ކާށިދޫ ދާއިރާގެ މެމްބަރު އަބުދުﷲ ޖާބިރުގެ ޔޮޓްޓުއާސް އިން ހިންގަމުންދާ ދެ ރިސޯޓްކަމުގައިވާ އދ. ކުޑަރަށާއި ހއ. އަލިދޫގެ ކުލި ނުދެއްކުމުގެ ސަބަބުން ހަތް ދުވަހުގެ ތެރޭގައި ސަރުކާރާ އެ ދެ ރިސޯޓް ހަވާލުކުރުމަށް އެންގި އެންގުމަކީ އުސޫލާ ހިލާފަށް އަންގާފައިވާ އެންގުމެއް ކަމަށާއި އެގޮތަށް ސަރުކާރަށް ރިސޯޓް ނަގަން މަސައްކަތްކުރާ މައްސަލަ ވަރަށް އަވަހަށް ކޯޓަށް ވައްދާނެކަމަށް ޔޮކްޓުއާސް މޯލްޑިވުސް އިން ބުނެފި އެވެ.

ޔޮޓްޓްއާޒް މޯލްޑިވްސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން އެކުންފުނީގެ އެގްޒެކްޓިވް ޑިރެކްޓާ އިބްރާހިމް ރަޝީދު ވިދާޅުވީ އެ ދެ ރިސޯޓް ޔޮކްޓުއާސްގެ އަތުން އަތުލުމަށް ސަރުކާރުން ނިންމާފައިވާ ނިންމުމަކީ އުސޫލާ ހިލާފަށް ނިންމާފައިވާ ނިންމުމެއް ކަމަށާއި އެ މައްސަލަ ކޯޓަށް ހުށައެޅުމުގެ މަސައްކަތް ލޯޔަރުން ކުރަމުންދާއިރު މާދަމާ ހިސާބުގައި އެ މައްސަލަ ކޯޓަށް ހުށައަޅާނެ ކަމަށެވެ.

އަދި ޔޮކްޓުއާޒް އިން ކުލި ނުދައްކާ ކަމަށް ބުނާ މައްސަލައަށް ރައްދުދެއްވައި އޭނާ ވިދާޅުވީ ކުރީގެ ސަރުކާރުން ރިސޯޓްތަކުގެ ކުލި ދެއްކުމަށް ފަސޭހަކޮށްދެއްވުމުގެ ގޮތުން އެ ކުންފުއްޏަށް ދޫކޮށްފައިވާ އެހެން ރަށެއްގެ ނުވަތަ ބިމަކަށް ދައްކާފައިވާ އެޑްވާންސް ފައިސާއިން އެ ކުންފުއްޏެއްގެ ދަށުން ހިންގަމުންދާ އެހެން ރިސޯޓްތަކުގެ ނުވަތަ ހޮޓަލުތަކުގެ ކުލީގެ ގޮތުގައި ބޭނުންކުރުމަށް ނިންމާފައިވާ ކަމަށެވެ. އެގޮތުން އެ ކުންފުނިން ގއ. ވަޓަވައްރިހާ އަށް ދައްކާފައިވާ 1.5 މިލިއަން ރުފިޔާ އިން އެ ދެ ރިސޯޓުގެ ކުލީގެ ފައިސާ ކެނޑުމަށް ސަރުކާރަށް އަންގާފައިވާ ކަމަށާއި އަދި އޭރުގެ ސަރުކާރުން އެގޮތަށް ކަންތައް ކުރުމަށް ފިނޭންސް މިނިސްޓްރީއަށް ވެސް އަންގާފައިވާ ކަމަށެވެ.

އެގޮތަށް ޔޮކްޓުއާސް އިން ދީފައިވާ ކުލި ހަމަޖައްސައިދިނުމަށް އޭރުގެ ޓޫރިޒަމް މިނިސްޓާ މަރިޔަމް ޒުލްފާ ފިނޭންސް މިނިސްޓްރީ އަށް ފޮނުވާފައިވާ ސިޓީގެ ކޮޕީގައި ބުނެފައި ވަނީ ގދ. ވަޓަވައްރެހާ އަށް އެޑްވާންސްގެ ގޮތުގައި ދައްކާފައިވާ 155412.50ރ. ތެރެއިން ކުޑަރަށުގެ ކުލީގެ ގޮތުގައި 2011 ވަނަ އަހަރުގެ 1 ޖެނުއަރީން 31 މާޗަށް ވާ 11،843.75 ޑޮލަރާއި އެ އަހަރުގެ 1 އޭޕްރީލުން 30 ޖޫނަށް ވާ 69،182.77 ޑޮލަރާއި 1 ޖުލައި އިން 30 ސެޕްޓެމްބަރަށް ވާ 69،182.77 ޑޮލަރުގެ އިތުރުން އަލިދޫގެ ކުލީގެ ގޮތުގައި 1 އޭޕްރީލުން 30 ޖޫން އަށް 25،000 ޑޮލަރާއި 1 ޖުލައި އިން 30 ސެޕްޓެމްބަރަށް ވާ 25،000 ޑޮލަރާ އެކު ޖުމްލަ 50،209.29 6 ޑޮލަރު ކެނޑުމަށެވެ.

