29 Sep 2010, 05:53
ހޯރަފުށީ ވިޔަފާރިވެރިޔާ، އެރަށު ސީވިއު، ހުސައިން މަނިކު (ހުސޭނުބެ) މަރާލައި ފަޅު ގެއެއްގެ ތެރެއަށް އެއްލާލާފައި ވަނީ ހައްޖަށްދާން މާލެ ފުރަން ތައްޔާރުވެފައި ވަނިކޮށް ކަމަށް އާއިލާއިން ބުނެފި އެވެ.
ހުސޭނުބެ 61، ދަނބިދަރިފުޅު، އަބްދުއް ރައޫފު މިއަދު ބުނީ ހައްޖުގެ އަޅުކަން ފުރިހަމަ ކުރުމަށް ބައްޕަ ތައްޔާރުވަމުން އަންނަތާ ދުވަސްކޮޅެއްވެފައިވާ ކަމަށާއި ރަހުމު ކުޑަ ގޮތަކަށް ބައްޕަ މަރާލާފައި އޮއްވާ ފެނުނީ ހައްޖަށް ފުރުމަށްޓަކައި ވާންޖެހޭ ހުރިހާ ތައްޔާރީއެއް ވެގެން މާލެ ފުރުމަށް ހަފުތާއަކަށް ވެފައި ވަނިކޮށް ކަމަށެވެ.
"ބައްޕަ ހައްޖަށް ދާން އޮތީ ސިސިލްފަރު ގްރޫޕްގެ ހައްޖުވެރިންނާއެކު، އެފަރާތަށް ފައިސާ ދައްކާ ހުރިހާ ކަމެއް އޮތީ ނިންމާފައި. މާލެ ފުރަން ހަފުތާއަކަށް ވެފައި ވަނިކޮށް މަރާލީ،" ދަނބި ދަރިފުޅު އަބްދުއް ރައޫފު ބުންޏެވެ.
ތިން ފިރިހެން ކުދިންނާއި ހަތަރު އަންހެން ކުދިން ތިބި ހުސޭނުބޭ މަރާލައި ފަޅު ގެއެއްގެ ތެރެއަށް އެއްލާލާފައި އޮއްވާ ފެނުނީ އިއްޔެ އެވެ.
އާއިލާއިން ބުނީ ބައްޕަ މަރާލާފައި ވަނީ ބަނދަރުމަތީގައި ހުންނަ ބައްޕަގެ ފިހާރައިން ތެޔޮ ވިއްކުމަށް ފަހު ގެއަށް އައި މަގުމަތީގައި ކަމަށެވެ.
"ބައްޕަ ގެއަށް އައި މަގުގައި އޮތީ ކަރަންޓް ދުއްވަލާފައި. ލަފާ ކުރެވެނީ އެ ބަޔަކު (ހުސޭނުބޭ މަރާލި މީހުން) ބައްޕަ ހިފަހައްޓައި ފައިސާ ހުންނީ ކޮންތާކުތޯ ސުވާލުކޮށް ހެދުމަށްފަހު ހަތަރެސްފައި ބަނދެ މޫނު ވަތަށް ބާއްވައި ވެލިގަނޑުގެ ތެރެއަށް މޫނު ވައްދާ މަރާލީ ކަމަށް." ރައޫފު ބުންޏެވެ.
އޭނާ ބުނީ ބައްޕަ މަރާލުމަށް ފަހު ބައްޕަ އަތުގައި އޮތް ތަޅުދަނޑި ހިފައިގެން ގޮސް ގެއަށް ވަދެ އަލަމާރި ހުޅުވައިގެން ފައިސާތައް ގެންގޮސްފައިވާ ކަމަށާއި އޭގެ ތެރޭގައި ހައްޖަށް ދިއުމަށް ހޯދާފައި ހުރި ގިނަ އަދަދެއްގެ ޑޮލަރު ވެސް ހިމެނޭ ކަމަށެވެ.
"އަޅުގަނޑުމެނަކަށް ނޭނގޭ ހުރީ ކިހާ ފައިސާއެއް ކަމެއް. އެކަމަކު ތެލުގެ ވިޔަފާރީގެ މުއާމަލާތް ކުރުމަށް ބޭންކަށް ނުލައި އަބަދުވެސް ހަތަރުލައްކައެއްހާ ރުފިޔާ ބައްޕަ އަތްމަތީގައި ގެންގުޅޭ،" ރައޫފު ބުންޏެވެ.