް އިހްސާސް ކުރެއެވެ.
"ޝިނީ ހީކުރީ އަހަރެން ޝިނީ އާއި އިންނަން މިއުޅެނީ ދަރިފުޅު ނުލިބިދާނެތީ ކަމަށްތަ؟ ތި ހީވީ ރަނގަޅަކަށް ނޫން. އަހަރެން ބޭނުންވެގެން މިއުޅޭ ކަމަކީ އައިކުއަށް އުފަން މަންމަ އާއި ބައްޕަގެ ލޯބި ލިބެން. އަހަރެން ބޭނުންވަނީ އައިކު ބޮޑުވަމުން އަންނައިރު ގުޅިގެން އުޅޭ މަންމަ އަކާއި ބައްޕައަކު ކަމުގައި އަހަރެމެން ވާން. އައި ވޯންޓް އައިކު ޓު ހޭވް އަސް ޝިނީ. ނޮޓް ޖަސްޓް އަ ފޭމްލީ." އަފްލާކް ސާފުބަހުން އަންގައިދިނެވެ. ޝިނީ ހުރީ ގަބުވެފައެވެ. މިއަދު ޔަގީނުންވެސް އަފްލާކްގެ ސިކުނޑި ހަމައެއް ނުޖެހެއޭ ހިތް ބުނެލިއެވެ. އެހެންނޫންނަމަ އެހާ ފަސޭހައިން ޒޭބާ ދޫކޮށްލަން އަފްލާކް ނުރުހޭނެއެވެ. ކޮންމެވެސް ކަމެއް ވެއްޖެއެވެ. ޝިނީ ހިތާއިހިތުން ވާހަކަދައްކަން ހުއްޓާ އަފްލާކް ހަންނާނު އަތަށް އައިކު ދީފައި އައިސް ޝިނީގެ ކުރިމައްޗަށް ހުއްޓި އަތުގައި ހިފާލައިފިއެވެ.
"ޝިނީ. މިއަދު އަހަރެން ބޭނުމީ އެންމެ ރަނގަޅަށް ކަންތައް ކުރަން. ޒޭބްއަށްވެސް އަދި ޝިނީއަށްވެސް ރަނގަޅު ގޮތް ވާން. ޒޭބް އަހަންނާއި އިންނަން އެއްބަސްވިއަސް ޒޭބްގެ ހިތުގައި އެހެންމީހަކު ވާކަން އެނގޭ. އެހެންވީމަ މިއަދު އަހަރެންގެ ފަރާތުން މިނިވަން ވުމަށްފަހު ޒޭބްއަށް އެމީހަކާއި ގުޅެވިދާނެ. އެކަމަކު ޝިނީ ކީއްވެތަ އަހަރެންނާއި އިންނަން ތި ދެކޮޅު ހަދަނީ؟" އަފްލާކް ގެ އަތުތެރޭގައި އޮތް ޝިނީގެ އަތްތިލަ ގަނޑުފެން ކޮޅެއްހާ ފިންޏެވެ. "އަހަރެން ދެކޮޅެއް ނުހަދަން. އަހަރެންވެސް ބޭނުންވަނީ އަފްލާކްއަށް ރަނގަޅު ގޮތްވާން. އަފްލާކްއަށް އަފްލާކްގެ ލޯބި ލިބެން." ޝިނީ ހިކިފައިވާ ތުންފަތް ތެންމާލައިފައި ޖަވާބު ދިނެވެ. ދުރުގައި ލޫސީ އާއި ޒޭބާ އެކަކު އަނެކަކު އަތުގައި ހިފާލައިގެން ހުރެގެން އެމީހުނަށް ބަލަމުން ދިޔައެވެ. މިހާރު ލޫސީވެސް ކޮންމެހެން އަފްލާކްގެ ކައިވެނި ޒޭބާއާއި ކުރުވާކަށް ނޭދެއެވެ. އަފްލާކް ގުޅެން ޖެހޭނީ އައިކުގެ މަންމައާއެވެ. މައިންބަފައިންގެ ނިންމުމަކުން ދަރިނަށް ނިކަމެތިކަން ލިބިގެން ނުވާނެއެވެ. އަފްލާކް ކިހާ ރަނގަޅު ހެއްޔެވެ؟ އެހާ ޅަ އުމުރުގައިވެސް އަފްލާކްއަށް ހާދަ ވިސްނެއެވެ. އައިކު އަކީ ނަސީބުގަދަ ކުއްޖެކެވެ. ލޫސީ ހިތާއިހިތުން އެތައް ވާހަކައެއް ބުނެލިއެވެ.