"މިހާތަނަށް ކުރީގައި ކޮށްފައި ހުރި މުއާމަލާތްތައް އެއީ ސައްހަތޯ ނުވަތަ ސައްހަ ނޫން އެއްޗެއްތޯ ވެސް މިހާރު ހުންނެވި މިނިސްޓަރު ނޫނީ މިނިސްޓްރީގެ ފަރާތުން އަޅުގަނޑުމެންނަށް އެންގުމަކާ ނުލައި މި ކަހަލަ ނޯޓިސްއެއް ދީފައި އޭގެ އިތުރަށް އަޅުގަނޑުމެން މުއާމަލާތްކޮށްފައި ނުވާ ވާހަކަ ވިދާޅުވީމާ އަޅުގަނޑުމެން ހިތަށް އަރަނީ މީގެ ކުރީގައި ސަރުކާރެއް ވެސް މިނިސްޓްރީއެއް ވެސް މިނިސްޓަރަކު ވެސް ނެތީބާއޭ،" އިބްރާހީމް ވިދާޅުވި އެވެ.

ޔޮކްޓުއާސް މޯލްޑިވްސް އިން ޓޫރިޒަމް މިނިސްޓްރީއާއެކު މުއާމަލާތް ނުކުރާކަމަށް ޓޫރިޒަމް މިނިސްޓާ އަދީބް ވިދާޅުވި ވިދާޅުވުމަށް ރައްދުދެއްވައި އިބްރާހިމް ވިދާޅުވީ އެކުންފުނީގެ ވެރިޔާ ޖާބިރު ވަޑައިގެން ވެސް ޓޫރިޒަމް މިނިސްޓްރީއާ މަޝްވަރާކޮށްފައިވާނެ ކަމަށެވެ.

އެ ޕްރެސްކޮންފަރެންސްގައި ޔޮކްޓުއާޒްގެ މެނޭޖިން ޑިރެކްޓާ އިބްރާހިމް ޝިހާމް ވިދާޅުވީ އަލިދޫ އާއި ކުޑަރަށުގެ ކުލީގެ ގޮތުގައި ސަރުކާރަށް ދައްކަންޖެހެނީ ޖުމްލަ ދެ މިލިއަން ޑޮލަރު ކަމަށާއި ނަމަވެސް ސަރުކާރުން މިހާރު ފަސް ވަރަކަށް މިލިއަން ރުފިޔާ ދައްކަން ޖެހޭ ކަމަށް ބުނެފައިވާ ކަމަށެވެ. އަދި އެ ގޮތަށް އަންގާފައިވީ ނަމަވެސް އެގޮތަށް ވެފައި ވަނީ ސަރުކާރުގެ އިހުމާލުން އެކުންފުނީގެ ފައިސާތަކެއް ސަރުކާރުގައި ހުރީމާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ސަރުކާރުން ޔޮކްޓުއާސް އަށް މިދިޔަ މަހުގެ 30 ވަނަ ދުވަހު އަންގާފައި ވަނީ ދައުލަތަށް ދައްކަން ޖެހޭ ކުއްޔާއި ޖޫރިމަނާއަށްވާ ގިނަ އަދަދެއްގެ ފައިސާ ދެއްކުމަށް ފަހުގެ ނޯޓިސް ދިނުމުންވެސް ޔޮޓް ޓުއާޒްއިން ހިންގާ ދެ ރިސޯޓަކުން ފައިސާ ދައްކާފައި ނުވާތީ އެ ރަށްތަކުގެ ހުއްދަ ބާތިލްކޮށް ރަށް ސަރުކާރާ ހަވާލުކުރަން ނޯޓިސް ފޮނުވާފައިވާކަމާށެވެ. އަދި ބުނީ ޔޮޓް ޓުއާޒް އިން އެ ފައިސާ ދެއްކޭނެ ގޮތްތަކެއް ހަމަޖެއްސުމަށް މިނިސްޓްރީއާ ވާހަކަ ވެސް ދައްކާފައި ނުވާއިރު ހަ ކުއާޓާއަކަށްވާ ހަތަރު މިލިއަން ޑޮލަރު އެ ދެ ރިސޯޓުން ސަރުކާރަށް ލިބެންޖެހޭ ކަމަށެވެ.