02 Jan 2013, 19:29
ދެހާސް ދެވަނަ އަހަރުން ފެށިގެން އެކިފަހަރު މަތިން ހދ. ކުޅުދުއްފުށީ ޖަލާލުންދީން ސްކޫލްގެ މަސައްކަތު އަށް މީހަކާ މެދު ގަދަކަމުން ބަދުއަޚުލާގީ އަމަލު ހިންގި އެ ސްކޫލްގެ މުވައްޒަފަކު ތިރީސް އެތި ފަހަރުން ތައުޒީރު ކުރުމާ އެކު ފަސް އަހަރަށް ޖަލަށްލުމަށް ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓުން މިއަދު ހުކުމް ކޮށްފި އެވެ.
ތިރީސް އެތިފަހަރުން ތައުޒީރު ކުރުމާ އެކު ފަސް އަހަރަށް ޖަލަށް ލުމަށް ހުކުމް ކޮށްފައި ވަނީ ކުޅުދުއްފުށީ ޖަލާލުންދީން ސްކޫލްގެ ސަރުދާރުގެ މަގާމުގައި ހުރި އެރަށު މޭބިސްކަދުރުގޭ އަބްދުލްބާރީ އަބްދުއްރަހުމާން، 51، ގެ މައްޗަށެވެ.
ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓުން މިއަދު ކުރި ހުކުމްގައި ބުނަނީ 2002 ވަނަ އަހަރުން ފެށިގެން އެކި ފަހަރު މަތިން އެރަށު ޖަލާލުއްދީން ސްކޫލްގެ މަސައްކަތު މީހެއްގެ ވަޒީފާގައި އުޅޭ އަށް އަންހެނަކާ މެދު އަބްދުލްބާރީ ގަދަކަމުން ބަދުއަޚުލާގީ އަމަލު ހިންގާފައިވާކަން އެ އަށް އަންހެނުން ޝަރީއަތަށް ދީފައިވާ ބަޔާންތަކުންނާ ދައުލަތުން ހުށަހެޅި ހެކީންގެ ހެކިބަހުން ޝަރީއަތަށް ސާބިތުވާ ކަމަށެވެ.
މިހާރު ވެސް ކުޅުދުއްފުށީ ޖަލާލުއްދީން ސްކޫލްގެ ސަރުދާރުގެ ވަޒީފާގައި ހުރި އެމީހާގެ މައްޗަށް ހުކުމް އިއްވުމަށް ފަހު ހުކުމް ތަންފީޒު ކުރުމަށް އޭނާ ޑީޕީއާރްއެސްއާ ހަވާލު ކުރުމަށް ކޯޓު އަމުރަކާ އެކު ކުޅުދުއްފުށީ ކޯޓުން ވަނީ ފުލުހުންނާ އޭނާ ހަވާލުކޮށްފަ އެވެ.
ކުޅުދުއްފުށީ ސްކޫލްގެ ބެލެނިވެރިއަކު ބުނީ މަސައްކަތު މީހުންނާ އެކު އަބްދުލްބާރީ ގަދަކަމުން ބަދުއަޚުލާގީ އަމަލު ހިންގުމުން އެމީހުން ސްކޫލްގައި އެ މައްސަލަ ޖެއްސުމުން އޭނާގެ ބަޔާނެއް ވެސް ނަގާފައިވާ ކަމަށެވެ. ނަމަވެސް 2002 ވަނަ އަހަރުން ފެށިގެން މިއަދާ ހަމައަށް ވެސް ސްކޫލުން އޭނާއާ މެދު އެއްވެސް ފިޔަވަޅެއް އަޅާފައި ނުވާކަމަށް ވެސް އެމީހާ ބުންޏެވެ.