"ރަނގަޅަށް ތިބުނީ ޒޭބާދެކެ އަހަރެން ލޯބިވޭ. އެކަމަކު އަހަރެންނަށް ހީވަނީ އެއީ ތެދުވެރި އިހްސާސެއް ނަމަ ޝިނީ އާއި އަހަރެންގެ ގުޅުން މިހާ ހިސާބަށް ނުދިޔައީސްހެން. އެލޯބީގައި އުނިކަމެއް ނުވާނަމަ ޝިނީއަށް އަހަރެން އެފަދަ ނަޒަރަކުން ބަލައިވެސްނުލާނެ. އެކަމަކު ބަލާބަލަ.... ކަންތައް ވީ ގޮތް. ޝިނީ އަކަށް ނުފެނޭތަ އިޓްސް ސޯ އޮބްވިއަސް.... އަދި އަހަރެން ފަހަރެއްގައިވެސް ސިއްރެއް ނުކުރާނަން ޝިނީ އާއި މެދު އަހަރެން އަބަދުވެސް ގަޔާވޭ.... ވީއިރު ކީއްވެ ކައިވެނި ނުކުރަންވީ؟ ކާކަށް އެނގެނީ ވާނެ ގޮތް. އަހަންނަށް ޝިނީދެކެ ލޯބިވެސް ވެވިދާނެ. ފަހަރެއްގައި ޒޭބާދެކެ ވެވުނު ވަރަށްވުރެ މާބޮޑަށްވެސް... ޓްރައި ކުރީމައެއްނު އިނގޭނީ.. މި ރިލޭޝަން ވޯކް އައުޓް ކުރާނެ ކަމެއް ނޫނީ ނޫންކަމެއް ވެސް." އަފްލާކް ވާހަކަދައްކަމުން އެހާ ރީތިކޮށް ހިނިތުންވެލުމުން ޝިނީއަށް އެސްފިޔަޖަހަން ހަނދާންނެތިފައި ބަލަން ހުރެވުނެވެ. ހިތް ބުނަނީ ވަގުތުން އަފްލާކްގެ ހުށައެޅުން ގަބޫލު ކޮށްފައި އެމޭގައި ބޯ އަޅައިލާށެވެ. އެކަމަކު ޒޭބާގެ ބަހެއް ނުހޯދައި އެކަން ކުރާނެ ހިތްވަރެއް ޝިނީއަކަށް ނުލިބުނެވެ.
"ޝިނީ. ސޭ ޔެސް! ސޭ ޔެސް!!" ޒޭބާ އުފާވެރި އަޑަކުން އެހެން ގޮވާލިގޮތުން ޝިނީގެ ހިތަށް އެރި އެއްޗެއް އެނގިގެން ބުނެލިކަހަލައެވެ. ޝިނީ ސިހޭގޮތްވެފައި ބަލައިލިތަނާ ޒޭބާ ހިނިތުންވަމުން އައިސް އެދެމީހުންގެ ކައިރިއަށް ހުއްޓުނެވެ. "ސީރިއަސްލީ ގައިޒް. ދެން ތިހާވަރަށް ފިލްމީނުވެ ތިކަން ނިންމަންވެއްޖެ އެއްނު. މިހާރު ޕާޓީ ފެށޭގަޑި ޖެހެނީއޭ. ލޫސީ އެހުންނަނީ ގެސްޓުންނަށް ވެޑިން ޑްރެސް ދައްކާލަން ނުދެވިގެން." ޒޭބާ ސަމާސާ ރާގެއްގައި ވާހަކަދެއްކުމުން އެންމެންނަށް ހެވުނެވެ. "އޯކޭ." ޝިނީ މަޑުމަޑުން ބުނެލިއެވެ. "އަދި އެއްފަހަރު ބުނެދިދާނެތަ؟ ސާފެއްނުވިއޭ..." އަފްލާކްވެސް ހިސާބަކަށް ލާނެތްވެލިއެވެ. ޝިނީ ލަދުން މޫނުގައި އަތް އަޅައިލިގޮތަށް އިންނާނަމޭ ބުނެފައި އަނެއްފަރާތަށް އެނބުރިގަތެވެ." ދެޓްސް މައި ގާރލް." ލޫސީވެސް އައިސް ކައިރިވެފައި ބުނެލިއެވެ. އެވަގުތު ހަފީޒާ އައިސް މެހުމާނުން އަންނަ ވާހަކަ ބުނެ ނިމުމާއެކު އެންމެން އަވަސްވެގަތީ ޕާޓީ ހޯލަށް ނިކުންނާށެވެ. ޒޭބާ އިންތިޒާރު ކޮށްގެން ހުރީ އެވަގުތަށެވެ. އެންމެން ނިކުތްތަން ބަލާފައި އަވަހަށް ގޮސް ސިޑިން އަރައިގެން ކޮޓަރިއަށް ދިޔައެވެ.
