02 Jan 2013, 22:20
ވޮޝިންޓަން (ޖެނުއަރީ): އެމެރިކާގެ އިގްތިސާދު މާލީ ވެއްޓުމަކުން ސަލާމަތް ކުރުމުގެ ގޮތުން އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމުގައި އެމެރިކާގައި ވެރިކަންކުރާ ޑިމޮކްރެޓިކް ޕާޓީ އާއި އިދިކޮޅު ރިޕަބްލިކަން ޕާޓީ ގެންގުޅުނު ޚިޔާލު ތަފާތުވުންތައް އެންމެ ފަހު ވަގުތު އެއްފަރާތް ކުރުމަށް ފަހު ސެނެޓްގައި އެ ދެ ޕާޓީ އެންފަހުން އެއްބަސްވުމަކަށް އައިސް މިކަމާ ބެހޭ ބިލް ފާސްކޮށްފި އެވެ.
އެމެރިކާގެ އިގްތިސާދު މާލީ ވެއްޓުމަކުން ސަލާމަތް ކުރުމުގެ ބިލް ފާސްކުރުމުގައި އިދިކޮޅު ރިޕަބްލިކަން ޕާޓީން ޑިމޮކްރެޓިކް ޕާޓީއަށާއި އޮބާމާގެ ސަރުކާރަށް އެންމެ ފަހު ވަގުތުގައި އެއްބާރުލުން ދިންނަމަވެސް މިބިލާ އެ ޕާޓީގެ 85 މެންބަރަކު ދެކޮޅު ހެއްދެވި އެވެ. މާލީ ބޮޑުވެއްޓުމުން އެމެރިކާ ސަލާމަތް ކުރުމުގެ މިބިލާ މެދު ރިޕަބްލިކަން ޕާޓީގެ މެންބަރުން ދެކޮޅު ހެއްދެވީ މީގައި އެމެރިކާ ސަރުކާރަށް ލިބޭ އާމްދަނީ އިތުރުކުރުމުގެ ވަސީލަތެއްގެ ގޮތުން މުއްސަނދިންގެ އަތުން ޓެކްސް ނަގާ މިންވަރު އިތުރުކުރުމަށް އޮބާމާގެ ސަރުކާރުން ހުށަހަޅާފައިވާތީ އެވެ. މުއްސަނދިންގެ އަތުން ނަގާ ޓެކްސްގެ މިންވަރު އިތުރުކުރުމަކީ ކޮންޒަވެޓިވް ވިސްނުން ގެންގުޅުއްވާ ރިޕަބްލިކަން ޕާޓީގެ ސެނެޓަރުން އަބަދު ވެސް ދެކޮޅު ހައްދަވާ ކަމެކެވެ.
މިބިލްގައި އެމެރިކާ ސަރުކާރުގެ ޚަރަދުތައް ވެސް އާދަޔާ ޚިލާފަށް ކުޑަކުރުމަށް ނިންމާފައިވެ އެވެ. މީގެ ތޭރޭގައި ޢަސްކަރީ އަދި ޖާސޫސީ ޚަރަދުތައް ވެސް ކުޑަކުރުން ހިމެނެ އެވެ. ޢަސްކަރީ ޚަރަދުތައް ކުޑަކުރުމަކީ ވެސް ހަނގުރާމައިގެ ވިސްނުން ކުރިޔަށް ނެރެގެންއުޅޭ ރިޕަބްލިކަން ސެނެޓަރުންނަށް ހަޖަމުކުރަން ދަތިކަމެކެވެ. ނަމަވެސް އެމެރިކާ ވެއްޓިފައިވާ އިޤްތިސާދީ ފުންވަޅުގަނޑުން ސަލާމަތްވުމަށް ޓަކައި ސަރުކާރުގެ ޚަރަދުތައް ކުޑަކޮށް ޓެކްސްތައް އިތުރުކުރުން ނޫން ގޮތެއް ނެތް ކަމަށް ރިޕަބްލިކަން ސެނެޓަރުންގެ ގިނަ ބަޔަކު އުސޫލެއްގެ ގޮތުން ގަބޫލުކުރައްވަ އެވެ. މިބިލް ފާސްވުމާ އެކު އެމެރިކާ ސަރުކާރުގެ ޚަރަދުތަކުގެ ތެރޭން 100 ބިލިޔަން ޑޮލަރު އުނިކުރުމަށް އޮބާމާ އަށް މަޖްބޫރުވެވަޑައިގަންނަވާނެ އެވެ.
ރިޕޯޓްތައް ބުނާ ގޮތުން މާލީ ފުން ވެއްޓުމަކުން އެމެރިކާގެ އިޤްތިސާދު ސަލާމަތް ކުރުމުގެ ބިލް ފާސްކުރުމަށް ރިޕަބްލިކަން ސެނެޓަރުން އެންމެ ފަހު ވަގުތު ވޯޓުދެއްވީ މަޖްބޫރުވެގެންނާއި މިކަމުގައި އޮބާމާގެ ސަރުކާރުން ވެސް ދޫތަކެއްދިނުމުންނެވެ. ކޮންގްރެސްއިން މިބިލް އިއްޔެ ފާސްކޮށްފައި ވަނީ 257 މެންބަރުން ތާއީދާއެކުގަ އެވެ. މީގެތެރޭގައި ގިނައީ ޑިމޮކްރެޓިކް މެންބަރުންނެވެ. މުއްސަދިންގެ އަތުން ޓެކްސް ނާގާ މިންވަރު މިބިލްގެ ސަބަބުން މަތިވެ އެމެރިކާގެ ޚަޒާނާ އަށް އެތައް ބިލިޔަން ޑޮލަރެއް އިތުރުވެގެން ދިޔަނަމަވެސް މިއީ އެމެރިކާގެ އިގްތިސާދަށް ކުރިމަތިވެފައިވާ ހުރިހާ މައްސަލަތަކެއްގެ ޙައްލެއް ނޫނެވެ. މިބިލްގެ ސަބަބުން ލިބޭ ލުއިކަން ދެމިއޮންނާނީ ކުރު މުއްދަތެއްގައި ކަމަށް ތަޖްރިބާކާރުން ދެކެ އެވެ. (ބީ.ބީ.ސީ)