މިޝްއަލް ހުރީ ކުޑަ ދޮރަށް ފުރަގަސްދީގެން ޒޭބާ އެތަނަށް ވަންނާނެ ވަގުތެއްގެ އިންތިޒާރުގައެވެ. ދޮރު ލައްޕާލާފައި ޒޭބާ ބަލާކަށް ނުހުރެ ދުވެފައި ގޮސް މިޝްއަލްގެ ގައިގައި ހިފައިގެންފިއެވެ. "އަހަރެން ހާދަ ބިރެއްގަތޭ. އަފްލާކް އާއެކޭ ބުނިނަމައޯ؟" މިޝްއަލް ޒޭބާ ފިއްތާލައިފައި އިސްތަށިގަނޑުގައި ދަތްދޮޅި ޖައްސާލިއެވެ. "އަހަންނަށް އެނގޭ ނުބުނާނެކަން. އަހަރެން ހަމަ ބަލައިލަން ބޭނުންވީ އަފްލާކް ކަންތައް ކުރާގޮތް." ޒޭބާގެ އަޑުގައިވީ ޔަގީންކަމެވެ. "ކިހިނެތް އެނގުނީ؟" މިޝްއަލް ހިސާބަކަށް ހައިރާންވިއެވެ. "އަހަންނަށް އަޑު އިވުނު އަފްލާކް އައިސް އިށީންދެފައި ވިސްނި ހުރިހާ އެއްޗެއް." ޒޭބާ އެ ހައިރާން ކުރުވަނިވި ޖަވާބު ދިނުމުން މިޝްއަލް ޒޭބާ ދުރުކޮށްލިއެވެ. "ޒޭބް. ތީ ވަރަށް އަޖައިބު ވާހަކައެއް. އަހަރެންނަށްވެސް މީހުންގެ ވިސްނާ ގޮތް އިނގޭ. އެމީހުންގެ ހިތުގެ އަޑު އިވޭ. އެކަމަކު ކީއްވެ ޒޭބްއަށް ތިހެން ވާންވީ؟" މިޝްއަލްގެ މޫނުގައިވީ ސީރިއަސް ކަމެވެ. "އަނެއްކާ މިޝްއަލް އަހަރެން ޖިންނިއަކަށް ހެދީތަ؟ ވެމްޕަޔަރ ސްޓޯރީސްތަކުގައިވެސް އެމީހުން އިންސާނުން ޓާން ކުރާނެ." ޒޭބާ ކުރީ ސަމާސައެއް ނޫނެވެ. ހަގީގަތުގައިވެސް އިންސާނުން ޖިންނިންނަށް ބަދަލު ކުރެވިދާނެބާއޭ ހިތަށް އެރިއެވެ. "އެއީ ވާނެ ކަމެއް ނޫން. ފުރިހަމަ އިންސާނަކު ޖިންނި އަކަށް ބަދަލެއް ނުކުރެވޭނެ." މިޝްއަލް ހަގީގަތް ބުނެދިނެވެ. "ދެން ދޭ! ލޫސީ އެބަ ހޯދާ. ޕާޓީ ނިމުނީމަ ދެން ބައްދަލުވާނީ." މިޝްއަލް ދޮރާއި ދިމާއަށް ކަޅިއެއް އެއްލާފައި ބުނެލިއެވެ. "އަޅެ ނޫން. މިޝްއަލް އާއި ދުރަށް ދާހިތެއް ނުވޭ. ޕްލީޒް ބޭބް އަދި އިރުކޮޅަކު..." ޒޭބާ ބޮޑާހާކައިލައިފައި އަނެއްކާ މިޝްއަލްގެ އަތުތެރެއަށް ވަނެވެ. މިޝްއަލްގެ ތުންފަތަށް ހިނިތުންވުމެއް ވެރިވެގެން ދިޔައެވެ.
ޒޭބާ ހުދު ކުލައިގެ ކައިވެނި ހެދުމާއެކު އެހާ ފަރިވެފައި ހުއްޓާ ފެނުމުން މިޝްއަލްވެސް ދުރަށް ދާހިތެއް ނުވެއެވެ. އެކަމަކު މިރެއަކީ އެހެން ތިބެވޭނެ ރެއެއް ނޫނެވެ. މާވިންގެ ކައިވެނި ޕާޓީގައި ޒޭބާ ފެންނަން ނެތި މިނިޓެއް ދިޔަޔަސް އެންމެން ހޯދާނެއެވެ. "ޕާޓީ ނިމޭގަޑިއަށް އަންނާނަން." މިޝްއަލް ގަދަކަމުން ޒޭބާ ދުރުކޮށްލިއެވެ. "ޕްރޮމިސް.؟" ޒޭބާ ސުވާލުކުރީ ތުންކޮޅު އޫކޮށްލަމުންނެވެ. "ޕްރޮމިސް." މިޝްއަލް ހިނިތުންވެފައި ވަޢުދުވިއެވެ.
ޒޭބާ ހެދުން ބަދަލުކޮށްގެން ތިރިއަށް ދިޔައިރު މެހުމާނުންތައް ވަދެ ފުރެމުން ދިޔައެވެ. އަފްލާކް އާއި ޝިނީ އައިކު ގޮވައިގެން އުޅެއެވެ. އާކައިވެނިވީ ދެޒުވާނުން ތިބީ ހޯލަށް ވަންނަ ދޮރާއި ދިމާލުގައި ހަދާފައިވާ ކުޑަ ސްޓޭޖެއްގައެވެ. ލޫސީ ފައިގެ ތަނބިކަށްޓާއި ހަމައަށް އަންނަ ވައިލެޓް ހެދުމުގައި މިސާލެއްނެތް ހާ ރީއްޗެވެ. ބްރައުން އިސްތަށިގަނޑުގައި ރީތި ހުޅިއެއްޖަހައި ހުޅިގަނޑާއި ދިމާލުގައި ކުދި މާތަކުގެ ބަރިއެއް ހަރުކޮށްފައި ހުއްޓެވެ. އެބްރައުން ދެލޯ އިތުރަށް ރީތިވެފައި ވިދުން ގަދައެވެ. ލޫޅާފަތި އުނަގަނޑާއި ބައްޓަން ރީތި ހަށިގަނޑު ފެނިފައި ކޮންމެ ޒުވާން ފިރިހެންކުއްޖެއްގެ ވިންދު އަވަސްކޮށްލައެވެ. ޖެހިގެން ހުރި ރީތީގެ ރަސްކަލެއްފަދަ މާވިންއަށް ޓަކައި އެއިން ކޮންމެ ކުއްޖެއްގެ ހިތުގައި ހަސަދަ ހިނގާލަނީ އެމީހުންގެ އިޙުތިޔާރުން ބޭރުގައެވެ. މާވިން އެއީ ޕާޓީ ހޯލުގައިވެސް އެވަގުތު ހުރި އެންމެ ފުރިހަމަ ޒުވާނާ ކަމުގައި ހަމަ އެކަކުވެސް ދެކޮޅެއް ނުހަދާނެއެވެ. ވައިލެޓް ގަމީހުގެމަތިން ޓަކްސިޑޯއާއި ޓައީގައި އެހާމެ ސްމާޓެވެ. ހަވައިގެ ގަނޑުވަރެއްހެން ޒީނަތްތެރި ކުރެވިފައިވާ އެ ހޯލަށް ވަންނަ ކޮންމެ މީހަކަށް ހީވަނީ ހަވަޔަށް އައިސްގެން އުޅެވޭހެންނެވެ. އެހާވެސް ޑެކަރޭޝަން ރީތިވެފައި އަލަތު ދެމަފިރިން ރީއްޗެވެ.
ޒޭބާ ޕާޓީ ތެރޭގައި ހަރަކާތްތެރިވަމުން ދަނިކޮށް މީހަކު ފާރަލާހެން ހީވިއެވެ. އިރުކޮޅަކުން އެކަން ޔަގީންވިއެވެ. ކަޅު ގަމީހާއި ޖިންސެއްގައި ހުރި މީހަކު ޒޭބާ އުޅޭގޮތް ބަލަމުން ދުރުދުރުން ހިނގާތީ ފެނުނެވެ. ކުރީ ރޭ ފެރީން ފެނުނު ގޮތަށް ކަޅު ތޮއްޕެއް އަޅައި ނިކަން ބޮޑަށް ނިތްގަނޑު ތިރިކޮށްފައި ހުއްޓެވެ. ޒޭބާ އެމީހަކު ހޯދަން ހިނގައިގަންނަ ކޮންމެ ފަހަރަކު ވަކިހިސާބަކުން އޭނާ މީހުންގަނޑު ތެރެއަށް ވަދެ ގެއްލެނީއެވެ.
އެއުފާވެރި ޕާޓީ ނިމިގެން ޒޭބާ ގެއަށް ވަނީ ލޫސީ ގޮވައިގެންނެވެ. ލޫސީ ކޮޓަރި އާއި ހަމައަށް ގެންގޮސް އެނދުގައި ބައިންދާފައި ކުޑަކޮށް ދިމާކޮށް ރުޅިއަރުވާލާ ހިތްވެގެން އެއްޗެއް ބުނަން އުޅެނިކޮށް ކުޑަދޮރު ކައިރިން މީހަކު ހުރަސް ކޮށްލައިފިއެވެ. ޒޭބާ ފުންމައިގެން ގޮއްސައި ބަލައިލިއިރު އެކަކުވެސް ނެތެވެ. އެނބުރި އައިސް ލޫސީ އިން އެނދާއި އަރާ ހަމަވިތަނާ ބަނޑަށް އެރި ކުއްލި ތަދަކުން ހޭބުއްދި ފިލާވަރުވިއެވެ. ޒޭބާ އެއޮތް ފިނޑިއިރުވެސް ހަޅޭކެއް ނުލެވުނެވެ. ދެ ދަތްޕިލާ ޖައްސާ ބާރުކޮށްލައިގެން ބަނޑުގައި ހިފެހެއްޓިތަނާ ލޫސީއަށް ފެނިގެން ސުވާލު ކުރަމުން އައިސް ކައިރިއަށް ހުއްޓުނެވެ. "ޒޭބް. ޓޯކް ޓުމީ....! ކިހިނެތްތަ ވަނީ؟" ލޫސީ ރޮވޭގޮތްވެފައި ތަކުރާރުކޮށް ވާހަކަދައްކަމުން ޒޭބާގެ ކޮނޑުގައި ހިފަހައްޓާލިއެވެ. އެހާ ވޭނުގައި ހުއްޓާ ލޫސީ ސުވާލު ކުރާވަރުން ޒޭބާއަށް ވީ އުދަނގުލެވެ. ފާޑެއްގެ ކޫސަނި ރުޅިއެއް އައިސްގެން ލޫސީގެ އަތް ފޮޅުވާލިއެވެ. އެވަގުތު ވައިގެތެރޭގައި އުދުހިގަތް ލުއި ފަތެއްހެން ލޫސީ ވިއްސައިގެން މާދުރަށް ގޮސް ފާރުގައި ޖެހިފައި ޓައިލްސްމައްޗަށް ގުޅައަކަށް ޖެހިއްޖެއެވެ. ޒޭބާއަށް ފެނުނުއިރު ލޫސީ އޮތްތަން ޓައިލްސް މަތި ލެއިން ފެވެމުން ދިޔައެވެ. ޒޭބާގެ ހަށިގަނޑުން ފުރާނަ އުދުއްސައިގަތް ކަހަލައެވެ. މުޅިމީހާ ފިނިވެގެން ދިޔައެވެ.
(ނުނިމޭ)